ފުރަތަމަ ސަފްޙާ / ޚަބަރު / ރޮނާލްޑޯ ހުއްޓުވައި ލިޔޯން އިން ޔުވެންޓަސް ބަލިކޮށްފި

ރޮނާލްޑޯ ހުއްޓުވައި ލިޔޯން އިން ޔުވެންޓަސް ބަލިކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 27 ފެބްރުއަރީ 2020

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ފްރާންސްގެ ލިޔޯން އާއި ބައްދަލުކޮށް މުބާރާތުގެ އެއް ފޭވަރިޓުން ކަމަށްވާ އިޓަލީގެ ޔުވެންޓަސް ބަލިވެއްޖެއެވެ. ރޭ ލިޔޯންގެ ދަނޑުގައި ކުޅުނު މެޗްގައި އެ ޓީމުން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ވޭތުވެދިޔަ އަށް ސީޒަންގައިވެސް ހޯދައިފައިވާ ޔުވެންޓަސްގެ މައްޗަށް ކުރި ހޯދީ 0-1 އިންނެވެ.

މިއީ މިހާތަނަށް ލިޔޯން އަށް ޔުވެންޓަސް ބަލިކުރެވުނު ފުރަތަމަ ފަހަރެވެ. ރޭގެ މެޗްގައި ޔުވެންޓަސް އިން ގިނަ އިރު ބޯޅަ ގެންގުޅެފައިވީ ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕައުލޯ ޑިބާލާގެ އިތުރުން ހުއާން ކުއާޑްރާޑޯ ހިމެނޭ ޔުވެންޓަސްގެ ވަރުގަދަ ފޯވާޑް ލައިން ހުއްޓުވުމުގައި ލިޔޯން ގެ ޑިފެންސް ލައިނުން ވަނީ ބޮޑު ކާމިޔާބެއް ރޭގެ މެޗްގައި ހޯދައިފައެވެ.

ރޭގެ މެޗްގައި ލިޔޯން އިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް ޓޮސާޓެވެ. ޔުވެންޓަސް އިން މެޗް ފަށައިގެން ވަރަށް ރަގަޅަށް ކުޅެމުން އައި ނަމަވެސް ލިއޯން އިން އެ ގޯލް ޖެހުމާއި ހަމައަށް އެ ޓީމުގެ ގޯލަށް ޔުވެންޓަސް އަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ. އަދި މެޗްގެ ވަރަށް ފަހުގެ ކޮޅާއި ހަމައަށް ޔުވެންޓަސް އިށް ލިއޯންގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާ އެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. ޔުވެންޓަސް އަށް ގޯލެއް ކާމިޔާބުކޮށްދިނުމާ އެންމެ ގާތަށް ގެންގޮސްދިނީ އެ ޓީމްގެ އާޖެންޓީނާ ފޯވާޑް ޑިބާލާ އެވެ. މެޗް ނިމެން ގާތްވެފައި ވަނިކޮށް ލިބުނު ފުރުސަތެއްގައި ލިޔޯންގެ ގޯލަށް ޑިބާލާ ބޯޅަ ވައްދާލި ނަމަވެސް ރެފްރީ ނިންމައިފައިވަނީ އެ ބޯޅަ ޑިބާލާ ގޯލަށް ފޮނުވާލި އިރު ހުރީ އޮފް ސައިޑް މަގާމެއް ގައި ކަމަށެވެ.

ރޭގެ މެޗްގައި ޔުވެންޓަސް ގެ ފަރާތުން ލިއޯން އަށް އެންމެ ބޮޑަށް ނުރައްކާ ކުރިމަތިވީ މިސީޒަންގައި ވެސް ޔުވެންޓަސް އަށް މުހިއްމު ގިނަ ގޯލްތަކެއް ޖަހައިދެމުން އަންނަ އުމުރުން 35 އަހަރުގެ ރޮނާލްޑޯ އެވެ. އެކަމަކު ރޮނާލްޑޯ އަށް ލިޔޯންގެ ގޯލަށް ނުރައްކާކުރަން ލިބުނު ހަތަރު ފުރުސަތުގައިވެސް ބޯޅަ ފޮނުވާލުމުން ދިޔައީ ގޯލާ ސީދާ ނުވެ ބޭރަށެވެ. މީގެ އިތުރުން ރޮނާލްޑޯ އަރިމަތިން ނަގައިދިން ދެ ހުރަހެއްގައި ލިޔޯންގެ ގޯލަށް ނުރައްކާވިކަންވެސް ފާހަގަވިއެވެ.

ރޭގެ މެޗްގައި ލިޔޯން އިން ގޯލް ޖެހުމުގެ ކުރިންވެސް މެޗްގައި ލީޑް ނަގަން އެޓީމަށް ރަގަޅު ފުރުސަތެއް ލިބުނެވެ. މެޗްގެ ކުރީކޮޅު ލިޔޯން އަށް ލިބުނު ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި އެ ޓީމްގެ ކާލް ޓޯކޯ އެކަމްބީ ފުންމައިގެން އަރައި ބޮލުން ޖަހައި ފޮނުވާލި ބޯޅަ ގޮސް މަތަވީ ޔުވެންޓަސްގެ ގޯލްގެ ހުރަސް ދަނޑީގައި ޖެހިފައެވެ.

ޔުވެންޓަސް އާއި ލިޔޯން ބައްދަލުކުރާ ދެވަނަ ލެގުގެ މެޗް އޮންނާނީ އަންނަ މާޗް މަހުގެ 17 ވަނަ ދުވަހުގެ ރޭ ޔުވެންޓަސްގެ ދަނޑުގައެވެ. 1996 ވަނަ އަހަރުގެ ފަހުން އަދި ޗެމްޕިއަންސް ލީގުގެ ތަށި ހޯދިފައި ނުވާ ޔުވެންޓަސް އިން އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ވާދަކުރި ފަސް ސީޒަންގެ ތެރެއިން ހަތަރު ސީޒަންގައިވެސް ވަނީ ގަދަ 16 ފަހަނައަޅައި ގޮސްފައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!