ފުރަތަމަ ސަފްޙާ / ޚަބަރު / މާޔޫސްކަމުގައި އޮތް ލިވަޕޫލް ކަޓުވާލުމަށް ފަހު ޗެލްސީ ކުއާޓާ ފައިނަލަށް

މާޔޫސްކަމުގައި އޮތް ލިވަޕޫލް ކަޓުވާލުމަށް ފަހު ޗެލްސީ ކުއާޓާ ފައިނަލަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 4 މާރޗް 2020

އިނގިރޭސި އެފްއޭ ކަޕްގެ ގަދަ 16 ގެ މެޗުގައި ރޭ އަމިއްލަ ދަނޑުގައި 2-0 އިން ލިވަޕޫލް ބަލިކޮށް ޗެލްސީ މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
ޗެލްސީ އަތުން ބަލިވިއިރު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް ވަނީ ވެޓްފޯޑް އަތުން ރަށުން ބޭރުގައި 3-0 އިން ބަލިވެފަ އެވެ. ވެޓްފޯޑް އަތުން ލިވަޕޫލް ބަލިވީ ލީގުގައި ބަލިނުވެ 44 މެޗު ހަމަކުރުމަށް ފަހު އެވެ. އަނެއްކޮޅުން އެ މެޗަކީ މި ސީޒަނުގެ ލީގުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ.

ރޭގެ މެޗަށް ލިވަޕޫލުން ނުކުތީ ވެޓްފޯޑާ ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ހަތް ބަދަލެއް ގެނެސްގެންނެވެ. އެޓީމުގެ ގޯލު އެޑްރިއަން ބެލެހެއްޓިއިރު މުހައްމަދު ސަލާހް އާއި ރޮބާޓޯ ފިރްމީނޯ ދެ ވަނަ ހާފުގައި ކުޅެން އެރީ ބެންޗުންނެވެ. ޗެލްސީ ޓީމުން ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ އަށް ފުރުސަތުދީފަ އެވެ. އަދި، ޗެލްސީގެ ފުރަތަމަ އެގާރައިން ލަމްޕާޑް ފުރުސަތުދިން ސްކޮޓްލެންޑުގެ 18 އަހަރުގެ މިޑްފީލްޑަރު ބިލީ ގިލްމޯ ރޭ ވަނީ މުޅި މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗުގައި ޗެލްސީން ވަނީ ކޮންމެ ހާފެއްގައި ގޯލެއް ޖަހައިފަ އެވެ. ފުރަތަމަ ހާފުގައި ޗެލްސީ އަށް ލީޑު ނަގައިދިން ގޯލު ޖެހީ ވިލިއަން އެވެ. އޭރިޔާ ބޭރުން ލިވަޕޫލްގެ މިޑްފީލްޑަރު ފަބީނިއޯ އަތުން ދޫވި ބޯޅަ ހޯދުމަށް ފަހު ގޯލުގެ މެދަށް ވިލިއަން ފޮނުވާލި ބޯޅަ އެތެރެއަށް ވަނީ ލިވަޕޫލްގެ ކީޕަރު އެޑްރިއަންގެ އަތުގައި ޖެހިފަ އެވެ. މި ހާފުގައި ޗެލްސީ އަށް މައްސަލަ ކުރިމަތިވީ މަޓެއޮ ކޮވަސިޗަށް އަނިޔާވެ ބަދަލުކުރަން ޖެހުމެވެ. ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ފެނުނުއިރު ލިވަޕޫލުން ފޮނުވާލި ހަމަލާތަކުގައި އަރިޒަބަލާގާ ވަނީ މޮޅު ސޭވްތަކެއްކޮށްފަ އެވެ.

ދެ ވަނަ ހާފުގައި ޗެލްސީގެ ވިލިއަން އަށް އަނިޔާވެ އޭނާގެ ބަދަލުގައި ޖޯޖީނިއޯ ވަނީ ކުޅެން އަރުވައިފަ އެވެ. މި ހާފުގައި ޗެލްސީގެ ގޯލު ޖަހައިދިނީ ރޮސް ބާކްލީ އެވެ. ލިވަޕޫލްގެ ބިޔަ ޑިފެންޑަރު ވާޖިލް ވެން ޑައިކް ބޮލުން ޖައްސާލި ބޯޅަ ހާފް މެދުން ހޯދުމަށް ފަހު ހިފައިގެން ގޮސް ބާކްލޭ އެ ބޯޅަ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ.

ޗެލްސީގެ ފަހު ގޯލު ޖެހި ބާކްލީ އަކީ ލިވަޕޫލާ ވާދަވެރި އެވަޓަން އިން ޗެލްސީ އަށް ބަދަލުވި ކުޅުންތެރިއެކެވެ. މެޗަށް ފަހު ބާކްލީ ބުނީ ލިވަޕޫލް ކޮޅަށް ގޯލު ޖެހުމަކީ އަބަދުވެސް އޭނާގެ ހުވަފެނެއް ކަމަށެވެ.

