އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑް ރަށުން ބޭރުގައި އެވަޓަންއާ ވާދަކޮށް 1-1 އިން އެއްވަރުވިއިރު ޓޮޓެންހަމް ހޮޓްސްޕާސްގެ ދަނޑުގައި 3-2 އިން އެޓީމު ބަލިކޮށް ވުލްވްސް އިން ގަދަ ހަތަރެއްގެ އުއްމީދު ބޮޑުކޮށްފި އެވެ.
މިރޭ ކުޅުނު ފޯރިގަދަ ދެ މެޗުގެ ތެރެއިން މުހިއްމު މޮޅު ހޯދި ވުލްވްސް މިވަގުތު އޮތީ ޔުނައިޓެޑާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް ލީގުގެ ހަ ވަނައިގަ އެވެ. ލީގުގެ ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް 45 ޕޮއިންޓް ލިބިފައިވާއިރު ޔުނައިޓެޑާއި ވުލްވްސް އަށް ލިބިފައިވަނީ 42 ޕޮއިންޓެވެ. ވުލްވްސް އަތުން ބަލިވުމުން 40 ޕޮއިންޓާއެކު ޓޮޓެންހަމް މިހާރު އޮތީ ހަތް ވަނައިގަ އެވެ. ލީގުގެ އަށް ވަނައިގައި އޮތް ޝެފީލްޑް ޔުނައިޓެޑަށް ވެސް ވަނީ 40 ޕޮއިންޓް ލިބިފަ އެވެ. ލީގުގެ ފަހު 10 މެޗާ ކުރިމަތިލާއިރު މި ސީޒަނުގެ ގަދަ ހަތަރެއްގެ ޖާގަ ހޯދުމަށް ގިނަ ޓީމުތަކަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ޓީމުތަކުގެ ފަހަތުން ނުވަ ވަނައިގައި އޮތް ބާންލީ އާއި 10 ވަނައިގައި އޮތް އާސެނަލް އަދި 11 ވަނައިގައި އޮތް އެވަޓަންގެ އަމާޒަކީ ވެސް ގަދަ ހަތަރަކުން ފުރުސަތު ހޯދުމެވެ.
އެވަޓަންއާ ޔުނައިޓެޑް މިރޭ ވާދަކުރި މެޗުގެ ދެ ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ ތިން ވަނަ މިނެޓުގައި ޑޮމިނިކް ކެލްވާޓް-ލެވިންގެ ގޯލުން އެވަޓަން ކުރި ހޯދީ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަށް ހެދުނު ބޮޑު ގޯހަކުންނެވެ. ގޯލު ކުރިމަތީގައި ބޯޅަ ހިފައިގެން ހުރެފައި ޑެހެއާ ކުރިއަށް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކެލްވާޓް ލެވިންގެ ފައިގައި ޖެހިފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ބްރޫނޯ ފެނާންޑޭސް އޭރިޔާ ބޭރުން ވައްދާލި ގޯލުންނެވެ. މިއީ ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ހުރިހާ މުބާރާތެއްގައި ކުޅުނު ހަ މެޗުގައި ފެނާންޑޭސް ޖެހި ތިން ވަނަ ގޯލެވެ.
މެޗުގެ ދެ ވަނަ ހާފުގައި އެވަޓަން އިން ވަނީ މޮޅަށް ކުޅެ ޔުނައިޓެޑްގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެޓީމުން އޭރިޔާ ތެރެއަށް ހުރަސްކުރި ގިނަ ބޯޅަތަކަކަށް ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ހުރަސްއެޅިއިރު ޑެހެއާ ވެސް ވަނީ މުހިއްމު ސޭވްތަކެއް ކޮށްފަ އެވެ. މެޗުގެ ފަހުކޮޅު ޔުނައިޓެޑްގެ ފެނާންޑޭސް އާއި ބެންޗުން ކުޅެން އެރި އޮޑިއޮން އިގާލޯ ގާތްގާތުގައި ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ އެވަޓަންގެ ގޯލްކީޕަރު ޖޯޑެން ޕިކްފޯޑް ވަނީ ހުށިހާރުކަމާއެކު މަތަކޮށްފަ އެވެ.

ޔުނައިޓެޑްގެ ފެނާންޑޭސް ގޯލު ޖެހުމަށް ފަހު. ޖެނުއަރީ މަހު ޔުނައިޓެޑަށް ބަދަލުވުމަށް ފަހު އަންނަނީ މޮޅު ކުޅުމެއް ދައްކަމުން
މެޗުގައި އެންމެ ހޫނު ބަހުސެއް ހިނގީ އިތުރު ވަގުތުގެ ފަހު މިނެޓުގައި އެވަޓަން އިން ޖެހި ގޯލެއް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ކެންސަލް ކުރުމުންނެވެ. އެވަޓަންގެ ކުޅުންތެރިއަކު ޖެހި ބޯޅަ މެގުއާ ގައިގައި ގޯލަށް ވަތް ނަމަވެސް ރެފްރީ ވަނީ އެވަގުތު ގިލްފީ ސިގާޑްސަން އޮފްސައިޑް މަގާމެއްގައި ހުރުމުން އެއީ ގޯލެއް ނޫން ކަމަށް ނިންމައިފަ އެވެ. އެއީ ގޯލެއް ނޫންކަމަށް ވީއޭއާރުން ނިންމީ އޮފްސައިޑް މަގާމެއްގައި ހުރެފައި ގޯލަށް ވަންނަން ދިޔަ ބޯޅައަށް ސިގާޑްސަން ހަރަކާތް ކުރުމުންނެވެ. އެކަމަކު މި ނިންމުމަށް އެވަޓަންގެ ކުޅުންތެރިންނާއި ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ވަރަށް ބޮޑަށް ނުރުހުންފާޅުކޮށްފަ އެވެ. މެޗަށް ފަހު އަންޗެލޮޓީގެ އަމަލުތައް ހުރިގޮތުން ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ވެސް ދައްކައިފަ އެވެ.
މުހިއްމު ކުޅުންތެރިންނަށް އަނިޔާގެ ގިނަ މައްސަލަތައް ކުރިމަތިވެފައިވާ ޓޮޓެންހަމް އަތުން ވުލްވްސް މޮޅުވީ ފަހަތުން އަރަ އެވެ. މެޗުގެ ފުރަތަ ގޯލު ޓޮޓެންހަމްގެ ސްޓީވެން ބާގްވައިން ޖެހިއިރު އޭގެ އިރުކޮޅެއް ފަހުން ވުލްވްސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޓް ޑޮހެޓީ އެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޓޮޓެންހަމުން ވަނީ ސާޖް އޮރިއޭގެ ގޯލުން އަލުން ލީޑު ނަގައިފަ އެވެ. ވުލްވްސް އިން މެޗުގެ ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ޖެހި ގޯލުތަކުންނެވެ. އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލު ޑިއޯގޯ ޖޯޓާ ޖެހިއިރު މެޗުން މޮޅުވި ގޯލު ޖޯޓާ ދިން ބޯޅައަކުން ޖެހީ ރައުލް ހިމެނޭޒް އެވެ.