އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހު ވަގުތު ވަން ގޯލުން ބަލިވެ އިނގިރޭސި ކްލަބް އާސެނަލް މި ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގުން ކެޓިއިރު މެންޗެސްޓަރ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ހޯދި ބޮޑު މޮޅާއެކު މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފި އެވެ. ރޭ މެންދަމު އާސެނަލް މުބާރާތުން ކެޓީ އަމިއްލަ ދަނޑުގައި ގްރީސްގެ އޮލިމްޕިއާކޯސް އަތުން 2-1 އިން ބަލިވުމުންނެވެ. ޔުނައިޓެޑް ރޭ ވަނީ އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖް 5-0 އިން ބަލިކޮށްފަ އެވެ.
އާސެނަލާ އޮލިމްޕިއާކޯސް 2-2 އަކުން އެގްރިގޭޓް ނަތީޖާ ހަމަހަމަވިއިރު އޮލިމްޕިއާކޯސް އަނެއް ބުރުގެ ފުރުސަތު ހޯދީ އަވޭ ގޯލުން ކުރި ހޯދައިގެންނެވެ. ޔުނައިޓެޑުން ހޯދި ބޮޑު މޮޅާއެކު އެޓީމުން ބްރޫޖުގެ މައްޗަށް ކުރި ހޯދީ 6-1 ގެ އެގްރިގޭޓުންނެވެ.
އޮލިމްޕިއާކޯސްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗު އާސެނަލުން ކާމިޔާބުކުރީ 1-0 އިންނެވެ. ރަށުން ބޭރުގައި އާސެނަލުން އޮލިމްޕިއާކޯސް ބަލިކުރުމާއެކު އަމިއްލަ ދަނޑުގައި ވެސް އެޓީމުން ނަތީޖާ ނެރޭނެ ކަމަށް ކުރިން އޮތީ ބެލެވިފަ އެވެ. އެކަމަކު މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ތިން ވަނަ ލިބި ޔޫރޮޕާ ލީގުގައި ކުޅެން ޖެހުނު އޮލިމްޕިއާކޯސް އިން ވަނީ އާސެނަލްގެ ދަނޑުގައި އެޓީމު ހައިރާންކޮށްލައިފަ އެވެ. ޗެމްޕިއަންސް ލީގުގައި އޮލިމްޕިއާކޯސް އަށް ތިން ވަނަ ލިބުނީ ބަޔާން މިއުނިކާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ފަހަތުންނެވެ.
ރޭގެ މެޗުގެ 90 މިނެޓު ހަމަވިއިރު އޮލިމްޕިއާކޯސް ކުރި ހޯދީ 1-0 އިންނެވެ. އެޓީމުގެ ގޯލު 53 ވަނަ މިނެޓުގައި ޖަހައިދިނީ އަބޫ ސީސޭ އެވެ. އެގްރިގޭޓުން ނަތީޖާ ހަމަހަމަވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި އާސެނަލުން ނަތީޖާ ހަމަހަމަކުރީ ޕިއޭ އެމެރިކް އޮބާމިޔަން ޖަހައިދިން ގޯލުންނެވެ. 1-1 ގައި އޮވެ އެގްރިގޭޓް ނަތީޖާ އިން އާސެނަލް މޮޅުވާން ދަނިކޮށް އެޓީމަށް ސިހުން ލިބުނީ އިތުރު ވަގުތުގެ ފަހު މިނެޓުގައި ކޯނަރަކުން އުފެއްދި ހަމަލާއެއްގައި އޮލިމްޕިއާކޯސްގެ ޔޫސުފް އަލް އަރާބީ ގޯލު ޖެހުމުންނެވެ. މި ގޯލަށް ފަހު ބާކީ މިނެޓުގައި އާސެނަލުން ކުރިއަށް ޖެހި އިތުރު ގޯލެއް ޖަހަން މަސައްކަތްކުރިއިރު އޮބާމިޔަން އަށް ވަނީ ގޯލު ކުރިމަތިން ހުސް ފުރުސަތެއް ލިބިފަ އެވެ. އެކަމަކު ގޯލާ ރައްޓެހި އޮބާމިޔަން ހުސްކޮށްހުރެ ފޮނުވާލި ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އޮބާމިޔަން އަތުން ރަނުގެ މި ފުރުސަތު ގެއްލުމުން އެންމެންނަށް ލިބުނީ ހައިރާން ކަމެކެވެ.
މިކެލް އާޓެޓާގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުތަކުގައި ނަތީޖާ ނުނެރެވުނު ނަމަވެސް ފަހަކަށް އައިސް އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ރޭގެ މެޗަކީ އާސެނަލް މި އަހަރު ބަލިވި ފުރަތަމަ މެޗެވެ. އާސެނަލް ވަނީ މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލުގައި ކުޅޭ އޭގެ ކުރީ އަހަރު ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި އެޓީމު ބަލިވީ ޗެލްސީ އަތުންނެވެ. ޔޫރޮޕާ ލީގުން ކެޓި ނަމަވެސް އެޓީމު އަންނަނީ އިނގިރޭސި އެފްއޭ ކަޕާއި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ވާދަކުރަމުންނެވެ.
