ފުރަތަމަ ސަފްޙާ / ޚަބަރު / އެފްއޭއެމް 20 ބުރި އަށް އުސްކޮށް ބޮޑު ފުޓްސަލް އެރީނާ އެއް އަޅަނީ

އެފްއޭއެމް 20 ބުރި އަށް އުސްކޮށް ބޮޑު ފުޓްސަލް އެރީނާ އެއް އަޅަނީ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 3 މާރޗް 2020

އެފްއޭއެމްގެ އިމާރާތް 20 ބުރިއަށް އުސްކޮށް، ހަތަރު ބުރީގެ ފުޓްސަލް އެރީނާއެއް އެޅުމާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 20 އާޓިފިޝަލް ގްރާސް ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ ބިޔަ ތިން ޕްރޮޖެކްޓް ހިންގަން ދެކުނު ކޮރެއާގެ ސްކައިވިންޑް ގްލޯބަލްއާ އެކު އިއްޔެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެފްއޭއެމް ހައުސްގައި އިއްޔެ މެންދުރު ފަހު އޮތް ރަސްމިއްޔާތުގެ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. ސްކައިވިންޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗެއާމަން ޕާކް ޗެންޔޮން އެވެ.

އެފްއޭއެމުން މިހާރު ވެސް އަންނަނީ ދުރު ރާސްތާ ޕްލޭންތަކާއެކު އިތުރު ޕްރޮޖެކްޓުތަކެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ ދާދިފަހުން ފެށި ވިލިމާލޭގައި ޓާފް ދަނޑެއް އެޅުމުގެ މަސައްކަތާއި މާލޭގައި އަޅާ އެފްއޭއެމްގެ އާ އިމާރާތުގެ މަސައްކަތާއި ހުޅުމާލޭގައި ތަރައްގީކުރާ ޓްރެއިނިން ސްކޫލުގެ މަސައްކަތެވެ. މި ތިން ޕްރޮޖެކްޓުގެ ތެރެއިން 2018 ވަނަ އަހަރު ފެށި ހުޅުމާލޭ ޓްރެއިނިން ސްކޫލުގެ މަސައްކަތް މަޑުޖެހި ދިގުލައިގެން ވަނީ ގޮސްފަ އެވެ.

އިއްޔެ އިއުލާންކުރި ބިޔަ ތިން ޕްރޮޖެކްޓާއެކު ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުމަށް ކުރިއަށް އޮތް އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ހިނގާނެ އެވެ. އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ މި ތިން ޕްރޮޖެކްޓުގެ އިތުރުން މިހާރު ފަށާފައިވާ ހުރިހާ މަސައްކަތްތަކެއް ވެސް ކުރިއަށްދާނެ ކަމަށެވެ. ޖަވާ ވިދާޅުވީ މަސައްކަތްތަކުގައި ލަސްކަމެއް އުޅެނީ އިދާރާތަކުން ހޯދަން ޖެހޭ ހުއްދަތަށް ގިނަވުމާއި އިތުރު ގިނަ މަސައްކަތްތަކެއް ހުރުމުން ކަމަށެވެ.

ބިޔަ ތިން ޕްރޮޖެކްޓް އިއުލާންކުރަން އިއްޔެ އޮތް ރަސްމިއްޔާތުގައި ކޮރެއާގެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމާ އެފްއޭއެމުން ހަވާލުވަނީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

20 ބުރީގެ އާ އިމާރާތް އަޅާނީ މިހާރު ވެސް އެފްއޭއެމް ހައުސް ހުރި ބިމުގަ އެވެ. ބައްސާމް ވިދާޅުވީ ކުރިއަށް އޮތް ފަސް މަހެއްހާ ދުވަސްތެރޭ އިމާރާތުގެ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވޭކަމަށާއި، އޭގެ ކުރިން މިހާރު މާލޭގައި ހަދަމުން އަންނަ އެފްއޭއެމްގެ އާ އިމާރާތް ނިންމަން މަސައްކަތްކުރާ ކަމަށެވެ. އެފްއޭއެމްގެ 20 ބުރީގެ އިމާރާތުން ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަ ފައިދާތަކެއް ކުރާނެކަމަށް ބައްސާމް ވިދާޅުވި އެވެ. މި އިމާރާތް ހަދަން އަރާ 17 މިލިއަން ޑޮލަރާ ގާތްކުރާ ލޯނަކީ އިންޓަރެސްޓް ފްރީ ލޯނެއް ކަމަށް އެފްއޭއެމުން ބުނެ އެވެ. ލޯނު އަނބުރާ ދެއްކުމަށް އެފްއޭއެމުން ނިންމާފައިވަނީ އިމާރާތުން ލިބޭ އާމްދަނީންނެވެ.

17000 އަކަފޫޓުގެ ބިމެއްގައި ހަތަރު ބުރީގެ ފުޓްސަލް އެރީނާ އަޅާއިރު އޭގެ ތެރޭގައި އިންޓަނޭޝަނަލް ފެންވަރުގެ ފުޓްސަލް އެރީނާއެއް އަޅާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. މި އިމާރާތުގެ އަނެއް ބުރި ޓްރެއިނިން އަށް ހާއްސަކުރާއިރު އާމްދަނީ ހޯދުމަށް އަނެއް ދެބުރި ބޭނުންކުރާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެ އެވެ.

މި ޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭ އާޓިފިޝަލް ގްރާސް ދަނޑުތައް އެޅުމުގެ މަސައްކަތް ކުރާނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހު އެވެ. 20 ދަނޑުގެ ތެރެއިން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އަށް ތިން ދަނޑު ހާއްސަކުރާއިރު ބާކީ 17 ދަނޑު އަޅާނެ ރަށްތައް ފަހުން އިއުލާންކުރާނެ އެވެ. އެފްއޭއެމުން ވީ އެއްބަސްވުމުގައި 20 ދަނޑުގެ މަސައްކަތް ފެށުމަށް ނިންމާފައިވަނީ ކުރިއަށް އޮތް 77 ދުވަސްތެރޭގަ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ދަނޑުތައް ޓާފް ދަނޑުތަކަށް ބަދަލުކުރުމުގެ ބޭނުމަކީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެންމެ ބޮޑު ލީގު ހޯމް އެންޑް އަވޭ އުސޫލަށް ބަދަލުކުރުމެވެ. މިހާރު ވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއި ރަށްޔިތުން ކުރި މަސައްކަތްތަކުން ޓާފް ދަނޑުތައް ވަނީ އަޅައިފަ އެވެ. އަދި، ސަރުކާރުގެ އެހީގައި ޓާފް ދަނޑުތައް އެޅުމުގެ މަސައްކަތްތައް ވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިހާރު ދަނީ ކުރަމުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!