ފުރަތަމަ ސަފްޙާ / ޚަބަރު / އެނބުރި އައުމުގެ މަސައްކަތް ވަރުގަދަކޮށް ނިއު ރޭޑިއަންޓުން އާ ޗެއާމަނަކު ހަމަޖައްސައިފި

އެނބުރި އައުމުގެ މަސައްކަތް ވަރުގަދަކޮށް ނިއު ރޭޑިއަންޓުން އާ ޗެއާމަނަކު ހަމަޖައްސައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 4 މާރޗް 2020

ފުޓްބޯޅައިން ސަސްޕެންޑް ކޮށްފައިވާ ރާއްޖޭގެ އެންމެ މަގްބޫލު ކްލަބް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަލުން ގެންނަން ފެށި މަސައްކަތް ވަރުގަދަކޮށް އެ ކްލަބުގެ ޗެއާމަނުގެ މަގާމަށް ހދ. ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހަމަޖައްސައިފި އެވެ. ނިއު ރޭޑިއަންޓުގެ ޒަމާންވި ސަޕޯޓަރު ޗެއާމަންގެ މަގާމަށް ހަމަޖެއްސިކަން ރޭ އެ ކްލަބުން ވަނީ އިއުލާންކޮށްފަ އެވެ.

ޗެއާމަންގެ މަގާމަށް މޮސްޓާ ހަމަޖެއްސުމުގެ އިތުރުން އެ ކްލަބުން ވަނީ ވައިސް ޗެއާމަނާއި ހަތް ބޯޑު މެމްބަރުން ވެސް ހަމަޖައްސައިފަ އެވެ. ވައިސް ޗެއާމަނަކަށް ހަމަޖެއްސީ ކުރިން އެކްޓިން ޗެއާމަނުގެ މަގާމުގައި ހުންނެވި ސައްޔިދު އަލީ އެވެ. ބޯޑު މެމްބަރުންގެ ގޮތުގައި ހަމަޖެއްސީ ޒަހީނުއްދީން ސައީދު، ހުސައިން ޝާމް އާދަމް، ހަސަން ހުސައިން، އަބްދުލްމުއިޒް މުސްތަފާ، އަހުމަދު ޝިޔާމް، އަހުމަދު ވާސިފް އަދި އިސްމާއީލް ރަޝީދު އެވެ.

މޮސްޓާ 2013 ވަނަ އަހަރު ނިއު އިން ހޯދި ތައްޓަކާއެކު އޭރުގެ ޗެއާމަން އަލީ ވަހީދު (ބަލަކް)އާ އެކު.

ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ނުދީ އޮތްކަމަށް ބުނެ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިދީފައިވާ ބާރުގެ ދަށުން އެ ކްލަބް އެފްއޭއެމުން ހިންގާ ހުރިހާ ކުޅިވަރު ހަރަކާތްތަކުން ސަސްޕެންޑް ކުރަން ނިންމީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭގެފަހުން އެފްއޭއެމްގެ ނިންމުމަށް ތާއިދުކޮށް މި އަހަރުގެ ކޮންގްރެސްގެ ނިޔަލަށް ނިއު ރޭޑިއަންޓުގެ ސަސްޕެންޝަން ދަމަހައްޓަން ގިނަ ކްލަބްތަކުގެ ވޯޓުން ވަނީ މިދިޔަ އޭޕްރީލް މަހު ވަނީ ނިންމައިފަ އެވެ. އެހެންވެ މިހާރު ކުރިއަށްދާ ފުޓްބޯޅަ ސީޒަނުގައި ވާދަކުރުމުގެ ފުރުސަތު އެޓީމަށް ގެއްލުނެވެ.

ރާއްޖޭގައި އެންމެ ސަޕޯޓަރުން ގިނަ ކްލަބް އަނބުރާ ގެންނަން މި ސީޒަން ފެށުމުގެ ކުރިން މަސައްކަތްތަކެއް ފެށި އެވެ. މިގޮތުން މިދިޔަ މެއި މަހު އެ ކްލަބުން ވަނީ ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމުގައި ހުންނެވި ސައްޔިދު އަލީ އެކްޓިން ޗެއާމަންކަމަށް އައްޔަންކޮށްފަ އެވެ. އެފަހަރު މޮސްޓާ ހަމަޖެއްސީ ސަޕޯޓަރުންގެ ކޮމިޓީއެއް އެކުލަވާލައި ކޮމިޓީގެ ޗެއާމަނަކަށެވެ. ނިއު ރޭޑިއަންޓް ކުރިއަށް އޮތް ސީޒަނަށް އަލުން ގެނައުމަށް ކުރާ މަސައްކަތުގައި ސަޕޯޓަރުންނާއެކު މިހާރު އެންމެ އިސްކޮށް މަސައްކަތް ކުރައްވަނީ ވެސް މޮސްޓާ އެވެ.

Alhamdulillah…
Hayaathuga emme baynun vi dhevana kan thah ves haasiluvejje. pic.twitter.com/PSuVenG9pE

— Mohamed Nasheed Abdulla ( MosTaaA ) (@MNA_MosTaaA) March 3, 2020

ބޮޑު ދަރަންޏަކާއެކު އެޓީމު މިހާރު ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ. ޓީމު އަނބުރާ ގެނައުމަށް ނިއުގެ ސަޕޯޓަރުން މިހާރު އަންނަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ސަޕޯޓަރުންގެ ގްރޫޕުން ބުނެފައިވަނީ ކްލަބް އަނބުރާ ގެނައުމަށް ފަސް މިލިއަން ބޭނުންވާ ކަމަށެވެ. މިހާރު ސަޕޯޓަރުން އިސްވެ ކުރާ މަސައްކަތުގައި ގިނަ ބައެއްގެ އެހީތެރިކަން އަންނަނީ ލިބެމުންނެވެ. އެހެންނަމަވެސް ކްލަބް އަލުން ސަލާމަތްކުރަން ބޭނުންވާ ފަސް މިލިއަން ހަމަކުރުމަށް އެޓީމުގެ ސަޕޯޓަރުންނަށް މުޅި ރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުންނާއި ވިޔަފާރިވެރިންގެ އެހީ ބޭނުންވެ އެވެ. ސަޕޯޓަރުންގެ މަސައްކަތް ބަލައިގަނެ ނިއު ރޭޑިއަންޓް އަލުން ފުޓްބޯޅަ އަށް ގެންނަން ބޭނުންވާކަން ރާއްޖޭގެ ބައެއް ކްލަބްތަކުންނާއި މަޖިލިސް މެމްބަރުން ވެސް އަންނަނީ ހާމަކުރަމުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!