ފުރަތަމަ ސަފްޙާ / ޚަބަރު / ބާސެލޯނާ ބަލިކުރިޔަސް ބެޓިސް އަތުން ރެއާލް މެޑްރިޑް ސަލާމަތެއް ނުވި

ބާސެލޯނާ ބަލިކުރިޔަސް ބެޓިސް އަތުން ރެއާލް މެޑްރިޑް ސަލާމަތެއް ނުވި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 9 މާރޗް 2020

ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސްއާ ވާދަކުރި މެޗުން ރެއާލް މެޑްރިޑް ބަލިވެ ލީގް ޓޭބަލްގެ އެއް ވަނައަށް އަރަން އެ ޓީމަށް ލިބުނު ފުރުސަތު ނަގާލައިފި އެވެ. ރޭ ރަށުން ބޭރުގައި ޓޭބަލްގެ 12 ވަނައިގައި އޮތް ރެއާލް ބެޓިސްއާ ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅުނު މެޗުން އެ ޓީމް ބަލިވީ 1-2 އިންނެވެ.

ހޮނިހިރު ދުވަހުގެ ރޭ ރެއާލް ސޮސިއެޑާޑްއާ ވާދަކޮށް ހަނިގޮތަކަށް މޮޅުވެގެން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން ޓޭބަލްގެ އެއް ވަނަ އަށް އެރިއިރު ރޭ ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށްގެން ރެއާލް މެޑްރިޑަށް ޕޮއިންޓް ޓޭބަލްގެ އެއް ވަނައިގައި އެއް ޕޮއިންޓްގެ ލީޑެއް ނެގެން އޮތެވެ. ލީގުގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑުން މިހާތަނަށް ޖުމްލަ 27 މެޗް ކުޅެފައިވާއިރު ބާސެލޯނާ ޓޭބަލްގެ އެއް ވަނައިގައި މިވަގުތު އޮތީ 58 ޕޮއިންޓާ އެކު އެވެ. ރެއާލް މެޑްރިޑަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. މި ދެޓީމާ އެންމެ ގާތުން ވާދަކުރާ ސެވިއްޔާ ޓޭބަލްގެ ތިން ވަނައިގައި އޮތީ 47 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗްގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ރެއާލް ބެޓިސް އިންނެވެ. މެޗްގެ 40 ވަނަ މިނެޓްގައި އެ ޓީމަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިން ގޯލް ކާމިޔާބުކޮށްދީފައިވަނީ ބެޓިސް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ސިޑްނޭ އެވެ. އެކަމަކު މި ލަނޑު ބެޓިސް އިން ޖެހިތާ މާ ގިނަ އިރެއް ނުވެ ރެއާލް މެޑްރިޑަށް ލިބުނު ޕެނަލްޓީ އަކުން މެޗްގެ ނަތީޖާ އެޓީމުން ހަމަހަމަކުރި އެވެ. މެޗްގެ ފުރަތަމަ ގޯލް ބަޓިސް އަށް ކާމިޔާބުކޮށްދިން އުމުރުން 30 އަހަރުގެ ސިޑްނޭ އޭނާގެ އަމިއްލަ ގައުމުގެ ކުޅުންތެރިއެއް ކަމަށްވާ މާސެލޯ އަށް ކުރި ފައުލަކާ ގުޅިގެން މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ރެއާލް މެޑްރިޑަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ރެއާލް އަށް މެޗް އެއްވަރުކޮށްދިނީ އެ ޓީމްގެ ތަޖްރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ އެވެ.

މެޗްގެ ނަތީޖާ ރެއާލް ބެޓިސް ކޮޅަށް އެނބުރުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބާސެލޯނާގެ ކުރީގެ ފޯވާޑް ކްރިސްޓިއަން ޓީލޯ 82 ވަނަ މިނެޓްގައި ކާމިޔާބުކުރި ގޯލުންނެވެ. ރޭގެ މެޗްގައި ރެއާލް ބެޓިސް އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. އެގޮތުން ބެޓިސްގެ ކުޅުންތެރިއަކު ރެއާލް މެޑްރިޑްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅައެއް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ގޯލްގެ ރޮނގުމަތީގައި ހުރެ ދިފާއުކުރިއިރު ގޯލްކީޕަރު ތިބައޫ ކޯޓުއާ ވެސް ވަނީ ބެޓިސްގެ ނުރައްކާތެރި ހަމަލާއެއް ދިފާއުކޮށްފަ އެވެ.

ބެޓިސް އިން ރޭގެ މެޗްގައި ދެ ވަނަ ފަހަރަށް ލީޑް ނަގައިފައިވަނިކޮށް މެޗްގެ ނަތީޖާ ހަމަހަމަކުރަން ރެއާލް މެޑްރިޑަށް ރަގަޅު ދެ ފުރުސަތެއް ލިބުނެވެ. އެގޮތުން ރެއާލްގެ ފާލަންޑް މެންޑީ ބެޓިސްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅައެއް ބެޓިސްގެ ގޯލްކީޕަރު ޖޮއެލް ރޮބްލެސް ފުންމައިގެން އަރައި ދިފާއުކޮށް ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް ފޮނުވާލިއިރު މެޗް ނިމިނިމި އޮއްވައި ބެންޒެމާ އަށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލުމުން ދިޔައީ ގޯލާ އަމާޒުނުވެ އަރިމަތިން ބޭރަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!