ފުރަތަމަ ސަފްޙާ / ޚަބަރު / ލިވަޕޫލް އަލުން ފޯމަށް، ދެން ބޭނުންވަނީ ނުވަ ޕޮއިންޓް

ލިވަޕޫލް އަލުން ފޯމަށް، ދެން ބޭނުންވަނީ ނުވަ ޕޮއިންޓް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 7 މާރޗް 2020

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި 2-1 އިން ބޯންމައުތު ބަލިކޮށް ލިވަޕޫލުން މި ސީޒަނުގެ ލީގު ހޯދުމާ ނުވަ ޕޮއިންޓް ގާތަށް ޖެހިލައިފި އެވެ. ލީގުގައި ބާކީ ނުވަ މެޗު ލިވަޕޫލަށް އޮތްއިރު ކުރިއަށް އޮތް ތިން މެޗު ކާމިޔާބުކޮށްގެން ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ކަށަވަރުކުރެވޭނެ އެވެ.

ލިވަޕޫލް މި މެޗަށް ނުކުތްއިރު ލީގުގައި މިދިޔަ ހަފްތާ ރަށުން ބޭރުގައި ވެޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 3-0 އިން ބަލިވެފަ އެވެ. އަދި، އޭގެފަހުން އެފްއޭ ކަޕްގައި ޗެލްސީއާ ވާދަކޮށް 2-0 އިން ބަލިވެ އެ މުބާރާތުން އެޓީމު ވަނީ ކަޓައިފަ އެވެ. އެހެންވެ މިއަދުގެ މެޗަށް އެޓީމު ނުކުތީ މޮޅެއް ހޯދައި ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަންނަ ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުތުމުގެ ކުރިން އިތުބާރު ބޮޑުކުރުމަށެވެ.

މޮޅާއެކު ލިވަޕޫލުން ވަނީ އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގައި ޖެހިޖެހިގެން އަމިއްލަ ދަނޑުގައި އެންމެ ގިނަ މެޗުން މޮޅުވެގެން އެޓީމު 72-1971 ވަނަ ސީޒަނުގައި ހެދި ރެކޯޑް މުގުރާލައިފަ އެވެ. ލިވަޕޫލުން އެފަހަރު 21 މެޗުން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން މޮޅުވިއިރު މިރޭގެ މޮޅާއެކު ރެކޯޑް ހެދީ ޖެހިޖެހިގެން 22 މެޗު އަމިއްލަ ދަނޑުގައި ކާމިޔާބުކޮށްގެންނެވެ. އެންމެ ފަހުން ލިވަޕޫލަށް އެންފިލްޑް ސްޓޭޑިއަމްގައި މޮޅު ނުވެވުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުވި މެޗުގަ އެވެ.

ލިވަޕޫލުން އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގެ ރެކޯޑެއް ހެދިއިރު އެޓީމާ އެންމެ ގާތުން މި ރެކޯޑާ ގާތްކުރާ ތިން ޓީމުން ވަނީ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 20 މޮޅު ހޯދައިފަ އެވެ. އެއީ 2012 ވަނަ އަހަރު މެންޗެސްޓަރ ސިޓީ އާއި 07-1906 ގައި ނިއުކާސަލް ޔުނައިޓެޑް އަދި 92-1891 ގައި ޕްރެސްޓަން ނޯތު އެންޑެވެ.

މެޗު ލިވަޕޫލުން ކާމިޔާބުކުރީ ބޯންމައުތުން ކުރީކޮޅު ގޯލެއް ޖަހާފައިވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ކާމިޔާބުކުރި ދެ ލަނޑުންނެވެ. މެޗުގެ ފުރަތަމަ ގޯލު ބޯންމައުތުގެ ކަލުމް ވިލްސަން ޖެހިއިރު ލިވަޕޫލުން ވަނީ ވިލްސަން އެގޯލު ޖެހުމުގެ ކުރިން ޖޯ ގޯމޭޒަށް ވިލްސަން ފައުލްކުރިކަމަށް އެޕީލްކޮށްފަ އެވެ. އެހެންނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު)  އިން އެ ނިންމުން ބަދަލުކޮށްފައެއްނުވެ އެވެ. ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނީ ސަޑިއޯ މާނޭ ދިން ޕާހަކުން މުހައްމަދު ސަލާހް އެވެ. އޭގެ އިރުކޮޅެއް ފަހުން ވާޖިން ވެން ޑައިކް ދިން ޕާސް ހޯދުމަށް ފަހު ލިވަޕޫލް މޮޅުކޮށްދިން ގޯލު ޖަހައިދިނީ މާނޭ އެވެ.

