ފުރަތަމަ ސަފްޙާ / ޚަބަރު / ބެންގަލޫރު ކަޓުވާލުމަށް ފަހު މާޒިޔާ އޭއެފްސީ ކަޕަށް، މަރުހަބާ!

ބެންގަލޫރު ކަޓުވާލުމަށް ފަހު މާޒިޔާ އޭއެފްސީ ކަޕަށް، މަރުހަބާ!

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 26 ފެބްރުއަރީ 2020

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ދެ ވަނަ ލެގްގައި މިރޭ އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ އަތުން 3-2 ބަލިވި ނަމަވެސް ޕެނަލްޓީ ޖަހައިގެން ކުރި ހޯދައި ރާއްޖޭގެ މާޒިޔާ މި އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފި އެވެ.

މިދެޓީމު މާލޭގައި ކުޅުނު މެޗު 2-1 މާޒިޔާ ކާމިޔާބުކުރިއިރު މިރޭ ބެންގަލޫރުގެ ކަންޓީރަވާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-1 އިން ބެންގަލޫރު ކުރީގައި އޮވެގެންނެވެ. ދެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ކޮންމެ ޓީމަކުން ވަނީ ގޯލެއް ޖަހައިފަ އެވެ. އެހެންނަމަވެސް މުބާރާތުގެ ގަވައިދު ބުނާގޮތުން އިތުރު ވަގުގައި ޖަހާ ގޯލުތައް އަވޭ ގޯލުގެ ގޮތުގައި ނުބަލާތީ 3-2 އިން މެޗު ނިމުމުން ދިޔައީ ޕެނަލްޓީއަށެވެ.

މާޒިޔާގެ މި ކާމިޔާބީއަކީ ދިވެހި ފުޓްބޯޅަ އަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖަށް މާޒިޔާ ކޮލިފައިވުމުން މި މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ދެ ކްލަބަކުން އެއް ގްރޫޕެއްގައި ވާދަކުރާނެ އެވެ. މާޒިޔާއާ އެކު ދެކުނު އޭޝިއާ ސަރަހައްދަށް ހާއްސަ ގްރޫޕުގައި ވާދަކުރާނެ ރާއްޖޭގެ އަނެއް ޓީމަކީ ޓީސީ ސްޕޯޓްސް ކްލަބެވެ. މި ދެޓީމުގެ އިތުރުން މި ގްރޫޕުގައި ދެން އޮތީ އިންޑިއާގެ ޗެންނާއީ އެފްސީ އާއި ބެންގަލޫރު ލީގުގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ.

ހަ މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުރި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި އަނިޔާގައި ހުރި ނާއިޒް ހަސަން (ދާދު) ނުހިމަނައި މެޗަށް މާޒިޔާ ނުކުތީ ބޮޑަށް ޑިފެންސަށް ވިސްނައިގެންނެވެ.

ފުރަތަމަ ހާފުގެ ބޮޑު ބައެއްގައި ބެންގަލޫރުން ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނު ނަމަވެސް މާޒިޔާގެ ކުޅުންތެރިން ދިޔައީ އެޓީމުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލިޔަނުދީ ޑިފެންސް ކުރަމުންނެވެ. ފުރަތަމަ ހާފުގެ ފަހު 15 މިނެޓުގައި ދެޓީމުގެ ފަރާތުން ވެސް ހަމަލާތައް ވަނީ ފެނިފަ އެވެ. ގޯލާ އަމާޒުކޮށް ބެންގަލޫރުގެ ފުރަތަމަ ހަމަލާ ފޮނުވާލީ 31 ވަނަ މިނެޓުގަ އެވެ. އޭރިޔާ ބޭރުން އެޓީމުގެ ކުޅުންތެރިޔާ ގޯލުގެ މަތީ ކަނާ އަމާޒުކޮށް ފޮނުވާލި ބޯޅަ މާޒިޔާގެ އަފްގާނިސްތާން ގޯލްކީޕަރު އުވޭސް އަޒީޒީ ވަނީ ހުށިޔާރުކަމާއެކު ހުއްޓުވައިފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން އޭރިޔާ ތެރެއަށް ހުރަސްވި ބޯޅައެއް ބެންގަލޫރުގެ ކުޅުންތެރިއަކު ފޮނުވާލުމުން ދިޔައީ ގޯލާ އަމާޒުނުވެ އެވެ. ބެންގަލޫރުގެ ދެ ހަމަލާއަށް ފަހު މާޒިޔާގެ މޫސާ ޔާމީން (ޔާމްބެ) އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ބާރެއް ނެތި ދިޔައީ ގޯލާ މާދުރުން ބޭރަށެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް މާޒިޔާގެ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް އޭރިޔާ ބޭރުގައި ހުރި އިބްރާހީމް އައިސަމަށް ޖައްސާލި ބޯޅަ ތިރިތިރިން ފޮނުވާލުމުން ދިޔައީ ބެންގަލޫރުގެ ގޯލްކީޕަރު ގުރްޕީތު ސިންގްގެ އަތަށެވެ.

