މި މަހުގެ 11 ވަނަ ދުވަހު ފަށާ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އިން ދެ ވަނަ ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައި ގައުމީ ފުޓްބޯޅަ ސްކޮޑުން ފުރުސަތު ހޯދި އާދަމް ނިޒާމް (ކިތުނާ) ގެންނަން ނިންމައިފި އެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ކުރިން ކިތުނާ މާޒިޔާގެ ލިސްޓަށް އިތުރުކުރަން އެ ކްލަބުން ނިންމީ އަނިޔާގެ ސަބަބުން ހަ މަހަށް ވުރެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހިފައިވާ ކެޕްޓަން އަސަދުﷲ އަބްދުﷲ ނެތްތަން ފޫބެއްދުމަށެވެ.
ކިތުނާ ގެންނަން މާޒިޔާ އިން ނިންމި ނަމަވެސް އަދި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފައެއްނުވެ އެވެ. އެކަމަކު މާޒިއާއާ އެކު ކުރު މުއްދަތެއްގެ އެއްބަސްވުމަކަށް ދާން ކިތުނާ މިހާރު އެއްބަސްވެފައިވާކަން މި ނޫހަށް ވަނީ ޔަގީންވެފަ އެވެ. ރާއްޖޭގެ ޓްރާންސްފާ ބާޒާރު މިހާރު ނިމިފައިވާތީ ކުރިއަށް އޮތް އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގައި ކިތުނާ އަށް މާޒިޔާ ޓީމަށް ނުކުޅެވޭނެ އެވެ. އެހެންނަމަވެސް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ކުރިން ލިސްޓަށް ބަދަލު ގެނެވޭތީ މާޒިޔާއިން ނިންމީ އެ މުބާރާތުގެ މެޗުތަކުގައި ކިތުނާގެ ބޭނުން ކުރުމަށެވެ.
އޭއެފްސީ ކަޕަށް މާޒިޔާ ކޮލިފައިވީ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި ޕްލޭއޮފް ބުރުގައި ވަރުގަދަ ބެންގަލޫރުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް އަމާޒުހިފައި ޖެނުއަރީ 15 ވަނަ ދުވަހު ނިމުނު ރާއްޖޭގެ ޓްރާންސްފާ ބާޒާރުގައި މާޒިޔާއިން ވަނީ ބިދޭސީ ދެ ޑިފެންޑަރުންނާއި ރާއްޖޭގެ ގައުމީ ޓީމުގެ މުހިއްމު މިޑްފީލްޑަރު އިބްރާހީމް އައިސަމް އަދި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ޑިފެންޑަރު މުހައްމަދު ސާމިރު ގެނެސްފަ އެވެ. މުހިއްމު ފޯވާޑް އަސަދުﷲ އަށް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހުނީ ބެންގަލޫރާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގެ ކުރީކޮޅު އަނިޔާވުމުންނެވެ. އަނިޔާވެ އަސަދުﷲ އަށް ސީޒަން ނިމުނުއިރު އޭނާ ވަނީ މާޒިޔާ އަށް 13 ގޯލު މި ސީޒަނުގައި ކާމިޔާބުކޮށްދީފަ އެވެ.
ގައުމީ ޓީމުން ވެސް ކިތުނާ އަށް ފުރުސަތު ލިބުނީ އަސަދުﷲގެ މަގާމް ފުރުމަށް މިވަގުތު ޓީމަށް އިތުރު ކުރެވެން އޮތް އެންމެ ރަނގަޅު ކުޅުންތެރިއަކީ ކިތުނާ އަށް ވުމުންނެވެ. ގައުމީ ޓީމުގެ ކޯޗުގެ ސަމާލުކަމަށް ކިތުނާ އައީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ނިމުނު ދެ ވަނަ ޑިވިޝަނުގައި ސުޕަރ ޔުނައިޓެޑް ސްޕޯޓްސްގައި ދެއްކި މޮޅު ކުޅުމުންނެވެ. އެޓީމު ފައިނަލަށް ގެންގޮސްދީ ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދިނުމުގައި ކިތުނާ ވަނީ މުހިއްމު ގޯލުތަކެއް ޖަހައިފަ އެވެ. މުބާރާތުގެ ޖެހި ހަތް ގޯލާއެކު ކިތުނާ ވަނީ ލަނޑު ލިސްޓުގެ އެއް ވަނައިގައި ހިމެނިފަ އެވެ. ފައިނަލުން ބަލިވެ ސުޕަރ ޔުނައިޓެޑަށް ރަނަރަޕް ލިބުނު ނަމަވެސް ކިތުނާ ވަނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.
ބ. ގޮއިދޫ އަށް އުފަން 32 އަހަރުގެ ކިތުނާ އަކީ މީގެ ކުރިން އަތޮޅު ފުޓްބޯޅަ އާއި ފުޓްސަލް، ވޮލީ އަދި މޫދު ކުޅިވަރުގައި ވެސް ވިދުންގަދަ ތަރިއެކެވެ. ގައުމީ ޓީމުން ބޭނުންވުމުން ޕްރެކްޓިސްތަކުގައި ބައިވެރިވުމަށް ކިތުނާ މާލެ އައީ އޭނާ މަސައްކަތްކުރާ ސޮނޭވާފުށި ރިސޯޓުން ދެ މަސް ދުވަހަށް ވީއްލައި ދިނުމުންނެވެ. މާޒިޔާ އިން ކިތުނާއާ އެކު އެއްބަސްވުމަކަށް ދާން ނިންމާފައިވަނީ، އެނގިފައިވާގޮތުގައި ރިސޯޓުން އޭނާ ވީއްލާފައިވާ މުއްދަތަށެވެ.
ކިތުނާ ވަނީ 2016 ވަނަ އަހަރު އޭދަފުށިން މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކޮށް ގިނަ ގޯލުތަކެއް ޖަހައިފަ އެވެ. އަދި، އުފަން ރަށާ އަވައްޓެރި ފެހެންދޫ 2018 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިކޮށްދިނުމުގައި ވެސް ކިތުނާގެ ދައުރު ބޮޑެވެ. ފުޓްސަލްގައި ގޯލް ކީޕަރެއްގެ ގޮތުގައި ވެސް ފެންނަ ކިތުނާ އަށް ގައުމީ ވޮލީބޯޅަ ސްކޮޑުން މިދިޔަ އަހަރު ފުރުސަތު ލިބުނީ ސޮނޭވާފުށި ރިސޯޓުގެ ވޮލީ ޓީމުގައި ދެއްކި މޮޅު ކުޅުމުންނެވެ.
މާޒިޔާ އިން އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގައި މި މަހުގެ 11 ވަނަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ އިންޑިއާގެ ޗެންނާއި ސިޓީއާ ދެކޮޅަށެވެ. އޭގެ ކުރިން އެފއޭ ކަޕްގައި ބުރާސްފަތި ދުވަހުގެ ރޭ މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓްސް ވާދަކުރާނެ އެވެ.