ޔުނައިޓެޑުން ރޭ އަމިއްލަ ދަނޑުގައި މޮޅުވިއިރު ބްރޫޖްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ފުރަތަމާ ހާފު ތިން ގޯލުގެ ލީޑެއްގައި އޮވެ ޔުނައިޓެޑުން ނިންމާލިއިރު، މި ހާފުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ ބްރޫނޯ ފެނާންޑޭސް އާއި އޮޑިއޮން އިގާލޯ އަދި ސްކޮޓް މެކްޓޮމިނޭ އެވެ. ފެނާންޑޭސް ގޯލު ޖެހީ ޑެނިއަލް ޖޭމްސް ފޮނުވާލި ބޯޅައެއް އޭރިޔާ ތެރެއިން ބްރޫޖުގެ ސިމޯން ޑެލީ އަތުން ބްލޮކް ކުރުމުންނެވެ. އަތުން ޖެއްސުމުގެ ސަބަބުން 22 ވަނަ މިނެޓުގައި ޑެލީ އަށް ދެއްކި ރަތް ކާޑާއެކު ބްރޫޖުން މެޗުގެ ބާކީ ބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ. ރޭގެ ގޯލަކީ ޖެނުއަރީ މަހު ޔުނައިޓެޑަށް ބަދަލުވިފަހުން އިގާލޯ އެޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. ދެ ވަނަ ހާފުގެ ފަހުކޮޅު ޔުނައިޓެޑްގެ ފަހު ދެ ގޯލު ޖަހައިދިނީ ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް އެވެ.

ޔުނައިޓެޑްގެ ޖާޒީގައި އިގާލޯ ފުރަތަމަ ގޯލު ޖަހައިދިނުމަށް ފަހު އުފާފާޅުކުރަނީ
ޔޫރޮޕާ ލީގުގެ އެހެން މެޗުތަކަށް ބަލާއިރު ރަށުން ބޭރުގައި ސްޕެއިންގެ އެސްޕަންޔޯލް އަތުން 3-2 އިން ބަލިވި ނަމަވެސް އިނގިރޭސި ކްލަބް ވުލްވްސް ވަނީ 6-3 ގެ އެގްރިގޭޓް ނަތީޖާއިން މޮޅުވެ ގަދަ 16 އިން ފުރުސަތު ހޯދައިފަ އެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅުނު އަޔަކްސް ރޭ ވަނީ މި ސީޒަނުގެ ޔޫރޮޕާ ލީގުން ވެސް ކަޓައިފަ އެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ވެލެންސިއާ އާއި ޗެލްސީގެ ފަހަތުން ދެ ވަނަ ލިބި ޔޫރޮޕާ ލީގުގައި ވާދަކުރަން ޖެހުނު އަޔަކްސް ރޭ 2-1 އިން އަމިއްލަ ދަނޑުގައި ގެޓާފޭ ބަލިކުރި ނަމަވެސް އެގްރިގޭޓުން އެޓީމު ބަލިވީ 3-2 އިންނެވެ.
ސަޕޯޓަރުން ނުވައްދައި ކުޅުނު ދެ ވަނަ ލެގްގެ މެޗު ވެސް ކާމިޔާބުކޮށް އިންޓަ މިލާނުން ވެސް ވަނީ ގަދަ 16 އިން ޖާގަ ހޯދައިފަ އެވެ. އަމިއްލަ ދަނޑުގައި އެޓީމުން ލުޑޮގޮރެޓްސް 2-1 އިން ބަލިކުރިއިރު ގޯލުތައް ޖަހައިދިނީ ކްރިސްޓިއާނޯ ބިރާގީ އާއި ރޮމެލޫ ލުކާކޫ އެވެ.
އޮލިމްޕިއާކޯސް އާއި ޔުނައިޓެޑް، ވުލްވްސް، ގެޓާފޭ އަދި އިންޓަ މިލާނުގެ އިތުރުން ގަދަ 16 އިން ފުރުސަތު ހޯދާފައިވާ ޓީމުތަކަކީ ސްކޮޓްލެންޑުގެ ރޭންޖާސް، ބަޔާން ލެވަކޫސަން، ތުރުކީގެ އިސްތަންބޫލް ބަސަކްޝޭ، ޑެންމާކްގެ ކޯޕެންހާގެން، ސްވިޒަލެންޑުގެ ބަސެލް، ސެވިއްޔާ، އޮސްޓްރިއާގެ ލާސްކް، ޔޫކްރޭންގެ ޝަކްތާ ޑޮނެސްކް އަދި ޖަރުމަނުގެ ވޮލްފްސްބާގްގެ އިތުރުން ރޯމާ އެވެ.
ގަދަ 16 ގެ ފަހު ޖާގަ ކަށަވަރުވާނީ ޖަރުމަނުގެ އެއިންޓްރަކް ފްރެންކްފާޓް އާއި އޮސްޓްރިއާގެ ރެޑްބުލް ސާލްސްބާގް ވާދަކުރާ ދެ ވަނަ ލެގްލެ މެޗަށް ފަހު އެވެ. އޮސްޓްރިއާގައި ރޭ ކުޅެން އޮތް ދެ ވަނަ ލެގްގެ މެޗު ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. މިދެޓީމު ޖަރުމަނުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗު 4-1 އިން ކާމިޔާބުކުރީ މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ސެމީގައި ކުޅުނު ފްރޭންފާޓް އެވެ.