ސްޕެނިޝް ލީގުގައި ރޭ ވާދަވެރި ބާސެލޯނާއާ ބައްދަލުކުރި މެޗް ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ޓޭބަލްގެ އެއް ވަނަ އަށް އަރައިފި އެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެލް ކްލަސިކޯ މެޗް އެޓީމުން ކާމިޔާބުކޮށްފައިވަނީ 0-2 އިންނެވެ.
ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ވާދަކުރާ މެޗަކީ މުޅި ދުނިޔޭގައި ވެސް ކްލަބް ފެންވަރުގައި ކުޅުވޭ އެންމެ ހާއްސަ އެއް މެޗްގެ ގޮތުގައި ބެލެވެމުން އަންނައިރު ރޭގެ މެޗަށް ނުކުތުމުގެ ކުރިން ރެއާލް މެޑްރިޑަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކަށްވީ ޓީމު ރަގަޅު ފޯމެއްގައި ނެތުމެވެ. ސްޕެނިޝް ލީގުގައި މިދިޔަ ހަފްތާ ލެވަންޓޭ އަތުން 0-1 އިން ބަލިވެފައިވަނިކޮށް މިދިޔަ ބުދަ ދުވަހުގެ ރޭ އޮތް ޔޫއެފާ ޗެމްޕިއަންސް ލީގު މެޗުގައި މެންޗެސްޓާ ސިޓީ އަތުން އަމިއްލަ ދަނޑުގައި 1-2 އިން އެޓީމް ބަލިވެފައި އޮތުމާއެކު ރޭގެ މެޗަށް ނުކުތް އިރު ރެއާލް މެޑްރިޑް އޮތީ ވަރަށް ބޮޑަށް މޮޅަކަށް ބޭނުންވެފަ އެވެ.
އަނެއްކޮޅުން ދަނޑު ބޭރުން ޓީމާ ގުޅުން ހުރި މައްސަލަތަކެއްގެ އަސަރު ޓީމަށް ކޮންމެވެސް ވަރަކަށް ކޮށްފައި އޮތް ނަމަވެސް ރޭގެ މެޗަށް ބާސެލޯނާ ނުކުތީ ރެއާލް މެޑްރިޑަށް ވުރެ ރަގަޅު ހާލަތެއްގައި އޮވެގެންނެވެ. ރޭގެ މެޗްގެ ކުރިން މިދިޔަ ހަފްތާގައި ބާސެލޯނާއިން ލީގުގައި ކުޅުނު މެޗް 0-5 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބުކޮށް ޓޭބަލްގެ އެއް ވަނަ އަށް އެރި އިރު މިދިޔަ އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި އިޓަލީގެ ނަޕޯލީއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު މެޗްގައި ފަހަތުން އަރައި ބާސެލޯނާއިން ޖެހި ގޯލާއެކު މެޗް އެއްވަރުކޮށް ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އެ ޓީމުން އޮތީ ބޮޑު ކޮށްފަ އެވެ.
ރޭގެ މެޗްގައި ރެއާލް މެޑްރިޑުން ޖެހި ދެ ގޯލްވެސް ކާމިޔާބުކޮށްފައިވަނީ މެޗްގެ ފަހު ހާފުގަ އެވެ. މެޗްގައި ރެއާލް މެޑްރިޑުން ޖެހި ފުރަތަމަ ލަނޑު 71 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ އުއްމީދީ ފޯވާޑް ވިނިޝިއަސް ޖޫނިއާ އެވެ. ވިނިޝިއަސް ޖެހި ބޯޅަ ބާސެލޯނާގެ ގޯލަށް ވަދެފައިވަނީ އެ ޓީމުގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ. މި ގޯލާއެކު 19 އަހަރުގެ ވިނިޝިއަސް ވެފައިވަނީ 2007 ވަނަ އަހަރު އޮތް އެލް ކްލަސިކޯ މެޗްގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ގޯލް ޖެހިފަހުން ރެއާލް މެޑްރިޑާއި ބާސެލޯނާ ވާދަކުރި ލީގު މެޗެއްގައި ގޯލް ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.
ސްޕެނިޝް ލީގުގައި މި ސީޒަނުގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑުން ކުޅުނު 26 ވަނަ މެޗްގައި ރޭ ރެއާލް މެޑްރިޑަށް ލިބުނު ލީޑް ފުޅާކޮށް އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު މެޗްގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑޮމިނިކަން ރިޕަބްލިކްގެ ފޯވާޑް މަރިއާނޯ ޑިއާޒް އެވެ. ރޭގެ މެޗްގައި މަރިއާނޯ ކުޅެން އެރުވީ ވެސް މެޗްގެ ފުރިހަމަ ވަގުތު ހަމަވިފަހުންނެވެ. އަނެއްކޮޅުން މިއީ މުޅި މި ސީޒަނުގައި ވެސް ރެއާލް މެޑްރިޑްގެ ޖާޒީގައި އުމުރުން 26 އަހަރުގެ މަރިއާނޯ ކުޅެން އެރި ފުރަތަމަ މެޗެވެ.
