ފުރަތަމަ ސަފްޙާ / ޚަބަރު / މެސީ އަށް ވުރެ ރޮނާލްޑޯ މޮޅޭ ބުނަނީ ފުޓްބޯޅަ ނޭނގޭ މީހުން: ވެން ބާސްޓެން

މެސީ އަށް ވުރެ ރޮނާލްޑޯ މޮޅޭ ބުނަނީ ފުޓްބޯޅަ ނޭނގޭ މީހުން: ވެން ބާސްޓެން

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 29 ފެބްރުއަރީ 2020

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަ ފަހަރު ހޯދައިފައިވާ އާޖެންޓީނާގެ ލިއޮނަލް މެސީ އަށްވުރެ އެ މަގާމް މިހާތަނަށް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ މޮޅު ކަމަށް ބުނަނީ ފުޓްބޯޅައިގެ އެއްވެސް ކަމެއް ނޭނގޭ މީހުން ކަމަށް ނެދަލެންޑްސްގެ ފުޓްބޯޅަ ލެޖެންޑް މާކޯ ވެން ބާސްޓެން ބުނެފި އެވެ.

އިޓަލީގެ ނޫހަކަށް ދިން އންޓަވިއުއެއްގައި ވެން ބާސްޓެން ބުނެފައިވަނީ ޔުވެންޓަސް އަށް ކުޅެމުން އަންނަ އުމުރުން 35 އަހަރުގެ ރޮނާލްޑޯ އަށް ފުރިހަމައަށް އިހުތިރާމްކުރާ ކަމަށާއި، އެކަމަކު މެސީ ވަރުގެ ހުނަރުވެރި ކުޅުންތެރިއަކު ފެނުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެއް ކަމަށެވެ.

މެސީ އާއި ރޮނާލްޑޯގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކީ ކާކުތޯ ކުރެވޭ ބަހުސަކީ މިދިޔަ ގާތްގަނޑަކަށް ދިހަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ފުޓްބޯޅައިގައި އަބަދުހެން ކުރެވެމުން އަންނަ އެންމެ ހޫނު އެއް ބަހުސެވެ. ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މި ދެ ކުޅުންތެރިންގެ ވާދަވެރިކަން އެންމެ ބޮޑަށް ފެނިފައިވަނީ ސްޕެނިޝް ލީގުގައި ކަމަށްވާއިރު ބާސެލޯނާ އަށް ކުޅެމުން އަންނަ މެސީ އަށް ގިނަ ކާމިޔާބީ ތަކެއް ހޯދިފައި ހުރީ ލަލީގާ ގައި ކަން ފާހަގަކޮށްލެވެ އެވެ. އެއާ ހިލާފަށް ރެއާލް މެޑްރިޑްގައި ނުވަ ސީޒަން ހޭދަކުރުމަށްފަހު 2018 ވަނަ އަހަރުގެ ހޫނު މޫސުމުގައި އެ ކްލަބް ދޫކޮށްލި ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑާއެކު ހަތަރު ފަހަރު ޔޫރަޕްގެ އެންމެ ޝަރަފްވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ދެ ކުޅުންތެރިން މިހާތަނަށް ފުޓްބޯޅައިގައި ހޯދައިފައިވާ އެކި އެވޯޑްތަކަށް ބަލާއިރުވެސް އެ އެ ދެ ކުޅުންތެރިންގެ ތެރެއިން މޮޅީ ކޮން ކުޅުންތެރިއެއްތޯ ކަނޑައެޅުމަކީވެސް ދަތިކަމެކެވެ. ދުނިޔޭގެ ފުޓްބޯޅައިގައި ދެވޭ އެންމެ ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ބެލޮން ޑިއޯ އެވޯޑް ރޮނާލްޑޯ އަށްވުރެ އިތުރަށް އެއް ފަހަރު މެސީ ކާމިޔާބުކޮށްފައިވާއިރު ގައުމީ ޓީމާއެކު ބައިނަލްއަގްވާމީ ފެންވަރުގެ ބޮޑު މުބާރާތެއް މެސީ އަށް ކާމިޔާބުކުރެވިފައި ނުވުމަކީ މެސީގެ ސަޕޯޓަރުންގެ މައްޗަށް ރޮނާލްޑޯގެ ސަޕޯޓަރުން ކުރި ހޯދަން އެންމެ ގިނައިން ދައްކާ އެއް ވާހަކަ އެވެ. ރޮނާލްޑޯ ވަނީ 2018 ވަނަ އަހަރު ޕޯޗުގަލް އާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ފުޓްބޯޅައިގެ ކުރީގެ ތަރިންނާއި މިހާރުގެ ތަރިން ވެސް މެސީ އާއި ރޮނާލްޑޯގެ ވާދަވެރިކަމާ ގުޅޭ ގޮތުން މިހާތަނަށް އެތައް ވާހަކައެއް ދައްކައިފައިވާއިރު ވެން ބާސްޓެން ބުނެފައިވަނީ އެ ދެ ކުޅުންތެރިންގެ ތެރެއިން މޮޅީ ކާކުކަން ބުނަން އޭނާ އަށް އުނދަގޫ ނޫން ކަމަށެވެ.