މިހާފުގެ އިތުރު ވަގުތުގައި މާޒިޔާގެ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އޭރިޔާ ތެރެއިން ބެންގަލޫރުގެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު ހުރަސްކޮށްދިން ބޯޅަ ދިޔައީ މަޑުމަޑުން ކީޕަރު އަތަށެވެ. އޭގެ އިރުކޮޅެއް ފަހުން ބެންގަލޫރަށް އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމެއް ފޮނުވާލުމުން މާޒިޔާގެ ކީޕަރު އަޒީޒީ ވަނީ އަތުން ޖައްސައި ކުޅުމުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ބެންގަލުރުގެ ފޯވާޑް ނިލީ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. މި ހާފު ފަށައިގެން ބެންގަލޫރުން ދިޔައީ މާޒިޔާގެ އޭރިޔާ ތެރެއަށް ގިނަ ބޯޅަތަކެއް ހުރަސްކޮށް ހަމަލާ އުފައްދަން މަސައްކަތް ކުރަމުންނެވެ. ދެ ވަނަ ހާފު ފެށިގެން އަށް ވަނަ މިނެޓުގައި ބެންގަލޫރުން ވަނީ ސުނިލް ޗެތުރީ ކުޅެން އަރުވައިފަ އެވެ. ޗެތުރީ ކުޅެން އެރިތާ ފަސް މިނެޓުތެރޭ އޭނާ ނަގައިދިން ހުރަހެއް ބެންގަލޫރުގެ ބްރައުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ވަނީ ލީޑު ނަގައިފަ އެވެ. ބެންގަލޫރުން ލީޑު ނެގުމުން މާޒިޔާ އިން ވަނީ ޔާމްބެ އާއި އަހުމަދު އަބްދުﷲ (ލިލީ) ގެ ބަދަލުގައި އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) އާއި ހުސައިން ނިހާން (ނިހާޓް) ކުޅެން އަރުވައިފަ އެވެ. ބެންގަލޫރުގެ ގޯލަށް ފަހު މާޒިޔާ އިން ވަނީ ބޮޑަށް ކުރިއަށް ޖެހި ނަތީޖާ ހަމަހަމަކުރަން މަސައްކަތްކޮށްފަ އެވެ. މާޒިޔާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ 73 ވަނަ މިނެޓުގައި އިއްބެ ވަހީދު އެވެ. ބެންގަލޫރުގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ސްޓެވާޓް ތިރިތިރިން ނަގައިދިން ހުރަސް އިއްބެ ވަހީދު ފޮނުވާލުމުން ގޯލަށް ވަނީ ކުޅުންތެރިއެއްގައި ގައިގައި ޖެހިފަ އެވެ.

ބެންގަލޫރުން މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނެގީ 78 ވަނަ މިނެޓުގައި ޗެތުރީ ޖަހައިދިން ގޯލުންނެވެ. އެޓީމުގެ ކުޅުންތެރިއަކު ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު އަޒީޒީ އަތުގައި ޖެހިފައި ނުކުތުމުން ޗެތުރީ ގޯލަށް ފޮނުވާލީ އޭރިޔާތެރޭ ހުހަށް ހުރެ އެވެ. މާޒިޔާ އިން ވަނީ ގޯލު ޖެހިއިރު ޗެތުރީ ހުރީ އޮފްސައިޑުގައި ކަމަށް އެޕީލްކޮށްފަ އެވެ. ލީޑު ނެގުމަށް ފަހު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ބެންގަލޫރުގެ ކުޅުންތެރިއަކު ފޮނުވާލި ބާރު ހަމަލާއެއް ކީޕަރު އަޒީޒީ ވަނީ މަތަކޮށްފަ އެވެ.

