ފުރަތަމަ ސަފްޙާ / ޚަބަރު / ބާސެލޯނާ އަށް ވުރެ ބޮޑަށް މިރޭގެ މެޗު މުހިއްމީ ރެއާލަށް: ސެޓިއެން

ބާސެލޯނާ އަށް ވުރެ ބޮޑަށް މިރޭގެ މެޗު މުހިއްމީ ރެއާލަށް: ސެޓިއެން

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 1 މާރޗް 2020

ސްޕެނިޝް ލީގުގައި ބާސެލޯނާ އިން މިރޭ ރަށުން ބޭރުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގެ މުހިއްމުކަން އެޓީމަށް ވުރެ ބޮޑީ ރެއާލް މެޑްރިޑަށް ކަމަށް ބާސެލޯނާގެ ކޯޗު ކީކެ ސެޓިއެން ބުނެފި އެވެ. ރެއާލް އާއި ބާސެލޯނާގެ “އެލް ކްލަސިކޯ” ވާދަވެރިކަމަކީ ފުޓްބޯޅައިގައި ދެ ކްލަބުގެ ދެމެދުގައި ކުޅޭ އެންމެ ވާދަވެރި އެއް މެޗެވެ.

މިރޭގެ މެޗަށް ނުކުންނައިރު ރެއާލަށް ވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެން ލީގުގެ އެއް ވަނައިގައި އޮތީ ބާސެލޯނާ އެވެ. އެހެންވެ ލީގުގެ އެއް ވަނަ މަގާމަށް ރެއާލަށް އަލުން އެރޭނީ މިރޭ ބާސެލޯނާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

“އެމީހުންނަށް (ރެއާލް މެޑްރިޑަށް) މިއީ ވަރަށް މުހިއްމު މެޗެއް. ފަހަރެއްގަ ލީގުގެ ގޮތް ކަނޑައަޅާ މެޗަށް ނުވެދާނެ. އެކަމަކު މި މެޗުން އަހަރެމެން މޮޅުވެއްޖެ ނަމަ ރެއާލަށް ވުރެ ފަސް ޕޮއިންޓް ކުރިއަށް އެރޭނެ. އެހެންވެ މި މެޗުގެ މުހިއްމުކަން ބާސެލޯނާ އަށް ވުރެ ބޮޑީ ރެއާލަށް” ބާސެލޯނާގެ ކޯޗު މެޗުގެ ކުރިން ބުންޏެވެ.

ފަހަކަށް އައިސް މެޗުތަކުން މޮޅު ނުވެވޭތީ ރެއާލް މިވަގުތު އޮތީ އުނދަގޫ ހާލަތެއްގައި ކަމަށް ކޯޗު ޒިނެދިން ޒިދާން ވަނީ ބުނެފަ އެވެ. އެޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ލިބިފައިނުވާއިރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގްގައި އަމިއްލަ ދަނޑުގައި މިދިޔަ ހަފްތާ އެޓީމު ވަނީ 2-1 އިން މެންޗެސްޓަރ ސިޓީ އަތުން ބަލިވެފަ އެވެ. އަމިއްލަ ދަނޑުގައި ރެއާލަށް އެންމެ ފަހުން މޮޅެއް ލިބުނީ މީގެ މަހެއްހާ ދުވަސް ކުރިން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އަނެއްކޮޅުން ރެއާލާ ދެކޮޅަށް ނުކުންނަ ބާސެލޯނާ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައެއްނުވެ އެވެ.

“ދަނޑު ބޭރުން ދައްކާ ވާހަކަ އަށް އަޑުއެހުމެއް ނެތި އަހަރެމެންގެ މޫޑު ރަނގަޅުކަން މެޗުގައި ޔަގީންކުރަންޖެހޭ. މެޗުގެ ފުރަތަމަ މިނެޓުން 90 ވަނަ މިނެޓާ ހަމައަށް ސަޕޯޓަރުން އަހަރެމެންނާއެކު ތިބެންޖެހޭ. އަހަރެންނަށް އިނގޭ ސަޕޯޓަރުން މާޔޫސްވެސް ވެދާނެކަން. އެކަމަކު ސަޕޯޓަރުންގެ އެހީ މި ޓީމަށް ވަރަށް ބޭނުން” ބޮޑު މެޗުގެ ކުރިން ޒިދާން ބުންޏެވެ.

ޒިދާން ބުނީ އެންމެ ފަހުން ސިޓީއާ ދެކޮޅަށް މެޗުގެ ބޮޑު ބައެއްގައި މޮޅަށް ކުޅުނު ކުޅުން މިރޭ ވެސް ތަކުރާރުކުރަން ޖެހޭ ކަމަށެވެ. އެކަމަކު އެމެޗުގެ ފަހު ވަގުތު ގޯލު ވަން ގޮތަށް މިރޭގެ މެޗު ދޫކޮށްލެވެން ނޯންނާނެ ކަމަށް ޒިދާން ބުންޏެވެ. ރެއާލުން ލީޑު ނަގާފައިވަނިކޮށް ޗެމްޕިއަންސް ލީގުގެ މެޗުން އެޓީމު ބަލިވީ 78 ވަނަ މިނެޓާއި 83 ވަނަ މިނެޓުގައި ވަތް ގޯލުތަކުންނެވެ.