މިރޭގެ މެޗަކީ ލިވަޕޫލްގެ ޖާޒީގައި ލީގުގައި ސަލާހް ކުޅުނު 100 ވަނަ މެޗެވެ. ބޯންމައުތު ކޮޅަށް ޖެހި ގޯލާއެކު ސަލާހް ވަނީ ފުރަތަމަ 100 މެޗުން 70 ގޯލު ހަމަކޮށްފަ އެވެ. ސަލާހް ވެފައިވަނީ އެ އަދަދަށް މެޗު ކުޅެގެން ލިވަޕޫލަށް އެންމެ ގިނައިން ގޯލު ޖަހައިދިން ކުޅުންތެރިޔާއަށެވެ. ސަލާހްގެ ފަހަތުން ލިސްޓުގެ ދެ ވަނައިގައި އުޅެނީ 100 މެޗުން 63 ގޯލު ޖެހި ކުރީގެ ފޯވާޑް ފެނާންޑޯ ޓޮރޭޒް އެވެ. އަނެއްކޮޅުން ސަލާހް ވަނީ މައިކަލް އޮވެން އަށް ފަހު ޖެހިޖެހިގެން ތިން ސީޒަނުގައި ލިވަޕޫލަށް 20 ގޯލު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ވެސް މިރޭ ހޯދައިފަ އެވެ. ލިވަޕޫލަށް ބަދަލުވެ 18-2017 ސީޒަނުގައި 52 މެޗުން ސަލާހް 44 ގޯލު ކާމިޔާބުކޮށްދިންއިރު މިދިޔަ ސީޒަނުގައި ކުޅުނު 52 މެޗުން ވަނީ 27 ގޯލު ޖަހައިފަ އެވެ. މިސީޒަނުގައި ސަލާހް 20 ގޯލު ހަމަކުރީ ކުޅުނު 32 މެޗުންނެވެ.

މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލުން ހަމަޖެހިގެން ކުޅުނުއިރު އެޓީމަށް ގޯލު ޖަހާނެ މާ ހުސް ފުރުސަތުތަކެއް ތަނަވަހެއް ނުކުރެވުނެވެ. އެކަމަކު މާނޭ އޭރިޔާ ބޭރުން ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ހުރަސް ދަނޑިއާ އަމާޒުވެފަ އެވެ. މި ހާފުގައި ބޯންމައުތުގެ ރަޔަން ފްރޭސާ ލިވަޕޫލްގެ ގޯލްކީޕަރު އެޑްރިއަން ބޯމަތިން ފޮނުވާލި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ތަޖުރިބާކާރު ކުޅުންތެރިޔާ ޖޭމްސް މިލްނާ ވަނީ ގޯލުގެ ރޮނގުމަތިން ސާފުކޮށްލައިފަ އެވެ.

ލީގުގެ އެއް ވަނައިގައި 29 މެޗުން ހޯދި 82 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު އެޓީމާ އެންމެ ގާތުން ވާދަކުރާ މެންޗެސްޓަރ ސިޓީ އަށް 27 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ.

މީގެ 28 އަހަރު ކުރިން 1992 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގަށް ނަން ރީބްރޭންޑް ކޮށްގެން ކުޅެންފެށިފަހުން ލިވަޕޫލަށް ލީގުގެ ޗެމްޕިއަންކަން ހޯދިފައެއްނުވެ އެވެ. އެހެންނަމަވެސް މި ސީޒަނަކީ ލީގު ހޯދުމުގެ ދިގު އިންތިޒާރަށް އެޓީމުން ނިމުން ގެންނާނެ ސީޒަންކަން ގާތްގަނޑަކަށް ވަނީ ކަށަވަރުވެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!