ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ އެންމެ ފަހުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޗެލްސީ ފަސޭހަކަމާ އެކު ބަލިކޮށް ޖަރުމަނުގެ ބަޔާން މިޔުނިކުން މުބާރާތުގެ ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފި އެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗް ބަޔާނުން ކާމިޔާބުކުރީ 0-3 އިންނެވެ.
މިއީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި އިނގިރޭސި ވިލާތުގެ ލަންޑަނަށް ބަޔާން މިޔުނިކަށް ދަތުރުކުރަން ޖެހުނު ދެ ވަނަ ފަހަރެވެ. އެޓީމުން މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް މިދިޔަ އޮކްޓޯބަރު މަހު ލަންޑަންގައި ކުޅުނު މެޗް ކާމިޔާބުކޮށްފައިވަނީ މިއަށްވުރެ ވެސް ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. 2-7 އިން ބަޔާނުން އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުނު ޓޮޓެންހަމް ބަލިކުރި މެޗްގައި ހަތަރު ގޯލް ޖެހި ޖަރުމަނުގެ ފޯވާޑް ސާޖް ގްނެބްރީ ވަނީ ރޭގެ މެޗްގައި ޗެލްސީ ކޮޅަށް ދެ ގޯލް ޖަހައިފަ އެވެ. ބެޔާންއާ ގްނެބްރީ އަށް ލަންޑަންގެ މާހައުލު މާ ބޮޑަށްވެސް ހިތްފަސޭހައީ ކަމަށް ވެދާނެ އެވެ.
ރޭގެ މެޗް ފެށުނީއްސުރެ ނިމެންދެން މެޗް ޑޮމިނޭޓްކޮށްގެން ކުޅެމުން އައީ ބުންޑަސް ލީގާގެ އެއް ވަނައިގައި އޮތް ބަޔާން މިޔުނިކުންނެވެ. އެޓީމްގެ ގްނެބްރީގެ އިތުރުން މިވަގުތު ދުނިޔޭގައި ހުރި އެންމެ ނުރައްކާތެރި އެއް ފޯވާޑްގެ ގޮތުގައި ބެލެވޭ ޕޮލެންޑްގެ ރޮބާޓް ލެވަންޑޯސްކީ އާއި ބަޔާންގެ ތަޖްރިބާކާރު ފޯވާޑް ތޯމަސް މުލާގެ ފަރާތުން މެދު ކެނޑުމެއް ނެތި އައީ ޗެލްސީގެ ޑިފެންސް ލައިނަށް ނުރައްކާވަމުންނެވެ. ކެރިއަރުގެ އެންމެ ޕީކް ދުވަސްތައް މިހާރު ނިމިފައިވާ މުލާގެ ފަރާތުންވެސް މޮޅު ކުޅުމެއް ރޭ ފެނުނުއިރު ފުރަތަމަ ހާފްގައި ބަޔާނަށް ލިބުނު އެންމެ ރަގަޅު އެއް ފުރުސަތުގައި މުލާ ބޮލުން ޗެލްސީގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ގޮސް ޖެހުނީ ގޯލްގެ ހުރަސް ދަނޑީގަ އެވެ.
