ޑެންމާކުގެ ގައުމީ ފުޓްބޯޅަ ޓީމަށް 47 މެޗު ކުޅެދީ ފަސް ގޯލު ޖަހައިދިން ތޯމަސް ކަލެންބާގް ކޮވިޑް-19 އަށް ޕޮސިޓިވްވެ އެގައުމުގެ ފުޓްބޯޅަ އެލާޓަށް އައިސްފި އެވެ. ދުނިޔޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް ކަލެންބާގް ޑައިގްނޯސް ވެފައިވާކަން ކަށަވަރުވެފައިވާއިރު، ޑެންމާކުގެ ކްލަބް ބްރޮންޑީ އިން ވަނީ ކްލަބުގެ އެސިސްޓެންޓް ކޯޗާއި ކުޅުންތެރިއަކު ހިމެނޭ ގޮތަށް 13 މީހަކު ކަރަންޓީނުކޮށްފަ އެވެ.
ބްރޮންޑްބީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް ކްރިސްޓިއަން ޝުލްޓްޒް ވިދާޅުވީ ކަލެންބާގް ވައިރަހަށް ޕޮޒިޓިވްވި ކަމަށް ބެލެވެނީ މިދިޔަ ހަފްތާ ނެދަލެންޑްސްގެ އަމްސްޓެޑަމް އިން ކަމަށާއި، އޭގެ ފަހުން މިދިޔަ އާދީއްތަ ދުވަހު ބްރޮންޑީ އިން އެގައުމުގެ ކްލަބް ލިންގްބީއާ ދެކޮޅަށް ކުޅުނު މެޗު ބަލަން ކަލެންބާގް ޑެންމާކަށް އައި ކަމަށެވެ. ބްރޮންޑްބީ އަށް ކުޅުމަށް ފަހު 2017 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ކަލެންބާގަކީ ގަވައިދުން އޭނާގެ ކުރީގެ ކްލަބް ބަލަމުން އަންނަ ކުޅުންތެރިއެކެވެ.
ކްލަބުން ކަރަންޓީނުގެ ކުރި ކުޅުންތެރިއަކީ 21 އަހަރުގެ ޑިފެންޑަރު ޖޮއެލް ކަބޮންގޯ އެވެ. އަދި، ކަރަންޓީނު ކުރި 13 މީހުންގެ ތެރޭގައި އެސިސްޓެންޓް ކޯޗު މާޓިން ރެޓްރޯވް ވެސް ހިމެނެ އެވެ. މީގެ އިތުރުން އެދުވަހު ބްރޮންޑްބީއާ ދެކޮޅަށް ކުޅުނު ލިންގްބީގެ ތިން ކުޅުންތެރިއަކު ވެސް މިވަގުތު ވަނީ ވައިރަހަށް ޓެސްޓު ކުރުމަށް އެކަހެރިކޮށްފަ އެވެ.
ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބްރޮންޑްބީގެ ޝުލްޓްޒް ވިދާޅުވީ މެޗަށް ފަހު ޑިފެންޑަރު ކަންބޮންގޯ އާއި ކަލެންބާގް ސަލާން ކުރި ކަމަށެވެ. އެ ދެކުޅުންތެރިން ސަލާން ކުރީ މީގެ ކުރިން އެއް ކްލަބަކަށް ކުޅެފައިވާތީ ކަމަށް ކްލަބާ ހަވާލާދީ ބީބީސީން ވަނީ ރިޕޯޓުކޮށްފަ އެވެ.
ކްލަބުން އިތުރަށް ބުނީ ކަރަންޓީނުކުރި 13 މީހުންގެ ތެރޭގައި ކްލަބުގެ ޑޭޓާ އެނަލިސްޓާއި ސައިކޮލޮޖިސްޓްގެ އިތުރުން ނުވަ މުވައްޒަފުންނާއި ޗީފް އެގްޒެކެޓިވް އޮލެ ޕަލްމާ ހިމެނޭކަމަށެވެ.
ލިންގްބީ އިން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުކުރި ތިން ކުޅުންތެރިންނަކީ ވެސް ކަލެންބާގާ ބައްދަލުވެފައިވާ ކުޅުންތެރިން ކަމަށް ވަނީ ބުނެފަ އެވެ. އެ ކްލަބުން މިވަގުތު އެކަހެރި ކޮށްފައިތިބީ މިޑްފީލްޑަރު މާޓިން އޯންސްކޯވް ދެ ޑިފެންޑަރުން ކަމަށްވާ ކެސްޕާ ޖޯގެންސެން އާއި ޕެޓްރިކް ޑަ ސިލްވާ އެވެ.
ކަލެންބާގާ ހަވާލާދީ ބްރޮންޑްބީ އިން ބުނެފައިވަނީ އޭނާގެ ފަރާތުން އެހެން ކުޅުންތެރިން ކަރަންޓީނުކުރަން ޖެހުމުން އެކަމާ ވަރަށް ބޮޑަށް ދެރަވެ ކަލެންބާގް މާފަށް އެދިފައިވާކަމަށެވެ.
ނެދަލެންޑްސް އިން ކަލެންބާގް ގަޔަށް ވައިރަސް އެރިކަމަށް ބެލެވޭއިރު ކުރީގެ ލިވަޕޫލް މިޑްފީލްޑަރު އަދި މިހާރު އަޔަކްސްގެ އެސިސްޓެންޓް ކޯޗު ކްރިސްޓިއަން ޕޮލްސެން ވެސް ވަނީ ކަލެންބާގާ ބައްދަލުކުރުމުގެ ސަބަބުން ވައިރަހަށް ޝައްކު ކުރެވިގެން ކަރަންޓީނުކޮށްފަ އެވެ. މީގެ އިތުރުން އަޔަކްސްގެ ފިޒިއޮލޮޖިސްޓާއި ފިޒިއޮތެރަޕިސްޓެއް ވެސް ވަނީ ވައިރަހަށް ޝައްކުވެގެން ކަރަންޓީނުކޮށްފަ އެވެ.
ކޮރޯނާވައިރަސް ހަލުވިކަމާއެކު މުޅި ދުނިޔެއަށް ފެތުރެމުންދާއިރު ބައެއް ގައުމުތަކުގައި އަންނަނީ ކުޅިވަރުގެ ހަރަކާތްތައް ސަޕޯޓަރުން ނުވައްދައި ކުރިއަށް ގެންދަމުންނެވެ. މިވަގުތު މި ވައިރަހުގެ ސަބަބުން ކުޅިވަރަށް އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އިޓަލީ އަށެވެ. އެ ގައުމުން ވަނީ އެއްވެސް ކުޅިވަރު ހަރަކާތަކަށް ސަޕޯޓަރުން ނުވައްދަން ނިންމައި ކުޅިވަރުގެ މުހިއްމު އިވެންޓުތައް ކެންސަލްކޮށްފަ އެވެ. އޭގެތެރޭގައި އެ ގައުމުގެ ލީގުގެ މުހިއްމު ގިނަ މެޗުތަކެއް ވެސް ހިމެނެ އެވެ.
މިހާތަނަށް 90 ހާހަށް ވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވާކަމަށް ރިޕޯޓުތައް ބުނާއިރު 88 ގައުމަކުން މި ބަލި ވަނީ ފެނިފަ އެވެ.