އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެޓްފޯޑް އަތުން 0-3 އިން ލިވަޕޫލް ބަލިވެފައި ވަނިކޮށް ރޭ ކުޅުނު އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގެ މެޗުގައި ޗެލްސީއާ ވާދަކޮށް 0-2 އިން ބަލިވެ މުބާރާތުން އެ ޓީމު ކެޓުމާއެކު އެންމެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދައްކަން ފެށި އެއް ވާހަކައަކީ މެންޗެސްޓާ ޔުނައިޓެޑަށް ސަޕޯޓްކުރާ އުމުރުން އެންމެ 10 އަހަރުގެ ކުއްޖަކު ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕަށް ފޮނުވި ސިޓީގެ ވާހަކަ އެވެ.
އިނގިރޭސި ވިލާތަށް އުފަން ޑެރާގް ކާލީ ކްލޮޕަށް ފޮނުވި ސިޓީގައި ލިވަޕޫލްގެ ކޯޗްގެ ކިބައިން އެދިފައިވަނީ ލިވަޕޫލް ބަލިވާނެ ކޮންމެވެސް ގޮތެއް ހަދައިދިނުމަށެވެ. އެނގިފައިވާ ގޮތުގައި ކްލޮޕަށް އެޑްރެސްކޮށް ކާލީ އެ ސިޓީ ފޮނުވައިފައިވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެކަމަކު ކްލޮޕަށް ޑެރާގް ފޮނުވި ސިޓީގެ ވާހަކަ މީޑިއާ އަށް ތިލަވީ އެ ސިޓީއަށް ލިވަޕޫލްގެ ކޯޗް ޖަރުމަނަށް އުފަން އުމުރުން 52 އަހަރުގެ ކްލޮޕް ޖަވާބު ދިން ހިސާބުންނެވެ.
ކޮންމެއަކަސް މިކަމަށް އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓެން މިހާރު ދިމާވެފައި އޮތް ހަމައެކަނި ސަބަބަކީ އެ ސިޓީއަށް ފަހު ލިވަޕޫލަށް ކުރިމަތިވަމުން އަންނަ ބަދު ނަސީބު ހާލަތެވެ. މީޑިއާ ރިޕޯޓްތަކުން އެނގޭގޮތުގައި ޑެރާގް، ކްލޮޕަށް އެ ސިޓީ ފޮނުވައިފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ރަށުން ބޭރުގައި ލިވަޕޫލުން ކުޅުނު މެޗްގެ ކުރިންނެވެ. އޭގެ ފަހުން މިހާތަނަށް ލިވަޕޫލް ހަތަރު މެޗް ކުޅުނު އިރު އޭގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފަ އެވެ. ފުރަތަމަ އެތުލެޓިކޯ މެޑްރިޑް އަތުން 0-1 އިން ބަލިވިއިރު ދެން ލިވަޕޫލާއި ކުރިމަތިލާންޖެހުނީ މި ސީޒަންގައި އެޓީމަށް ކުރިމަތިވި އެންމެ ހިތްދަތި ބައްޔާ އެވެ. ރަށުން ބޭރުގައި ވެޓްފޯޑް އަތުން ބަލިވުމާއެކު މެޗަކުން ބަލިނުވެ ސީޒަން ނިންމާލުމަށް ލިވަޕޫލުން ދެކެމުން އައި ހުވަފެން ބިލާހަކަށް ވުމުންނެވެ. އެއާއެކު ރޭ ކުޅުނު އެފްއޭ ކަޕް މެޗްގައި ޗެލްސީ އަތުން 0-2 އިން ބަލިވެ މުބާރާތުގައި އިތުރަށް ކުރިއަށްދިއުމުގެ ފުރުސަތު ގެއްލުމާއެކު ލިވަޕޫލަށް އިތުރު މާޔޫސްކަމަކާ މިވަނީ ކުރިމަތިވެފަ އެވެ.

