ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެ ފަހުން ލިވަޕޫލް ބަލިވެއްޖެ!

އެންމެ ފަހުން ލިވަޕޫލް ބަލިވެއްޖެ!

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 29 ފެބްރުއަރީ 2020

އިނގިރޭސި ޕްރިމިއާ ލީގުގައި ބަލިނުވެ އަހަރަކަށް ވުރެ ގިނަ ދުވަސް ހަމަކުރި ލިވަޕޫލުން މިރޭ ރަށުން ބޭރުގައި ވެޓްފޯޑާ ބައްދަލުކުރި މެޗުން ބަލިވެއްޖެ އެވެ. މުޅި ދުނިޔެ ހައިރާންކޮށްލުމަށް ފަހު ލިވަޕޫލްގެ މައްޗަށް ވެޓްފޯޑުން މިރޭ ކުރި ހޯދީ 3-0 އިންނެވެ.

ލިވަޕޫލް އެންމެ ފަހުން ޕްރިމިއާ ލީގުގައި ބަލިވީ މިދިޔަ އަހަރުގެ ޖެނުއަރީ ތިން ވަނަ ދުވަހު ރަށުން ބޭރުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އޭގެފަހުން އެޓީމުން އަންނަނީ ލީގުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ޖެހުނު ކޮންމެ ޓީމެއް ބަލިކުރަމުންނެވެ. އެކަމަކު ހީނުކުރާ މެޗެއްގައި ލިވަޕޫލް މިރޭ ބަލިވިއިރު އެޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.

ލިވަޕޫލް އިނިގިރޭސި ލީގު މެޗަކުން ބަލިމިވީ 422 ދުވަސް ފަހުންނެވެ. ލީގުގައި ބަލިނުވެ 44 މެޗު އެޓީމުން ކުޅެފައިވާއިރު ޖެހިޖެހިގެން 36 މެޗުގައި ވަނީ ގޯލު ޖަހައިފަ އެވެ. މިރޭގެ މެޗުގެ ކުރިން ލިވަޕޫލަށް ގޯލެއް ނުޖެހި މެޗެއް ނިމުނީ މީގެ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކުރިން ރަށުން ބޭރުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އަދި، މިއީ 646 ދުވަސް ތެރޭ ލިވަޕޫލުން ލީގުގައި ބަލިވި ދެ ވަނަ މެޗެވެ.

މިރޭގެ މެޗުގެ ކުރިން ލިވަޕޫލުން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު 18 މެޗުން ވެސް މޮޅުވެފަ އެވެ. މިރޭ މޮޅެއް ހޯދަން އެޓީމު ނުކުތީ އިނގިރޭސި ފުޓްބޯޅައިގައި މުޅިން އާ ރެކޯޑެއް ހެދުމަށެވެ. މީގެ ކުރިން އިނގިރޭސި އެއްވެސް ކްލަބަކަށް ލީގުގައި 19 މެޗުން ޖެހިޖެހިގެން މޮޅުވެވިފައެއްނުވެ އެވެ. އެކަމަކު މެޗުން ބަލިވުމުން ލިވަޕޫލަށް މި ރެކޯޑް ހެދުމުގެ ފުރުސަތު ވެސް ގެއްލުނީ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް މާ ރަނގަޅަށް ނުކުޅެވުނުއިރު ވެޓްފޯޑުގެ ޓްރޮއި ޑީނީ އަށް ގޯލު ޖަހަން ލިބުނު ހުސް ފުރުސަތެއްގައި ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ ހުރަސް އަޅައިފަ އެވެ. ވެޓްފޯޑުން މެޗުގެ ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ޖެހި ގޯލުތަކުންނެވެ. އެޓީމުގެ ފުރަތަމަ ދެ ގޯލު ޖަހައިދިނީ އިސްމާއިލާ ސާ އެވެ. ލިވަޕޫލްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ފަހު ގޯލު ޖަހައިދިނީ ޑީނީ އެވެ.

މެޗުން ލިވަޕޫލް ބަލިވި ނަމަވެސް އެޓީމުން މި ސީޒަނުގެ ލީގު ގާތްގަނޑަކަށް ވަނީ ކަށަވަރުކޮށްފަ އެވެ. 28 މެޗުން އެޓީމު 79 ޕޮއިންޓް ހޯދާފައިވާއިރު ލީގުގެ ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާ އެޓީމާ ދެމެދު 22 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އެކަމަކު ތަފާތު މޮޅު ކުޅުމެއް ދައްކަމުން އައި ލިވަޕޫލަށް ލިބޭނެ ނުތަނަވަސްކަމަކީ މެޗަކުން ބަލިނުވެ ލީގު ހޯދުމުގެ ދޮރު މިހާރު ބަންދުވުމެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!