ސްޕެނިޝް ލީގުގެ އެއް ވަނަ އަށް މިފަހަރުގެ ސީޒަނުގައި އެންމެ ގާތުން ވާދަކުރަމުން އަންނަ ދެ ޓީމްގެ މެދުގައި ރޭ ކުޅެވުނު މެޗްގައި ރެއާލް އަށްވުރެ ގިނަ އިރު ބާސެލޯނާ އިން ބޯޅަ ގެންގުޅެގެން ކުޅެފައިވީ ނަމަވެސް މެޗްގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދީ ރެއާލް މެޑްރިޑުންނެވެ. އެގޮތުން މެޗްގެ ފަހު ހާފްގައި ރެއާލް މެޑްރިޑުން ކާމިޔާބުކުރި ދެ ގޯލްގެ އިތުރުންވެސް އެ ޓީމަށް މެޗްގެ ނަތީޖާގެ ފަރަގު ބޮޑު ކުރަން ރަގަޅު ފުރުސަތު ތަކެއް ލިބުނުކަން ފާހަގަކުރެވުނެވެ. ރޭގެ މެޗްގައި ރެއާލް މެޑްރިޑްގެ ފަރާތުން ބާސެލޯނާގެ ގޯލަށް އެންމެ ބޮޑަށް ނުރައްކާކުރި އެކަކީ ރެއާލް އަށް ކުޅެމުން އަންނަ ސްޕެއިން މިޑްފީލްޑަރު އިސްކޯ އެވެ. އިސްކޯ ބާސެލޯނާގެ ގޯލަށް ރޭގެ މެޗްގައި ފޮނުވާލި ނުރައްކާތެރި ދެ ހަމަލާގެ ތެރެއިން އެއް ހަމަލާ ބާސެލޯނާގެ ޖަރުމަނު ގޯލްކީޕަރު މާކް އަންޑްރޭ ޓާ ސްޓެގަން މަތަކުރިއިރު ދެ ވަނަ ހަމަލާ ބާސެލޯނާގެ އިތުބާރު ޑިފެންޑަރު ޖެރާޑް ޕީކޭ ދިފާއުކޮށްފައިވަނީ ގޯލު ރޮނގުމަތިންނެވެ. މީގެ އިތުރުން ރޭގެ މެޗްގައި ރެއާލް މެޑްރިޑްގެ ތަޖުރިބާކާރު ފޯވާޑް ފްރާންސްގެ ކަރިމް ބެންޒަމާ ފޮނުވާލި ނުރައްކާތެރި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ރޭގެ މެޗްގައި ރެއާލް މެޑްރިޑުން ލީޑް ނެގުމުގެ ކުރިން މެޗްގެ ފުރަތަމަ ހާފްގައި ބާސެލޯނާ އަށް ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބުނެވެ. މިފަހަރުގެ ސީޒަނަށް އެތުލެޓިކޯ މެޑްރިޑުން ބޮޑު އަގުގައި ބާސެލޯނާ އަށް ގެނައި ފްރާންސްގެ ފޯވާޑް އޮންޓުއަން ގްރީޒްމަން އަށް ލިބުނު ބޯޅަ ރެއާލްގެ ގޯލަށް ފޮނުވާލުމުން ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައިރު ބާސެލޯނާގެ މިޑްފީލްޑަރު އަރްތޫރު ފޮނުވާލި ބޯޅަ ރެއާލްގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ މަތަކުރި އެވެ. އޭގެ ފަހުން، ރެއާލް މެޑްރިޑުން ޖަހައިގެން ތިބި އޮފްސައިޑް މަޅިއަކުން ރެކި ގަތުމަށްފަހު އާޖެންޓީނާގެ ތަރި މެސީ ފޮނުވާލި ބޯޅަވެސް ކޯޓުއާ ވަނީ ދިފާއުކޮށްފަ އެވެ. މީގެ އިތުރުން ރެއާލް މެޑްރިޑްގެ ގޯލަށް ބޯޅައެއް ވައްދާލަން ދެން އެންމެ ރަގަޅު ފުރުސަތެއް ލިބުނީ އެންމެ ފަހުން ބާސެލޯނާއަށް ގެނައި މާޓިން ބްރާތުވެއިޓަށެވެ. އެކަމަކު ރެއާލް އިން ފުރަތަމަ ގޯލް ކާމިޔާބުކުރުމުގެ ކުރިން ބްރާތުވެއިޓަށް ލިބުނު ބޯޅަ ރެއާލްގެ ގޯލާ އަމާޒުކޮށް ފޮނުވާލުމުން އެ ފަހަރުވެސް އެ ބޯޅަ ދިފާއުކޮށްފައިވަނީ ކޯޓުއާ އެވެ.
މިދިޔަ ސީޒަނުގައި ބާސެލޯނާ އަށްވުރެ ފަހަތުން 19 ޕޮއިންޓްގެ ތަފާތަކާއެކު ޓޭބަލްގެ ތިންވަނައިގައި އޮވެގެން ރެއާލް މެޑްރިޑުން ލީގު ނިންމާލި ނަމަވެސް ރޭގެ މޮޅާއެކު މި ފަހަރުގެ ލީގު ކާމިޔާބުކުރުމަށް އެ ޓީމަށް މިވަނީ ފުރުސަތު ބޮޑުވެފަ އެވެ. ރޭގެ މެޗްގައި ރޭއާލް އިން ހޯދި މޮޅަކީ ލީގުގައި މި ދެޓީމު އެންމެ ފަހުން ވާދަކުރި ހަތް މެޗްގައި ވެސް ކާމިޔާބެއް ނުލިބި އޮތުމަށްފަހު ރެއާލުން ހޯދި ކާމިޔާބެކެވެ. މި ކާމިޔާބާއެކު 56 ޕޮއިންޓާއެކު ރެއާލް އެއް ވަނައިގައި އޮތް އިރު ދެ ވަނައިގައި ބާސެލޯނާ އޮތީ އެންމެ ޕޮއިންޓެއް މަދުން ލިބިގެންނެވެ.