ޑެރާގަށް ކްލޮޕް ފޮނުވި ސިޓީ ހިފަަހައްޓައިގެން.
މި ތިން ބަލީގެ ތެރެއިންވެސް ކްލޮޕަށް ސިޓީ ފޮނުވި ޔުނައިޓެޑް ކުޑަކުޑަ ސަޕޯޓަރުގެ ހިތަށް އެންމެ ބޮޑު ފިނިކަމެއް ގެނެސްދޭނެ ބައްޔަކަށް ވާނެ ކަމަށް ބެލެވެނީ ޕްރިމިއާ ލީގުގައި ވެޓްފޯޑް އަތުން ލިވަޕޫލް ވީ ބައްޔެވެ. އުމުރުން 10 އަހަރުގެ ޑެރާގްގެ ހިތަށް އެންމެ ބޮޑަށް އަސަރު ކުރުވި ކަމަކަށްވީ ޕްރިމިއާ ލީގުގައި އެއްވެސް މެޗަކުން ބަލި ނުވެ ލިވަޕޫލް ދަމަހައްޓަމުން އައި ރެކޯޑެވެ. ކާލީ، ކްލޮޕަށް ސިޓީ ފޮނުވިއިރު ޕްރިމިއާ ލީގުގައި މި ސީޒަނުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ނޫން ހުރިހާ މެޗެއްވެސް އޮތީ ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އެޓީމުން އޭރު އޮތީ ލީގުގައި ޖެހިޖެހިގެން 17 މެޗް ކާމިޔާބުކޮށް ޕްރިމިއާ ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވެގެން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ހަދައިފައިވާ ރެކޯޑާއި އެއްވަރު ކުރަން އެންމެ މެޗަކަށް ވެފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އޭރު ލިވަޕޫލުން ދަމަހައްޓަމުން އަންނަ އާދަޔާހިލާފް ފޯމާއެކު ފަސޭހައިން އެޓީމް މެޗަކުން ބަލި ނުވާނެ ކަމުގެ ބިރު ހީވެފައި އޮތުމުން އުމުރުން 10 އަހަރުގެ ޑެރާގް ކްލޮޕަށް ފޮނުވި ސިޓީގައި ލިޔެފައިވަނީ ލިވަޕޫލް ހުރިހާ މެޗަކުން މޮޅުވަމުން އަންނާތީ ޔުނައިޓެޑްގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން އޭނާ ދެރަވާ ކަމަށެވެ.
“ލިވަޕޫލުން މާ ގިނަ މެޗް ތިޔަ ކާމިޔާބުކުރަނީ. އަދި އިތުރަށް ނުވަ މެޗް ތިޔަ ޓީމުން ކާމިޔާބުކޮށްފިނަމަ ޕްރިމިއާ ލީގުގައި ބަލި ނުވެ އެންމެ ގިނަ މެޗް ހަމަކުރި ޓީމުގެ ރިކޯޑް ތިޔަ ޓީމަށް ލިބޭނެ. ޔުނައިޓެޑްގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން އެއީ އަހަރެން ވަރަށް ދެރަވާ ކަމެއް. އެހެންވީމަ ދެން ލިވަޕޫލް ކުޅޭ ފަހަރަކުން ޓީމް ބަލިވާނެ ގޮތެއް ހަދައިދީ. ހަމައެކަނި ކުރަންވީ ކަމަކީ އިދިކޮޅު ޓީމަށް ލަނޑު ޖަހަން ފުރުސަތު ދޭންވީ. އަހަރެން ހީކުރަން ދެން އެހެން މެޗެއް ތިޔަ ޓީމަށް ކާމިޔާބު ނުވާނެ ކަމަށް.” ކްލޮޕަށް ޑެރާގް ފޮނުވި ސިޓީގައި ލިޔެފައިވެ އެވެ.