“ކްރިސްޓިއާނޯ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އެކަމަކު މެސީ އަށް ވުރެ ރޮނާލްޑޯ މޮޅު ކަމަށް ބުނާ މީހުންނަށް ފުޓްބޯޅައިގެ އެއްވެސް ކަމެއް ނޭނގޭ. ނުވަތަ އެމީހުން އެ ގޮތަށް އެ ބުނަނީ މުޅިން އެހެން ބޭނުމެއްގަ” ކުރިން ނެދަލެންޑްސްގެ އަޔަކްސް އެމްސްޓެޑަމް އަށާއި އިޓަލީގެ އޭސީ މިލާނަށް ކުޅެފައިވާ ދުނިޔޭގައި އުދެދުނު އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުން ގިނަ ބަޔަކު ޖާގަދޭ ވެން ބާސްޓެން ބުންޏެވެ.

“މެސީ އަކީ ދެން މިއިން ދުވަހަކުވެސް ވަރަށް މަދުން ނޫނީ ނުފެންނާނެ ވަރުގެ ކުޅުންތެރިއެއް. އެކަހަލަ ކުޅުންތެރިއަކު ފެނުނަސް ފެންނާނީ ކޮންމެ 50 އަހަރަކުން ނޫނީ 100 އަހަރުން. އެންމެ ޅައިރުވެސް އޭނަ އަކީ ފުޓްބޯޅައިގެ ޖީނިއަސް އެއް.” މެސީގެ މޮޅުކަން ހާމަކުރަމުން ވެން ބާސްޓެން ބުނެފައިވެ އެވެ.

ވެން ބާސްޓެން ސީނިއާ ލެވަލްގައި ފުރަތަމަ ފުޓްބޯޅަ ކުޅެން ފެށީ އުމުރުން 17 އަހަރުގަ އެވެ. އޭނާ ވަނީ ފުރަތަމަ ކުޅެން ފެށި ކްލަބް ކަމަށްވާ އަޔަކްސް އަށް ކުޅެދިން 152 މެޗްގައި 172 ގޯލް ޖަހައިފަ އެވެ. އޭގެ ފަހުން 1980 ގެ ފަހުކޮޅާއި 1990 ގެ ކުރީ ކޮޅު އިޓަލީގެ އޭސީ މިލާން އަށް ވެން ބާސްޓެން ކުޅުނު ދުވަސްވަރަކީ ޔޫރަޕްގައި މިލާން ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް ދުވަސްވަރެވެ. މިލާންގައި ވެން ބާސްޓެން ހޭދަކުރި ދުވަސްތަކުގެ ތެރޭގައި އޭނާ ވަނީ އެ ޓީމާއެކު ޔޫރަޕިއަން ކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

1988 ވަނަ އަހަރު ނެދަލެންޑްސްއާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށްފައިވާ ވެން ބާސްޓެން އަކީ މެސީ އާއި ރޮނާލްޑޯ ނެގުމަށް ފަހު ބެލޮން ޑިއޯ އެވޯޑް އެންމެ ގިނަ ފަހަރު ހޯދައިފައިވާ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ވެން ބާސްޓެން ޖުމްލަ ތިން ފަހަރު އެ އެވޯޑް ހޯދައިފައިވާ އިރު އެ އަދަދަށް އެވޯޑް ހާސިލްކުރި އަނެއް ދެ ކުޅުންތެރިންނަކީ ނެދަލެންޑްސް ޔޯހަން ކްރައިފް އާއި ފްރާންސްގެ މިޝެލް ޕްލެޓީނީ އެވެ. އުމުރުން 28 އަހަރުގައި ވެން ބާސްޓެން ކުޅުމާ ދުރަށް ދާންޖެހުނީ އޭނާ އަށް ކުރިމަތިވި ސީރިއަސް އަނިޔާތަކަކާއި ގުޅިގެން އެއިން އަރައި ނުގަނުވުމުގެ ސަބަބުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!