ފުރަތަމަ ސަފްޙާ / ޚަބަރު / ކޮރޯނާވައިރަހުގެ ސަބަބުން މެޗުތައް ފަސްކުރަން ޖެހިދާނެ: ފީފާގެ ރައީސް

ކޮރޯނާވައިރަހުގެ ސަބަބުން މެޗުތައް ފަސްކުރަން ޖެހިދާނެ: ފީފާގެ ރައީސް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 6 މާރޗް 2020

މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއާ ގުޅިގެން ޔޫރަޕާއި އޭޝިއާގެ ބައެއް ލީގުތަކުގެ މެޗްތައް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވެފައި ވަނިކޮށް ކުރިއަށް އޮތް މަހު ކުޅެން ހަމަޖެހިފފައިވާ ބައިނައްއަގްވާމީ ވާދަވެރި އަދި ރަހުމަތްތެރިކަމުގެ ބައެއް ފުޓްބޯޅަ މެޗްތައް ފަސްކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެއްވައިފި އެވެ.

“ކުޅިވަރުގެ ހުރިހާ ކަމަކަށް ވުރެވެސް ބޮޑަށް މުހިއްމުވާނީ މީހުންގެ ސިއްހަތު. މިވަގުތު އެއްވެސް ކަމެއް ބަދަލު ނުވާނެއެކޭ އަހަރެން ނުބުނާނަން. އެހެންވީމަ މިވަގުތު އަހަރެމެން ކުރަންޖެހޭ ކަމަކީ ގޯސްވުމަށްވުރެ ރަގަޅުވާނެ ކަމަށް އުއްމީދުކޮށްގެން ހާލަތަށް އަންނަ ބަދަލުތައް ރަގަޅަށް ދެނެގަތުން.  އެކަމަކު މިވަގުތު ކަން ހިނގަމުން އަންނަ ގޮތަށް ބަލާއިރު ފެންނަނީ ހާލަތު ގޯސްވަމުން އަންނަތަން.” އިންފަންޓީނޯ ވިދާޅުވެފައިވެ އެވެ.

“މައްސަލައަށް ހައްލެއް އަންނަންދެން މެޗުތައް ފަސްކުރަންޖެހިއްޖެނަމަ ނުވަތަ ސަޕޯޓަރުން ނުވައްދައި މެޗް ކުޅެންޖެހިއްޖެ ހާލަތެއް އަތުވެއްޖެނަމަ އަހަރެމެން ޖެހޭނީ އެކަން އެގޮތަށް ކުރަން.” ފީފާގެ ރައީސް އިތުރަށް ވިދާޅުވެފައިވެ އެވެ.

ދުނިޔޭގެ 65 ފުޓްބޯޅަ އެސޯސިއޭޝަނެއް އެފްލިއޭޓް ވެފައިވާ ބައިނަލްއަގްވާމީ ޔޫނިއަން އެއް ކަމަށް ފިފްޕްރޯ އިން ބުނެފައިވާ ގޮތުގައި ކޮރޯނާ ވައިރަސްއާ ގުޅިގެން  ބައިނަލްއަގްވާމީ ބައެއް ފުޓްބޯޅަ މެޗުތައް މިހާރު ކުރިއަށްގެންދަން ހަމަޖައްސައިފައި އޮތް ތާރީހުތަކަށް ބަދަލު ގެނައުމާ ގުޅޭގޮތުން ފުޓްބޯޅައިގެ ކަންކަމުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކާއި އެ ޔޫނިއަންގެ ފަރާތުން ވާހަކަދައްކަމުން އަންނަ ކަމަށެވެ. އެ ޔޫނިއަން އިން ބުނިގޮތުގައި ކޮރޯނާ ވައިރަސް ފެތުރުމުގެ ބިރު އޮތް ސަރަހައްދުތަކުގައި މެޗްތައް ކުރިއަށްގެންދާތީ އެކަމުގެ ކަންބޮޑުވުން ކުޅުންތެރިން އަމިއްލައަށް ވެސް އަންނަނީ އެ ޔޫނިއަންއާ ހިއްސާކުރަމުނެވެ.

