މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްގެން އެތައް ބައެއްގެ ލޯބި ހޯދި ނެދަލެންޑްސްގެ އަޔަކްސް މިފަހަރުގެ ޔޫއެފާ ޔޫރޮޕާ ލީގުން ވެސް ކަޓައިފި އެވެ. މިވަގުތު ނެދަލެންޑްސް ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓްގެ ލީޑަކާއެކު އޮތް އަޔަކްސް ޔޫރޮޕާ ލީގުން ކެޓީ ރޭ އަމިއްލަ ދަނޑުގައި ސްޕެއިންގެ ގެޓާފޭއާ ވާދަކޮށް ކުޅުނު ދެވަނަ ލެގުގެ މެޗުން 2-1 އިން މޮޅުވި ނަމަވެސް އަވޭ ގޯލުގެ ތަފާތުން އެޓީމަށް ކުރި ނުލިބުމުންނެވެ. މުބާރާތުގެ ނޮކައުޓް ބުރަށް ދަތުރުކުރި 32 ޓީމް ވާދަކުރި ބުރުގައި މިދެ ޓީމް ކުޅުނު ފުރަތަމަ ލެގުގައި އަޔަކްސް ވަނީ 0-2 އިން ގެޓާފޭ އަތުން ބަލިވެފަ އެވެ. އެގްރިގޭޓުން އަޔަކްސް ބަލިވީ 3-2 އިންނެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން އަޔަކްސް ޖާގަ ހޯދީ މުބާރާތުގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ ރެއާލް މެޑްރިޑް ގަދަ 16 ގައި ބަލިކުރުމުގެ އިތުރުން ކުއާޓާ ފައިނަލްގައި އިޓަލީގެ ގަދަބާރު ޔުވެންޓަސް ބަލިކުރުމަށްފަހު އެވެ. ސެމީ ފައިނަލްގައި އިނގިރޭސި ވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާސްއާ ވާދަކޮށް އަޔަކްސް އަށް ފައިނަލްގެ ފުރުސަތު ގެއްލުނީ އަމިއްލަ ދަނޑުގައި ކުޅުނު ފަހު ލެގުގެ މެޗްގައި ޓޮޓެންހަމްގެ ލޫކަސް މޯރާ ފަހު ވަގުތު އަޔަކްސްގެ ގޯލަށް ވައްދާލި ލަނޑާއެކު އަވޭ ގޯލްގެ ތަފާތުން ބަލިވުމުންނެވެ.
މިފަހަރުގެ ޔޫރޮޕާ ލީގުގައި އަޔަކްސް އަށް ވާދަކުރަން ޖެހުނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ވާދަކޮށް ގްރޫޕުން އެންމެ ރަގަޅު ނަތީޖާ ހޯދި ދެ ޓީމުގެ ތެރޭގައި ނުހިމެނި ތިން ވަނައިގައި ނިންމާލަން ޖެހުމުންނެވެ. ގްރޫޕް ސްޓޭޖްގައި ފުރަތަމަ ކޮޅު ރަގަޅު ނަތީޖާ ތަކެއް އަޔަކްސް އިން ނެރުނު ނަމަވެސް ފަހުން ކުޅުނު މެޗްތަކުގައި ކުރިމަތިވި ނާކާމިޔާބާއެކު އަޔަކްސް އަށް އެ ގްރޫޕްގައި ހިމެނުނު ވެލެންސިއާ އާއި ޗެލްސީ އަށްވުރެ ކުރި ހޯދޭ ގޮތެއް ނުވިއެވެ.
