ރޭ ރަށުން ބޭރުގައި ބާންލީއާ ވާދަކޮށް ޓޮޓެންހަމް ހޮޓްސްޕާސް 1-1 އިން އެއްވަރުވި މެޗަށް ފަހު ކޯޗު ހޯސޭ މޮރީނިއޯ އެޓީމުގެ ފްރާންސް މިޑްފީލްޑަރު ޓަންގޭ އެންޑޮމްބެލޭ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ބާންލީގެ ކްރިސް ވުޑް ޖެހި ގޯލާއެކު ފުރަތަމަ ހާފު ނިމުނުއިރު ޓޮޓެންހަމް އޮތީ ފަހަތުގަ އެވެ. އެޓީމުން ދެ ވަނަ ހާފު ފެށީ ރޭ އެޓީމުގެ މެދުތެރޭގައި ހިމެނި އެންޑޮމްބެލޭ އާއި އޮލިވާ ސްކިޕްގެ ބަދަލުގައި ޖިއޮވާނީ ލޮ ސެލްސޯ އާއި ލޫކަސް މޯރާ ކުޅެން އަރުވައިގެންނެވެ. ޓީމަށް ގެނައި ބަދަލުތަކާއެކު ޓޮޓެންހަމުން ވަނީ މެޗުގެ ދެ ވަނަ ހާފުގައި ޑެލީ އަލީ ވައްދާލި ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަދި، ދެ ވަނަ ހާފުގައި އެޓީމުގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިފަ އެވެ.
“ފުރަތަމަ ހާފުގައި އަހަރެމެންގެ މިޑްފީލްޑެއް ނެތް. އަހަރެން މި ދައްކަނީ ސްކިޕްގެ ވާހަކައެއް ނޫން. އެއީ 19 އަހަރުގެ ކުޅުންތެރިއެއް އަދި އޭނާއަށް މިދިޔަ ދުވަސްތަކުގައި ކުޅެން ލިބުނީ އެންމެ ދެ ގަޑިއިރު. އެހެންވީމަ އަހަރެން އޭނާ އަށް އެއްވެސް ފާޑެއް ކިޔާކަށް ނެތިން” އެންޑޮމްބެލޭއާ އެކު މެދުތެރެއަށް ކުޅުނު ޒުވާން މިޑްފީލްޑަރުގެ ދިފާއުގައި ވާހަކަދައްކަމުން މޮރީނިއޯ ބުންޏެވެ.
ސްކިޕް ދިފާއުކުރުމަށް ފަހު މޮރީނިއޯ ވަނީ ރޭގެ މެޗުގައި އެންޑޮމްބެލޭގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ފާޅުގައި ފާޑުކިޔައިފަ އެވެ.
“އަހަރެން އެބަ ޖެހޭ މިހެން ބުން. އެންޑޮމްބެލޭ އެހެން ލެވެލަކަށް ދާން މަދުނުވާ ވަރަށް ފުރުސަތު ލިބިއްޖެ. އަހަރެންނަށް އެނގޭ ޕްރިމިއާ ލީގު އުނދަގޫކަން. އަދި ބައެއް ކުޅުންތެރިން އެހެން ލީގަކަށް ހޭނެއް ދިގު މުއްދަތެއް ނަގާނެކަން ވެސް. އެކަމަކު އެފެންވަރުގެ ކުޅުންތެރިއަކު އެބަޖެހޭ ކުޅުން ރަނގަޅުކުރަން. ބެންޗުން އަރައި ލޫކަސް އާއި ލޮ ސެލްސޯ ކުޅުނު ގޮތަށް. އަހަރެން އެންޑޮމްބެލޭގެ ފަރާތުން އުއްމީދުކުރީ އެއަށްވުރެ ރަނގަޅު ކުޅުމަކަށް” އެންޑޮމްބެލޭ އަށް ފާޑުކިޔަމުން މޮރީނިއޯ ބުންޏެވެ.