އަންނަ މަހުގެ ތެރޭގައި ކުޅެން ހަމަޖެހިފައިވާ އެންމެ ފާހަގަކޮށްލެވޭ ބައިނަލްއަގްވާމީ ފުޓްބޯޅަ މެޗްތަކަކީ އަންނަ ޖޫން މަހު އޮންނަ ޔޫރަޕިއަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ޕްލޭ އޯފް މެޗްތަކެވެ. ޔޫރަޕްގެ 16 ގައުމަކުން ވާދަކުރާ މި މެޗްތައް މިހާރު ކުޅެން ހަމަޖެހިފައި އޮތީ އަންނަ މަހުގެ 26 އަދި 31 ގަ އެވެ.

ޔޫރޯ ކޮލިފިކޭޝަން މެޗްތަކުގެ އިތުރުން އަންނަ މަހުގެ ފަހުކޮޅު ކުޅެން ހަމަޖެހިފައިވާ ބައިނަލްއަގްވާމީ ވާދަވެރި ފުޓްބޯޅަ މެޗްތަކަށް ބަލާއިރު ކޮރޯނާ ވައިރަސްގެ ސަބަބުން ބަދަލު އަތުވެދާނެ ކަމުގެ ބިރު އޮތް ބައެއް މެޗްތަކުގެ ތެރޭގައި އޭޝިއާ ސަރަހައްދުގައި ކުޅެވޭ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗްތަކުގެ ތެރެއިން އޮސްޓްރޭލިއާ ގައި ކުޅެން ހަމަޖެހިފައިވާ ކުވައިތު އަދި އޮސްޓްރޭލިއާ ވާދަކުރާ މެޗާއި ހޮންކޮން އާއި އީރާން، އީރާންގައި ކުޅެން ހަމަޖެހިފައިވާ މެޗް ހިމެނެ އެވެ. އީރާނަކީ މިވަގުތު އޭޝިއާގައި ކޮރޯނާ ވައިރަހުގެ ނުރައްކާ އެންމެ ބޮޑަށް އޮތް އެއް ގައުމެވެ. މީގެ އިތުރުން ކޮރޯނާ ވައިރަސް ފުރަތަމަ ފެތުރެންފެށި ގައުމުކަމަށްވާ ޗައިނާ އިން ރާއްޖެއާ ދެކޮޅަށް އެ ގައުމުގައި ކުޅެން ހަމަޖެހިފައި އޮތް މެޗް މިހާރު ވެސް ވަނީ ތައިލެންޑަށް ބަދަލުކޮށް ސަޕޯޓަރުން ނުވައްދައި މެޗް ކުރިއަށްގެންދާ ގޮތަށް ހަދައިފަ އެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާގެ ފުޓްބޯޅައަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު މިދިޔަ ހަފްތާގައި ކުޅެން ހަމަޖެހިފައި އޮތް އިޓާލިއަން ލީގުގެ ބައެއް މެޗްތައް ވެސް ވަނީ ފަސްކޮށްފަ އެވެ. މީގެ އިތުރުން މިހަފްތާގައި ކުޅެން ހަމަޖެހިފައިވާ އިޓާލިއަން ލީގުގެ ފަސް މެޗެއް ސަޕޯޓަރުން ނުވައްދާ ކުޅެން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ޔުވެންޓަސްގެ ދަނޑުގައި އެ ޓީމުން ވާދަވެރި އިންޓަ މިލާނާއި ދެކޮޅަށް ކުޅޭ މެޗްވެސް ހިމެނެ އެވެ. އިޓަލީ އަކީ ޔޫރަޕްގައި މިވަގުތު ކޮރޯނާ ވައިރަސް ފެތުރުމުގެ ބިރު އެންމެ ބޮޑަށް އޮތް ގައުމެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!