“މިއީ ޗެލްސީ އަށް ވަރަށް މުހިއްމު ނަތީޖާއެއް. މިދިޔަ ދެ މެޗުގައި ދަށްކޮށް ދިޔައީމަ މިރޭ ރަނގަޅު ކުޅުމެއް ދައްކަން ޗެލްސީ އަށް މުހިއްމުވި. ލިވަޕޫލާ ދެކޮޅަށް ގޯލު ޖެހުމަކީ އަހަރެންނަށް ލިބުނު ބޮޑު އުފަލެއް. އެވަޓަން ސަޕޯޓަރެއްގެ ގޮތުގައި ލިވަޕޫލް ކޮޅަށް ގޯލު ޖެހުމަކީ އަބަދުވެސް އަހަރެންގެ ހުވަފެނެއް” ލިވަޕޫޕް ކޮޅަށް ވައްދާލި މޮޅު ގޯލަށް އިޝާރާތް ކުރަމުން ބާކްލީ ބުންޏެވެ.

ލިވަޕޫލް ވަނީ ރަށުން ބޭރުގައި އެޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ. އަދި މިރޭގެ މެޗުން ވީ ބައްޔާއެކު ލިވަޕޫލް މި ސީޒަނުގައި މިހާތަނަށް ވަނީ ހަ މެޗުން ބަލިވެފަ އެވެ. އެއީ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި މެންޗެސްޓަރ ސިޓީއާ ވާދަކުރި މެޗާއި ލީގުގައި ވެޓްފޯޑާ ކުޅުނު މެޗުގެ އިތުރުން ލީގު ކަޕްގައި އެސްޓަން ވިލާއާ ވާދަކުރި މެޗާއި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ނަޕޯލީގެ އިތުރުން އަތުލެޓިކޯ މެޑްރިޑާ ވާދަކޮށް ބަލިވި މެޗެވެ. މި ހުރިހާ މެޗަކުން ވެސް ލިވަޕޫލް ބަލިވީ ރަށުން ބޭރުގަ އެވެ.

“މިއީ މުޅި ސީޒަނަށް ބަލާއިރު އެންމެ ރަނގަޅު ތިން ހަފްތާއެއް ނޫން. އެކަމަކު މިކަން ރަނގަޅުކޮށް ދެންހުރި ހަފްތާތައް ރަނގަޅު ކުރުމަށް އަހަރެމެނަށް ޕްލޭން ހެދޭނެ. އެތުލެޓިކޯ މެޑްރިޑް މެޗާމެދު ނުވިސްނަން. ހުރިހާ ސަމާލުކަމެއް ހުރީ ދެން ކުޅެން އޮތް ބޯންމައުތު މެޗަށް. ޗެލްސީއާ ދެކޮޅަށް އެޓީމުން ލީ ހުރިހާ ހިތްވަރެއް ލިވަޕޫލާ ދެކޮޅަށް ވެސް ނެރޭނެ” މެޗަށް ފަހު ކްލޮޕް ބުންޏެވެ.

އެފްއޭ ކަޕްގެ އެހެން މެޗުތަކަށް ބަލާއިރު ހޯމަ ދުވަހުގެ ރޭ އާސެނަލް ވަނީ ރަށުން ބޭރުގައި 2-0 އިން ޕޯޓްސްމައުތު ބަލިކޮށް ކުއާޓާ އިން ޖާގަ ހޯދައިފަ އެވެ. ރޭ ކުޅުނު މެޗުތަކުން މޮޅުވެ ލީގުގައި ވާދަކުރާ ޝެފީލްޑް ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑުން ވެސް ވަނީ ކުއާޓާ ފައިނަލް ޔަގީންކޮށްފަ އެވެ. ރަށުން ބޭރުގައި އިތުރު ވަގުތުގެ ކުޅުނު ފުރަތަމަ ހާފުގައި ޖެހި ގޯލުން ޝެފީލްޑް 2-1 އިން މޮޅުވީ ރެޑިން އަތުންނެވެ. ނިއުކާސަލް ވަނީ ރޭ ރަށުން ބޭރުގައި ވެސްޓް ބްރޮމް 3-2 އިން ބަލިކޮށްފަ އެވެ.

އެފްއޭ ކަޕްގެ ގަދަ 16 ގައި މިރޭ ވެސް ތިން މެޗު ކުޅޭނެ އެވެ. އެއީ ލެސްޓާ ސިޓީއާ ބާމިންހަމް ވާދަކުރާ މެޗާއި ޝެފީލްޑް ވެނިސްޑޭ އާއި މެންޗެސްޓަރ ސިޓީ ވާދަކުރާ މެޗުގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާސް އާއި ނޯވިޗް ސިޓީ ކުޅޭ މެޗެވެ. މި ބުރުގެ ފަހު މެޗުގައި މާދަމާ ރޭ މެންޗެސްޓަރ ޔުނައިޓެޑް ނުކުންނާނީ ޑާބީ ކައުންޓީއާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!