“ފެންވަރު ރަނގަޅު ޓީމުތައް ކައިރީ ކޮންމެ ފަދަ ނަތީޖާއެއް ވެސް ނުކުމެދާނެ. އެކަމަކު މީގަ މުހިއްމީ އެފަދަ ނަތީޖާތަކުން ޓީމު އަރައިގަންނަ ވަރު. އަހަރެމެން ޖެހޭނީ ސިޓިއާ ދެކޮޅަށް ފުރަތަމަ 78 މިނެޓުގައި ކުޅުނު ކުޅުން ތަކުރާރުކުރަން” ޒިދާން ބުންޏެވެ.

އާނެސްޓޯ ވަލްވޭޑޭގެ ބަދަލުގައި ޖެނުއަރީ މަހު ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ސެޓިއެންގެ އިރުޝާދުގެ މިހާރު އެޓީމު އަންނަނީ ނަތީޖާތައް ރަނގަޅުކުރަމުންނެވެ. މިއީ ސެޓިއެންގެ ކޯޗުކަމުގައި ބާސެލޯނާއިން ރެއާލާ ދެކޮޅަށް ނުކުންނަ ފުރަތަމަ މެޗެވެ. މިރޭގެ މެޗަށް ނުކުންނައިރު ބާސެލޯނާ އަށް ލިބޭ އަނެއް ހިތްހަމަޖެހުމަކީ އެންމެ ފަހުން ރެއާލާ ދެކޮޅަށް ކުޅުނު ހަތް މެޗުން ވެސް ބަލިވެފައިނުވުމެވެ. އެކަމަކު ސެޓިއެން ބުނީގެ ކުރީގެ ނަތީޖާތަކުން ލިބޭނެ ފައިދާއެއް ނޯންނާނެކަމަށާއި، އެއީ މާޒީ ކަމަށެވެ.

“މިކަހަލަ މެޗުތަކުގަ ކުރިން ނުކުމެފަ ހުންނަ ނަތީޖާތައް ހަނދާނެއް ނުހުންނާނެ. މިއީ ކްލަސިކޯ މެޗެއް. ކޮންމެ ހާލަތެއްގައި އޮތަސް މި މެޗުގައި ކޮންމެ ޓީމަކުން ވެސް ހުރިހާ އެއްޗެއް ދޫކޮށްލާނެ ނަތީޖާ ނެރެން” ކުރިން ރެއާލް ބެޓިސް އަށް ކޯޗުކޮށްދިން 61 އަހަރުގެ ސެޓިއެން ބުންޏެވެ.

ރެއާލާ ދެކޮޅަށް ނުކުންނައިރު ބާސެލޯނާގެ އުސްމާން ޑެމްބެލޭ އާއި ލުއިސް ސުއަރޭޒް ވަނީ އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހިފަ އެވެ. އެޓީމުގެ ޑިފެންޑަރު ސާޖި ރޮބާޓޯ ވެސް މިވަގުތު އަނިޔާގައި ހުރިއިރު، ލެފްޓް ބެކް ޖޯޑީ އަލްބާ މިހާރު ވަނީ އަނިޔާއިން ރަނގަޅުވެފަ އެވެ.

މިރޭގެ މެޗަށް ނުކުންނަ ބާސެލޯނާގެ ފުރަތަމަ އެގާރައިން ދާދިފަހުން އެޓީމަށް ގެނައި ޑެންމާކުގެ 28 އަހަރުގެ ފޯވާޑް މާޓިން ބްރާތުވައިޓް ފުރަތަމަ އެގާރައިގައި ހިމަނަނާނެކަމަށް ރިޕޯޓުތައް ބުނެ އެވެ. ބްރާތުވެއިޓަކީ ސުއަރޭޒާއި ޑެމްބެލޭ އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހުމުން ސްޕެނިޝް އެފްއޭގެ ހުއްދައާއެކު ހާއްސަ ހާލަތެއްގެ ދަށުން ލެގަނޭސް އިން ގެނައި ކުޅުންތެރިއެކެވެ. ލީގުގައި އެންމެ ފަހުން އެއިބާއާ ދެކޮޅަށް ކުޅެ 5-0 އިން ބާސެލޯނާ މޮޅުވި މެޗުގައި ބްރާތުވެއިޓް ވަނީ ބެންޗުން ކުޅެން އަރައި ދެ ގޯލު ޖަހަން އެހީތެރިވެދީފަ އެވެ.

ރެއާލްގެ ޓީމަށް ބަލާއިރު އަނިޔާގެ ސަބަބުން އެޑެން ހަޒާޑަށް ވަނީ ގާތްގަނޑަކަށް މި ސީޒަން ނިމިފަ އެވެ. އެކަމަކު ޗެމްޕިއަންސް ލީގުގެ މެޗުގައި ރަތް ކާޑު ދެއްކި ނަމަވެސް ލީގު މެޗުގައި ސާޖިއޯ ރާމޯސް އަށް މިރޭ ކުޅެވޭނެ އެވެ. ރާމޯސް ސަސްޕެންޑް ވާނީ ސިޓީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ ދެ ވަނަ ލެގްގެ މެޗަށެވެ. ފާހަގަކޮށްލެވޭ އެހެން ކުޅުންތެރިންގެ ތެރެއިން ކޯޗު ޒިދާން ވަނީ ގަރެތު ބޭލް މިރޭ ބާސެލޯނާއާ ދެކޮޅަށް ނުކުންނަ ސްކޮޑުގައި ހިމަނައިފަ އެވެ.

ރެއާލް މެޑްރިޑާއި ބާސެލޯނާ ވާދަކުރާ އެލް ކްލަސިކޯ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު އެކެއް ޖަހާއިރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!