ރޭގެ މެޗްގައި ބަޔާނުން ޖެހި ތިން ގޯލް ވެސް ކާމިޔާބުކޮށްފައިވަނީ މެޗްގެ ފަހު ހާފްގަ އެވެ. ފުރަތަމަ ލަނޑު މެޗްގެ 51 ވަނަ މިނެޓްގައި ރޮބަޓް ލެވަންޑޯސްކީ ދިން ބޯޅައަކުން ބެޔާން އަށް ކާމިޔާބުކޮށްދިނީ ޖަރުމަނަށް އުފަން 24 އަހަރުގެ ފޯވާޑް ގްނެބްރީ އެވެ. ބަޔާނުން މި މެޗްގައި ކާމިޔާބުކުރި ދެ ވަނަ ގޯލްގެ ވެސް ހުރިހާ ކްރެޑިޓެއް އޮތީ އެ ދެ ކުޅުންތެރިންނަށެވެ. މެޗްގެ 64 ވަނަ މިނެޓްގައި އެޓީމަށް ލީޑް ފުޅާކޮށްދިން ލަނޑަކީވެސް ލެވަންޑޯސްކީ ދިން ޕާހަކުން ކުރިން އާސެނަލަށް ކުޅުނު ގްނެބްރީ ކާމިޔާބުކޮށްދިން ލަނޑެކެވެ. އެހާ ހިސާބުންވެސް ޗެލްސީން ކުޅުން ރަގަޅުކޮށް މެޗްގެ ތެރެއަށް އަލުން އައުމަށްޓަކައި އެދެވޭ މަސައްކަތްތަކެއް ކުރިތަނެއް ނުފެނުނެވެ. މުޅި މެޗްގައިވެސް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ޗެލްސީ އަށް ލިބިފައި ނެތްއިރު ބަޔާންގެ ގޯލް ކުރިމައްޗަށް ޗެލްސީގެ އަރިމަތިން ކުޅޭ ކުޅުންތެރިން ނަގައިދޭ ހުރަސްތައް މުޅިންހެން ބޭކާރުވެގެން ދިޔައީ ގޯލަށް އެ ބޯޅަ ފޮނުވާލާނެ ޗެލްސީގެ އެހެން ކުޅުންތެރިޔަކު އެހިސާބުގައި ނެތިގެންނެވެ.
ރޭގެ މެޗްގައި ބެޔާނުން ޖެހި ފަހު ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުޅި މެޗްގައިވެސް ތަފާތު ކުޅުމެއް ދައްކައި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޖަރުމަނުގެ ޓީނޭޖާ އަލްފޮންސޯ ޑޭވީސް ދިން ބޯޅައަކުން ފޯވާޑް ލެވަންޑޯސްކީ އެވެ. ރޭގެ މެޗްގައި ޗެލްސީއަށް ގޯލެއް ކާމިޔާބު ނުކުރެވުމުގެ އިތުރުން މެޗްގެ ފަހު ބައިގައި އެ ޓީމަށް ކުރިމަތިވީ ހުސް މައްސަލަ އެވެ. މެޗްގެ 83 ވަނަ މިނެޓްގައި ބެޔާންގެ ލެވަންޑޯސްކީ އަށް ކުރި ފައުލަކާ ގުޅިގެން ޗެލްސީގެ ޑިފެންޑަރު މާކޮސް އަލޮންސޯ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލިއިރު އޭގެ ކުރިން އެޓީމްގެ ޖޮގީނިއޯ އަށް ދެއްކި ރީނދޫ ކަޑާއެކު ދެ ވަނަ ލެގްގައި ޗެލްސީން ކުޅެން ޖެހޭ މެޗަށް އޭނާ ސަސްޕެންޑްވި އެވެ.
އަންނަ މާޗް މަހުގެ 19 ވަނަ ދުވަހު އޮންނަ ދެ ވަނަ ލެގުގެ މެޗަށް ޗެލްސީ ބެޔާން މިޔުނިކްގެ އެލިއެންޒް އެރީނާ އަށް ނުކުންނައިރު ކިރިޔާވެސް ހިތަށް ފިނިކަމެއް ގެނެސްދޭނެ ކަމަކަށް އޮތީ މީގެ އަށް އަހަރު ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބެޔާން މިއުނިކް ބަލިކޮށް އެ ދަނޑުގައި ތަށި ހޯދި ހަނދާނެވެ. އެކަމަކު ކުޅުންތެރިއެއްގެ ގޮތުގައި ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީގެ ހަނދާންތައް ކިތަންމެ ތާޒާ ކަމާއެކު ހުއްޓަސް ދެ ވަނަ ލެގުގައި ބެޔާން ކޮޅަށް ހަތަރު ގޯލް ޖަހައިގެން ނަތީޖާ ޗެލްސީގެ ކޮޅަށް އަނބުރާލުމަކީ ވުން ވަރަށް ދުރު ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާނެ އެވެ.