ޔޫރޮޕާ ލީގުގައި ރޭ އަޔަކްސް އާއި ގެޓާފޭ ވާދަކުރި މެޗްގެ ފުރަތަމަ ގޯލް މެޗްގެ ފަސް ވަނަ މިނެޓްގައި ކާމިޔާބުކޮށް ލީޑް ނެގީ ގެޓާފޭއިންނެވެ. މި ލަނޑު ގެޓާފޭއަށް ކާމިޔާބުކޮށްދީފައިވަނީ އެޓީމަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ޖެއިމީ މަޓާ އެވެ. އެކަމަކު އޭގެ ފަސް މިނެޓް ފަހުން އަޔަކްސްގެ ޑެނީލޯ ގޯލެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކުރި އެވެ. އަޔަކްސްގެ ދެ ވަނަ ލަނޑަކީ މެޗްގެ 63 ވަނަ މިނެޓްގައި ގެޓާފޭގެ ޑިފެންޑަރު މަތިއެސް އޮލިވޭރާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
ރޭގެ މެޗްގެ 70 އިންސައްތަ ވަގުތު އަޔަކްސް އިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މެޗްގައި އެޓީމުން ގެޓާފޭގެ ގޯލާ އަމާޒުކޮށް ބޯޅަ ފޮނުވާލި އަދަދަށް ގެޓާފޭ އިން ވެސް ވަނީ އަޔަކްސްގެ ގޯލާ އަމާޒުކޮށް ޝޮޓް ހަދައިފަ އެވެ. ކޮންމެ ޓީމަކުންވެސް ރޭގެ މެޗްގައި ނުވަ ހަމަލާއެއް އިދިކޮޅު ޓީމުގެ ގޯލާ އަމާޒުކޮށް ފޮނުވާލިއިރު ގެޓާފޭ އިން ފޮނުވާލި ތިން ހަމަލާއެއް ވަނީ ގޯލް ދަނޑީގައި ވެސް ޖެހިފަ އެވެ.
އަޔަކްސް ގެ އިތުރުން ރޭ ވަނީ ޔޫރަޕްގެ ބައެއް އެހެން ބޮޑެތި ކްލަބްތަކެއް ވެސް ޔޫރޮޕާ ލީގުގެ ގަދަ 16 އަށް ނުގޮސް ކަޓައިފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އާސެނަލް އާއި ސްކޮޓްލެންޑްގެ ސެލްޓިކްގެ އިތުރުން ޕޯޗްގަލްގެ ތިން ކްލަބް ކަމަށްވާ އެފްސީ ޕޯޓޯ، ބެންފީކާ އަދި ސްޕޯޓިން ލިސްބަން ހިމެނެއެވެ.
ގަދަ 16 އިން މިހާތަނަށް ވަނީ 15 ޓީމަކުން ޖާގަ ހޯދައިފަ އެވެ. އެއީ ގްރީސްގެ އޮލިމްޕިއާކޯސް އާއި މެންޗެސްޓަރ ޔުނައިޓެޑް، ވުލްވްސް، ގެޓާފޭ، އިންޓަ މިލާން، ސްކޮޓްލެންޑުގެ ރޭންޖާސް، ބަޔާން ލެވަކޫސަން، ތުރުކީގެ އިސްތަންބޫލް ބަސަކްޝޭ، ޑެންމާކްގެ ކޯޕެންހާގެން، ސްވިޒަލެންޑުގެ ބަސެލް، ސެވިއްޔާ، އޮސްޓްރިއާގެ ލާސްކް، ޔޫކްރޭންގެ ޝަކްތާ ޑޮނެސްކް އަދި ޖަރުމަނުގެ ވޮލްފްސްބާގްގެ އިތުރުން ރޯމާ އެވެ.
މި ބުރުގެ ފަހު ޖާގަ ކަށަވަރުވާނީ ޖަރުމަނުގެ އެއިންޓްރަކް ފްރެންކްފާޓް އާއި އޮސްޓްރިއާގެ ރެޑްބުލް ސާލްސްބާގް ވާދަކުރާ ދެ ވަނަ ލެގްލެ މެޗަށް ފަހު އެވެ. އޮސްޓްރިއާގައި ރޭ ކުޅެން އޮތް ދެ ވަނަ ލެގްގެ މެޗު ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. މިދެޓީމު ޖަރުމަނުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗު 4-1 އިން ކާމިޔާބުކުރީ މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ސެމީގައި ކުޅުނު ފްރޭންފާޓް އެވެ.