ފުރަތަމަ ސަފްޙާ / ޚަބަރު / ކޮރޯނާ ވައިރަސްގެ ސަބަބުން ޕީއެސްޖީ ގެ މެޗް ފަސްކޮށްފި

ކޮރޯނާ ވައިރަސްގެ ސަބަބުން ޕީއެސްޖީ ގެ މެޗް ފަސްކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 7 މާރޗް 2020

ފްރާންސްގައި ކޮރޯނާ ވައިރަސް ފެތުރެމުން އަންނާތީ ފްރެންޗް ލީގުގައި މިރޭ ސްޓްރަސްބާގް އާއި ޕީއެސްޖީ ވާދަކުރަން ހަމަޖެހިފައި އޮތް މެޗް ފަސްކޮށްފި އެވެ. މިރޭ ރަށުން ބޭރުގައި ޓޭބަލްގެ ދިހަ ވަނައިގައި އޮތް ސްޓްރަސްބާގް އާ ދެކޮޅަށް ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީން ނުކުންނަން ހަމަޖެހިފައި އޮތް މެޗް ފަސްކޮށްފައިވީ ނަމަވެސް އެ މެޗް ފަހުން ކުޅޭނެ ވަކި ތާރީހެއް އަދި ކަނޑައެއް ނާޅަ އެވެ.

މިއީ ކޮރޯނާ ވައިރަހުގެ ސަބަބުން ފްރެންޗް ލީގުގެ މެޗެއް ފަސްކުރި ފުރަތަމަ ފަހަރެވެ. އިއްޔެ އާއި ހަމައަށް ފްރާންސްގައި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 613 އަށް އަރައިފައިވާ އިރު އެ ވައިރަހުގެ ސަބަބުން ފްރާންސް ގައި ނުވަ މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

މި ނުރައްކާތެރި ވައިރަހުގެ ސަބަބުން ފުޓްބޯޅައިގެ އިތުރުން ފްރާންސްގައި ބާއްވަމުން އަންނަ ބައެއް ކުޅިވަރުގެ އެހެން ހަރަކާތްތަކަށްވެސް ވަނީ އަސަރުކޮށްފަ އެވެ. އޭގެ ތެރޭގައި ޕެރިސް މެރެތަން އާއި ޕެރިސް ނީސް ސައިކްލިންގެ ހަރަކާތްތައް ހިމެނެ އެވެ.

ފްރާންސްގައި ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރިދާނެ ކަމުގެ ބިރަށްޓަކައި އެގައުމުގެ އުތުރުގެ ބައެއް ސަރަހައްދުތަކުގައި ހިމެނޭ ސްކޫލްތަކާއި ނާސަރީ ތަކުގެ ކިޔެވުން އަންނަ ހޯމަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ބަންދުކުރަން ނިންމައިފައިވާކަން ފްރާންސްގެ ބޮޑު ވަޒީރު އެޑުއާޑް ފިލިޕޭ ވަނީ އިއުލާންކުރައްވައިފަ އެވެ.

މިރޭ ކުޅެން ހަމަޖެހިފައި އޮތް ޕީއެސްޖީ މެޗް ފަސްކުރި ނަމަވެސް ރޭ ކުޅެން ހަމަޖެހިފައި އޮތް ފްރެންޗް ލީގުގެ މެޗް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މާސޭ އާއި އެމިއެން ވާދަކުރި އެ މެޗް ނިމިފައިވަނީ 2-2 އިން އެއްވަރުވެގެންނެވެ. ފްރާންސްގެ ކަމާ ގުޅޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި ޕީއެސްޖީގެ މެޗް ފަސްކުރަނަ ނިންމީ މެޗް ބަލަން އަންނަ 26،000 ސަޕޯޓަރުންގެ ތެރެއިން ހަތަރު ބައިކުޅަ އެއްބައި މީހުންނަކީ ވައިރަސް އެންމެ ބޮޑަށް ފެތުރެމުން އަންނަ ސަރަހައްދުތަކުން އަންނަ މީހުން ކަމަށްވާތީ ވައިރަސް އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑުވުމާ އެކު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!