ޑެރާގް ފޮނުވި ސިޓީގެ ޖަވާބުގައި ކްލޮޕް ވަނީ ލިވަޕޫލް ބަލިވާން އޭނާ އަށް ފުރުސަތު ދެވެން ނެތް ސަބަބު ތަފްސީލްކޮށް ކިޔައިދީފަ އެވެ. އަދި ޑެރާގް އަށް ޖަވާބު ދިނުމުގެ ގޮތުން ފޮނުވި ސިޓީގައި އެކަހަލަ ސަޕޯޓަރަކު ހުރުމަކީ ޔުނައިޓެޑަށް ލިބޭ ނަސީބެއް ކަމަށްވެސް ކްލޮޕް ލިޔެފައިވެ އެވެ.
“ތިޔަ ފަރާތުން ލިވަޕޫލް ބަލިވާން އެދޭ މިންވަރަށް އަހަރެންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް އެއީ ލިވަޕޫލް މޮޅުކުރަން އަހަރެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން. އަދި އެކަން އަހަރެން އެގޮތަށް ކުރަން އެދޭ އެތައް މިލިއަން ސަޕޯޓަރުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިބި. އެހެންވީމަ އެމީހުން މާޔޫސްވާނެ ގޮތެއް ވިޔަދޭކަށް އަހަރެން ބޭނުމެއް ނޫން. ތިޔަ ފަރާތުގެ ކިބައިގައި ފުޓްބޯޅައަށް އަދި މެންޗެސްޓާ ޔުނައިޓެޑަށް ތިޔަ ހުރި ލޯތްބަކީ ގައިމުވެސް ބަދަލު ނުވާނެ އެއްޗެއް ކަން އަހަރެންނަށް ވަރަށް ރަގަޅަށް އެގޭ. ތިޔަ ކަހަލަ ސަޕޯޓަރެއް ހުރުމަކީ މެންޗެސްޓާ ޔުނައިޓެޑަށް ލިބޭ ނަސީބެއް” ކްލޮޕްގެ ސިޓީގައި ބުނެފައިވެ އެވެ.
“އަހަރެމެންނަކީ ދަނޑުމަތީގަ ވާދަވެރިންކަމުގަ ވިޔަސް އަހަރެމެން އެއް ބަޔަކު އަނެއް ބަޔަކަށް ވަރަށް އިހުތިރާމް ކުރަން. މިއީ އަހަރެންނަށް ފުޓްބޯޅައިގަ އެންމެ ކަމުދާ ކަމަކީ” ކްލޮޕްގެ ސިޓީގައި އިތުރަށް ބުނެފައިވެ އެވެ.
ޑެރާގް، ކްލޮޕަށް ފޮނުވި ސިޓީ އަކީ ސްކޫލްގައި ދިން އެސައިންމަންޓަކާއި ގުޅިގެން ލިޔުނު އެއްޗެކެވެ. އެ ސިޓީ ކްލޮޕް ކިޔައިފާނެ ކަމަކަށްވެސް ޑެރާގްގެ މައިންބަފައިން ކުރިން ހީކޮށްފައެއް ވެސް ނެތެވެ.
“އެއްދުވަހަކު އަހަރެންގެ އަންހެނުން ޓްރިސިއާ އަވަށުގައި ހުންނަ ޕޯސްޓް އޮފީހެއްގައި ހުއްޓާ އެތަނުން ބުނީ ޑެރާގް ކާލީ އަށް އެޑްރެސް ކޮށްފަ އޮތް ސިޓީ އެއް އައިސްފައި އޮތް ވާހަކަ. އެވަގުތު އަންހެނުންގެ ހިތަށް އެރީ ކާކު ބާއޭ ޕޯސްޓް އޮފީސް މެދުވެރިކޮށް ޑެރާގަށް ސިޓީއެއް އެ ފޮނުވީ. ދެން ދަރިފުޅު ބުނީ އެ ވާނީ ޔާގެން ކްލޮޕް އަށޭ” ކާލީގެ ބައްޕަ ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.