90 މިނެޓަށް ފަހު ދެޓީމުގެ އެގްރިގޭޓް ނަތީޖާ އެއްވަރުވުމުން ދެ ކުޅުނީ 15 މިނެޓުގެ ދެ ހާފެވެ.

މި ދެ ހާފުގައި މާޒިޔާ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުނު ނަމަވެސް ހުރިހާ ކުޅުންތެރިން ވެސް ފެނުނީ ވަރަށް ހިތްވަރު ކުރިތަނެވެ. އަދި، ކައުންޓަ އެޓޭކުގައި އެޓީމުން ދިޔައީ ބެންގަލޫރުގެ ޑިފެންސަށް ބާރުބޮޑުކުރަމުންނެވެ. މާޒިޔާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ސްޓެވާޓް ޖަހައިދިން ގޯލުންނެވެ. ބެންގަލޫރުގެ ޑިފެންޑަރު ކައިރިން ދެމިގަތުމަށް ފަހު ސްޓެވާޓް ބޯޅަ ވައްދާލީ ގޯލުގެ ކަނަށެވެ. މި ހާފުގެ ބާކީ ބައިގައި މުޅި ބެންގަލޫރު ޓީމު ފެނުނީ ކުރިއަށް ޖެހިގެން ކުޅުނު ތަނެވެ. އަދި، އެޓީމުން ނެގި ކޯނަރެއްގައި ކުޅުންތެރިއަކު ފޮނުވާލި ބޯޅަ ގޯލުގެ ރޮނގު މަތިން ކީޕަރު އަޒީޒީ ވަނީ ހުއްޓުވައި ކޯނަރަކަށް ބޭރުކޮށްލާފަ އެވެ. އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ބެންގަލޫރުން ވަނީ މާޒިޔާގެ ޑިފެންސަށް އިތުރަށް ބާރުބޮޑުކޮށްފަ އެވެ. މި ހާފުގެ ފަހު މިނެޓުގައި އެޓީމު މޮޅުވި ގޯލު ޖަހައިދިނީ ލިބުނު ހިލޭ ޖެހުމަކުން ޗެތުރީ އެވެ.

އެގްރިގޭޓް ނަތީޖާއިން ހަމަހަމަވުމުން ޖެހި ފުރަތަމަ ފަސް ޕެނަލްޓީގައި ކޮންމެ ޓީމަކުން ތިން ޕެނަލްޓީ ވައްދާލިއިރު ދެ ޕެނަލްޓީ ވަނީ ބޭކާރުވެފަ އެވެ. ބެންގަލޫރުން ވައްދާނުލެވުނު ދެ ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ މާޒިޔާގެ ކީޕަރު އަޒީޒީ ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން މާޒިޔާ އަށް ތިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އައިސަމް އަދި އިއްބެ ވަހީދު އެވެ. މާޒިޔާ އަށް ވައްދާނުލެވުނީ ޕީޓަ ޕްލަނިޗާއީ ޝަރީފް މުހައްމަދު ޖެހި ޕެނަލްޓީތަކެވެ. ޝަރީފް ޖެހި ޕެނަލްޓީ މަތިން ދިޔައިރު ޕްލަނިޗް ޖެހި ޕެނަލްޓީ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މާޒިޔާ އިން މެޗު ކާމިޔާބުކުރީ ބެންގަލޫރުން ޖެހި ހަ ވަނަ ޕެނަލްޓީ މަތިން ދިއުމަށް ފަހު ނިހާޓް ޖެހި ޕެނަލްޓީ ވައްދާލައިގެންނެވެ. މޮޅުވި ޕެނަލްޓީ ޖެހުމަށް ފަހު ނިހާޓްއާ އެކު މާޒިޔާގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

މާޒިޔާ އިން މި ހޯދި ބޮޑު ކާމިޔާބީ އަށް “ފަހުމިނެޓް” ޓީމުގެ ނަމުގައި ހޫނު މަރުހަބާއެއް ކިޔަމެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!