ފުރަތަމަ ސަފްޙާ / ޚަބަރު / އަނިޔާގެ ސަބަބުން އެލިސަން އަށް އެތުލެޓިކޯއާ ދެކޮޅަށް ނުކުޅެވޭނެ

އަނިޔާގެ ސަބަބުން އެލިސަން އަށް އެތުލެޓިކޯއާ ދެކޮޅަށް ނުކުޅެވޭނެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 6 މާރޗް 2020

މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ އަށް ލިބުނު އަނިޔާ އަކާއި ގުޅިގެން އަންނަ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ލިވަޕޫލް ކުޅެންޖެހޭ މެޗްގައި އޭނާ އަށް ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.

އުނަގަނޑަށް ލިބުނު އަނިޔާއާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގުގައި ލިވަޕޫލް ކުޅޭ މެޗްގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ އަމިއްލަ ދަނޑުގައި ބޯންމައުތާއި ދެކޮޅަށް ކުޅޭ މެޗުންވެސް އެލިސަން ނުފެންނާނެ އެވެ. އަދި، މި މަހުގެ 16 ވަނަ ދުވަހު ރަށުން ބޭރުގައި އެވަޓަންއާ ދެކޮޅަށް ކުޅެންޖެހޭ މެޗަށްވެސް އެލިސަން ފިޓްވާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގްގައި ރަށުން ބޭރުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗުން 0-1 އިން ލިވަޕޫލް ވަނީ ބަލިވެފަ އެވެ.

“މާދަމާގެ މެޗްގައި އޭނާ އަކަށް ނުކުޅެވޭނެ. އަދި ކުރިއަށް އޮތް ހަފްތާގައިވެސް އޭނާ އަކަށް ނުކުޅެވޭނެ،” އުމުރުން 27 އަހަރުގެ ގޯލްކީޕަރަށް ލިބުނު އަނިޔާއާ ގުޅޭ ގޮތުން ވާހަކަދައްކަމުން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފައިވެ އެވެ.

“އަހަރެމެންނަށް ޖެހޭނީ ހާލަތަށް އަންނަ ބަދަލު ދެނެގަންނަން. ޔަގީނުންވެސް އިންޓަނޭޝަނަލް ބްރޭކަށްފަހު އޭނަ އަށް ކުޅެވޭނެ. އެކަމަކު އޭގެ ކުރިން އޭނަ އަށް ކުޅެވިދާނެތޯ ޖެހޭނީ ބަލަން.” ކްލޮޕް ބުންޏެވެ.

މި ސީޒަނުގައި މިހާތަނަށް ލިވަޕޫލަށް 28 މެޗް ކުޅެފައިވާ ބްރެޒިލްގެ އެލިސަން އަށް އަނިޔާވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗްގެ ކުރިން އޮތް ފަރިތަކުރުމެއްގަ އެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި އިޓަލީގެ ރޯމާ އިން 2018 ވަނަ އަހަރު 68 މިލިއަން ޕައުންޑަށް ލިވަޕޫލަށް ބަދަލުވި އެލިސަން އަށް މިސީޒަން ފެށުނު ތަނާ ލިބުނު އަނިޔާ އަކާއި ގުޅިގެން ނުވަ ހަފްތާ ވަންދެން ވަނީ ކުޅުމާ ދުރުގައި ހުރެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!