ފުރަތަމަ ސަފްޙާ / ޚަބަރު / މެސީ ފަހު ވަގުތު ވައްދާލި ޕެނަލްޓީއާ އެކު ބާސެލޯނާ އެއް ވަނަ އަށް

މެސީ ފަހު ވަގުތު ވައްދާލި ޕެނަލްޓީއާ އެކު ބާސެލޯނާ އެއް ވަނަ އަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 8 މާރޗް 2020

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވާން ދަނިކޮށް މެޗުގެ 81 ވަނަ މިނެޓުގައި ލިއޮނަލް މެސީ ވައްދާލީ ޕެނަލްޓީން މޮޅުވެ ބާސެލޯނާ ލީގު ތާވަލުގެ އެއް ވަނަ އަށް އަލުން އަރައިފި އެވެ.

ލީގުގައި އެންމެ ފަހުން ރެއާލް މެޑްރިޑް އަތުން 2-0 އިން ބަލިވުމުން ބާސެލޯނާ އަށް މިދިޔަ ހަފްތާ އެއް ވަނަ މަގާމް ގެއްލުނުއިރު އެއް މެޗު އިތުރަށް ކުޅެ އެޓީމު މިހާރު އެއް ވަނައިގައި އޮތީ ރެއާލަށް ވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އެކަމަކު މިރޭ ރެއާލް ބެޓިސް ބަލިކޮށް ރެއާލް މެޑްރިޑަށް ލީގު ތާވަލުގެ އެއް ވަނަ އަށް އަލުން އެރޭނެ އެވެ. ބާސެލޯނާ އަށް 27 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު ރެއާލް މެޑްރިޑަށް 26 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ.

އަމިއްލަ ދަނޑުގައި ހޯދި އުނދަގޫ މޮޅުގައި ބާސެލޯނާ އަށް ޕެނަލްޓީ ލިބުނީ އޭރިޔާ ތެރެއިން ސޮސިއެޑާޑްގެ ރޮބިން ލީ ނޯމަންޑުގެ އަތުގައި ބޯޅަ ޖެހުމުންނެވެ. ރެފްރީ ބާސެލޯނާ އަށް ޕެނަލްޓީ ދިނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީ ހޯދުމަށް ފަހު އެވެ. ރޭގެ ގޯލަކީ މި ސީޒަނުގެ ލީގުގައި މެސީ ކާމިޔާބުކުރި 19 ވަނަ ލަނޑެވެ.

މެޗުގައި ބާސެލޯނާގެ ގޯލާ އަމާޒުކޮށް ސޮސިއެޑާޑަށް ފޮނުވާލީ ލެވުނީ އެންމެ ހަމަލާއެކެވެ. އެޓީމަށް ގޯލު ޖަހަން ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި އަލެކްސަންޑަ އިސާކް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. ބާސެލޯނާ އިން ލީޑުގައި އޮއްވައި މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި ޑިފެންޑަރު ޖޯޑީ އަލްބާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް އެވަގުތު ޒުވާން ފޯވާޑް އަންސޫ ފާޓީ އޮފްސައިޑް މަގާމެއްގައި ހުރުމުން ވީއޭއާރުގެ އެހީގައި ވަނީ އެ ގޯލު ކެންސަލްކޮށްފަ އެވެ.

ބާސެލޯނާ އިން ހާއްސަ ހުއްދައެއްގެ ދަށުން ދާދިފަހުން ގެނައި މިޑްލްސްބަރާގެ ކުރީގެ ފޯވާޑް މާޓިން ބްރާތުވެއިޓް ރޭ ވަނީ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ މި ހާފުގައި ފޮނުވާލި ދެ ހަމާލާގެ ހުރަހަކަށްވީ ސޮސިއެޑާޑްގެ ގޯލްކީޕަރު އަލެކްސް ރެމީރޯ އެވެ. އަދި، ދެ ވަނަ ހާފުގައި އިވާން ރަކިޓިޗާއި ގެރާޑް ޕީކޭ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް އަމިއްލަ ދަނޑުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެޗުގެ ކުރީކޮޅު ސެވިއްޔާ އިން ލީޑު ނަގާފައިވަނިކޮށް ފުރަތަމަ ހާފުގައި އެތުލެޓިކޯ އިން ނަތީޖާ އެޓީމު ކޮޅަށް އަނބުރާލީ އަލްވާރޯ މޮރާޓާ އާއި ޔާއޯ ފީލިކްސް ޖެހި ގޯލުތަކުންނެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ސެވިއްޔާ އަށް ލިބުނު ޕެނަލްޓީއަކުން އެޓީމު ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ ފަހަތުން ސްޕެނިޝް ލީގުގެ ތިން ވަނައިގައި އޮތީ 47 ޕޮއިންޓާއެކު ސެވިއްޔާ އެވެ. ހަތަރު ވަނައިގައި 46 ޕޮއިންޓާއެކު ގެޓާފޭ އޮތްއިރު 45 ޕޮއިންޓާއެކު އެތުލެޓިކޯ މިވަގުތު އޮތީ ފަސް ވަނައިގަ އެވެ.

އެތުލެޓިކޯ އަށް ދެން އޮތީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގްގައި ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ. އަންނަ ބުދަ ދުވަހުގެ ރޭ ލިވަޕޫލާ ދެކޮޅަށް އެޓީމު ނުކުންނައިރު އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗު އެޓީމު ވަނީ 1-0 އިން ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!