އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ވަނަ ސީޒަނުގައި މެންޗެސްޓަރ ސިޓީން ކާމިޔާބުކޮށްފި އެވެ. މި ސީޒަނުގެ ލީގު ކަޕް ޗެމްޕިއަންކަން ސިޓީން ކަށަވަރުކުރީ މިރޭ އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލުގައި އެސްޓަން ވިލާއާ ވާދަކޮށް 2-1 އިން މޮޅުވެގެންނެވެ.
މި ކާމިޔާބީއާ އެކު ސިޓީން ވަނީ ލީގު ކަޕްގެ ތަށި ހަތް ފަހަރު ހޯދައިފަ އެވެ. އެންމެ ގިނައިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އަށް ފަހަރު ތަށި ހޯދާފައިވާ ލިވަޕޫލް އެވެ. އަދި، މިއީ ވޭތުވެދިޔަ ހަތް ސީޒަނުގެ ތެރެއިން މި މުބާރާތުގެ ޗެމްޕިއަންކަން ސިޓީން ހޯދި ފަސް ވަނަ ފަހަރެވެ. މީގެ ކުރިން އެޓީމުން ވަނީ 2014، 2016، 2018، 2019 އަހަރުގެ ލީގު ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.
މިއީ އެސްޓަން ވިލާ އިން ލީގު ކަޕްގެ ފައިނަލުގައި ވާދަކުރި ނުވަ ވަނަ ފަހަރެވެ. އެޓީމަށް ވުރެ ގިނައިން ލީގު ކަޕްގެ ފައިނަލުގައި ކުޅެފައިވަނީ 12 ފަހަރު ފައިނަލުގައި ކުޅެފައިވާ ލިވަޕޫލެވެ. ލިވަޕޫލާ ސިޓީގެ ފަހަތުން މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި އެސްޓަން ވިލާ ހިމެނެ އެވެ. އެސްޓަން ވިލާގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީން ވަނީ މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން އެސްޓަން ވިލާ އިން އެންމެ ފަހުން ހޯދީ 1996 ވަނަ އަހަރު އެވެ.
މިރޭގެ ފައިނަލުގެ ހުރިހާ ގޯލެއް ވެސް ފެނުނީ ފުރަތަމަ ހާފުގަ އެވެ. ސިޓީން މެޗުގައި ދެ ގޯލުގެ ލީޑެއް ނެގުމުން އެޓީމުން ފަސޭހަކަމާއެކު މެޗު ކާމިޔާބުކުރާނެކަމަށް ބެލެވުނު ނަމަވެސް އެސްޓަން ވިލާ އިން ވަނީ ކުޅުން ރަނގަޅުކޮށް ސިޓީ އަށް ރަނގަޅު ރައްދެއްދީފަ އެވެ. މެޗުގެ ފުރަތަމަ ގޯލު 20 ވަނަ މިނެޓުގައި ފިލް ފޯޑެން ދިން ޕާހަކުން ޖެހީ ސާޖިއޯ އަގުއޭރޯ އެވެ. އޭގެ ދިހަ މިނެޓު ފަހުން އިލްކާއީ ގުންޑޮގާން ނަގައިދިން ކޯނަރަކުން ސިޓީ އަށް ލީޑު ފުޅާކޮށްދިނީ ރޮޑްރީ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އެސްޓަން ވިލާގެ އެމްބަވާނާ ސަމާޓާ ބޮލުން ޖެހި ގޯލުން އެޓީމުން ވަނީ ފަރަގު ކުޑަކޮށްފަ އެވެ.

ގޯލު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ
މެޗުގެ ދެ ވަނަ ހާފުގައި ސިޓީން މޮޅަށް ކުޅުނު ނަމަވެސް އެސްޓަން ވިލާ އިން ވެސް ވަނީ ކައުންޓަ އެޓޭކުގައި ސިޓީގެ ގޯލަށް ނުރައްކާކޮށްފަ އެވެ. މި ހާފުގައި ސިޓީން ފޮނުވާލި ގިނަ ހަމަލާތަކެއްގެ ހުރަހަކަށްވީ މޮޅު ކުޅުމެއް ދެއްކި އެސްޓަން ވިލާގެ ގޯލްކީޕަރު އޫޖާން ހާސްކޯލްޑް ނީލަންޑް އެވެ. އެސްޓަން ވިލާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރުމާ އެންމެ ގާތަށް ޖެހިލީ މެޗުގެ އިތުރު ވަގުތުގަ އެވެ. އެޓީމުން ނެގި ކޯނަރެއް ޑިފެންޑަރު ބޯން އެންގަލްސް ބޮލުން ޖެހުމުން ސިޓީގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ ހުށިޔާރުކަމާއެކު ހުއްޓުވައިފަ އެވެ.
މިރޭގެ ފައިނަލަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އޭނާ އިރުޝާދުދޭ ޓީމުތަކުން ކުޅުނު 25 ވަނަ ފައިނަލެވެ. 25 ފައިނަލުގެ ތެރެއިން ގާޑިއޯލާ ވަނީ 21 ފަހަރު ތަށި ކާމިޔާބުކޮށްފަ އެވެ. އަނެއްކޮޅުން ގާޑިއޯލާ މިވަނީ ސިޓީއަށް ޖެހިޖެހިގެން ތިން ސީޒަނުގައި ލީގު ކަޕް ކާމިޔާބުކޮށްދީ މުބާރާތުގެ އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި ހިމެނުމާ ގާތަށް ޖެހިލާފަ އެވެ. ގާޑިއޯލާ އަށް ވުރެ ގިނައިން މި ތަށި ކާމިޔާބުކޮށްފައިވާ ކޯޗުންނަކީ ހަތަރު ފަހަރު ޗެމްޕިއަންކަން ހޯދި ސަރ އެލެކްސް ފާގަސަން އާއި ބްރިއަން ކްލައުހް އަދި ހޯސޭ މޮރީނިއޯ އެވެ.
ޖެހިޖެހިގެން ތިން ސީޒަނުގައި ސިޓީން ލީގު ކަޕް ކާމިޔާބުކުރިއިރު މިއީ މި ކާމިޔާބީ ޓީމަކަށް ލިބުނު ދެ ވަނަ ފަހަރެވެ. މީގެ ކުރިން މި ކާމިޔާބީ ހޯދީ 1981، 1982، 1983 އަދި 1984 ވަނަ އަހަރު ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދި ލިވަޕޫލެވެ.