މެޗުގައި އެންޑޮމްބެލޭ ވެސްޓް ހޭމްގެ ރޮޑްރިގޭޒް އަތުން ބޯޅަ އަތުލަނީ. ފުރަތަމަ ހާފަށް ފަހު މޮރީނިއޯ ވަނީ އެންޑޮމްބެލޭ ބަދަލުކޮށްފަ
މިދިޔަ ޖުލައި މަހު ފްރާންސްގެ ލިޔޯނުން އެންޑޮމްބެލޭ 54 މިލިއަން ޕައުންޑަށް ޓޮޓެންހަމަށް ބަދަލުވީ ކްލަބް ރެކޯޑް އަގަކަށެވެ. މިހާރު ފްރާންސްގެ ގައުމީ ޓީމުގައި ވެސް ހިމެނޭ 23 އަހަރުގެ އެންޑޮމްބެލޭ ވަނީ ޓޮޓެންހަމްގައި ކުޅޭ ފުރަތަމަ ސީޒަނުގައި މިހާތަނަށް 24 މެޗު ކުޅެދީފަ އެވެ. އެހެންނަމަވެސް ރޭ އޭނާގެ ފަރާތުން ފެނުނު ދަށް ކުޅުމާއެކު ޓޮޓެންހަމްގެ ފުރަތަމަ އެގާރައިން އޭނާ އަށް ދެން ފުރުސަތު ލިބުމުގެ ފުރުސަތު ކުޑަވާނެ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.
“އެންޑޮމްބެލޭ އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް. އޭނަ އަށް އެނގޭނެ ކުޅުން އިތުރަށް ރަނގަޅުކުރަން ޖެހޭކަން. އަނެއްކާ އޭނައަށް އެނގޭނެ އަހަރެންނަށް ދެން ތަކުރާރުކޮށް ފުރުސަތު ނުދެވޭނެކަން ވެސް. ސަބަބަކީ އަހަރެންނަށް މުޅި ޓީމު މާ ބޮޑަށް މުހިއްމުވުން” އެންޑޮމްބެލޭ އަށް ފުރުސަތު ދޭން އުނދަގޫވާނެކަމަށް އިޝާރަތް ކުރަމުން މޮރީނިއޯ ބުންނެވެ.
މޮރީނިއޯ ފާޅުގައި އެންޑޮމްބެލޭ އަށް ފާޑުކިޔުމުން ފުޓްބޯޅައިގެ ބައެއް އެކްސްޕާޓުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އެމީހުން ބުނިގޮތުގައި ޓޮޓެންހަމް އުނދަގޫ ދަނޑިވަޅެއްގައި އޮއްވައި ވަކި ކުޅުންތެރިއަކަށް އެންމެ ރަނގަޅަށް ނުކުޅެވުމުން ކޯޗު އެގޮތަށް ފާޑު ކިޔުމަކީ މައްސަލައެކެވެ. އަނެއްކޮޅުން އެންޑޮމްބެލޭ އަކީ މީގެ ތިން އަހަރު ކުރިން ފްރާންސްގެ ދަށް ޑިވިޝަނެއްގައި ކުޅެފައި އިނގިރޭސި ޕްރިމިއާ ލީގުގެ ބޮޑު ކްލަބަކާ ގުޅުން ކުޅުންތެރިއަކަށް ވާތީ އޭނާ އަށް ވަގުތު ބޭނުންވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ޓޮޓެންހަމްގެ ނަތީޖާތައް ފަހަކަށް އައިސް ދަށްވަމުން އަންނާތީ މޮރީނިއޯ ވަނީ ޓީމުގެ އެކި ކަންކަމަށް މީގެ ކުރިން ވެސް ފާޑުކިޔައިފަ އެވެ. އެޓީމުގެ ކެޕްޓަން އަދި ފޯވާޑް ހެރީ ކޭން އާއި ސޮން ހެއުން މިން އަށް އަނިޔާވެ ކުޅުމާ ދުރުގައި ހުންނަން ޖެހުމުން މޮރީނިއޯ މީގެ ކުރިން ބުނެފައިވަނީ އެޓީމުން ކުޅެނީ ފޯވާޑެއް ނެތި ކަމަށެވެ.
މޮރީނިއޯ މީގެ ކުރިން ކޯޗުކޮށްދިން ކްލަބްތަކުގައި ވެސް ވަނީ ބައެއް ކުޅުންތެރިންނަށް ފާޑުކިޔައި ޓީމުން ފުރުސަތު ދޭން ދެކޮޅު ހަދައިފަ އެވެ. އަދި، މޮރީނިއޯއާ އެކު ކްލަބްތަކުން ހަދާ އެއްބަސްވުން އުވާލުމުގެ ސަބަބަކަށް ގިނަ ފަހަރު ވަނީ ވެސް ޓީމު ތެރޭގައި އޮންނަ މަސްލަހަތު ގެއްލެން ދިމާވާ ޒާތަށް އަމަލުކޮށްފައިވާތީ އެވެ.