އަތޮޅު ތެރޭގައި ފުޓްބޯޅައިގެ ހުނަރު ހިތަކަށް އޮތް ވާހަކަ އަކީ ދިވެހި ފުޓްބޯޅައަށް ޝައުގުވެރިކަން ހުންނަ އެކަކަށްވެސް އާ ވާހަކައެއް ނޫނެވެ. ރާއްޖޭގެ ގައުމީ ޓީމަށް އެކަނި ބަލާލިއަސް ފެންނަންހުރި އެއަށް ބާރުދޭ ހަގީގަތްތަކެވެ. އެއް ވަނަ ޑިވިޝަނުގައި ކުޅޭ ކުލަބްތަކުން ވެސް އޭގެ އެތައް ހެއްކެއް އެހެރީ ދިމާއަށް ފެންނާށެވެ.
އެކަމަކު ހުނަރު ހުއްޓަސް މިއިން އެއްވެސް ދިމާއަކުން ނުފެންނަ ކިތަންމު ކުޅުންތެރިޔަކު ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް އެބަތިއްބެވެ. އެ ކުޅުންތެރިން ރަށުގައި އެތިބީ އެ ފެންވަރު ނެތިގެނެއް ނޫނެވެ. އަދި އެ ފެންވަރުގައި ކުޅެމުގެ ހުވަފެން އެކުޅުންތެރިން ނުދެކެނީއެއް ވެސް ނޫނެވެ. ހާލަތު ނިޔާކުރާ ގޮތުން ދިރިއުޅުމުގެ އެހެން ކަންކަމަށް ވަގުތު ދިނުމަށްޓަކައި އެ ހުވަފެންތަކާ ދުރަށްދާން އެ މީހުންނަށް މަޖްބޫރު ވަނީ އެވެ. މިފަދަ އެއް ކުޅުންތެރިޔަކީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނިމުނު ދެ ވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އާދަމް ނިޒާމް (ކިތުނާ) އެވެ.
ކުޅިވަރަށް މަރުދޭ އާބާދީއެއް ދިރިއުޅެމުން އަންނަ ބ. ގޮއިދޫ އަށް އުފަން އުމުރުން 32 އަހަރުގެ ކިތުނާ ދެ ވަނަ ޑިވިޝަނުގައި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އަށް މި ފަހަރު ކުޅެފައިވަނީ އެ ޓީމުގައި ކިތުނާ އާއި އެކު ހިމެނުނު އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ ފުޓްސަލް ތަރި ހުޒައިފަތު ރަޝީދު (ހުޒޭ)ގެ އެދުމަކަށެވެ. ބ. އަތޮޅުގައި އޮންނަ މަތީ ފެންވަރުގެ ރިސޯޓެއް ކަމަށްވާ ސޮނެވޭ ފުށީ ގައި ވަޒީފާ އަދާކުރަމުން ކުޅެން މާލެ އައުން ބުރައަކަށް ވިޔަސް ރަހުމަތްތެރިޔާގެ ހުށަހެޅުމަށް މިފަހަރު ނޫނެކޭ ބުނަން ކިތުނާ އަށް ނުކެރުނީ އެވެ. އެކަމަކު އެއާއެކުވެސް ކިތުނާގެ ވަރަށް ވަރުގަދަ ޝަރުތެއް އޮތެވެ. އޭނާގެ ނަން ޓީމުގައި ހިމަނަން ވާނީ ޕްރެކްޓިހަށް ނުދިއަޔަސް މައްސަލައެއް ނެތިއްޔާ ކަމަށެވެ. ކްލަބުން ކިތުނާގެ އެ ޝަރުތު ގަބޫލުކުރި އެވެ. އޭނާ އާ މެދު ކްލަބަށް މާ ބޮޑަށްވެސް އިތުބާރު އޮތީ އެވެ.
“ކިތުނާ އަކީ ފިޒިކަލީ އަދި މެންޓަލީ ވެސް ވަރަށް ތަފާތު ކުޅުންތެރިއެއް. އޭނަ ރިސޯޓުގަވެސް އުޅެނީ ވޯޓަރ ސްޕޯޓްސްގެ ތެރޭގަ ކަމަށްވާތީ އޭނަގެ ފިޓްނަސްގެ އެއްވެސް މައްސަލައެއް ނުހުރޭ. އެހެންވެ ދަނޑުމަތީގަ ނުވަދިހަ މިނެޓް ކުޅުނަސް އޭނާގެ ބެސްޓް ދައްކާނެކަމުގެ ފުރިހަމަ ޔަގީނަކަން އަބަދުވެސް އޮވޭ.” ކިތުނާއަށް އިތުބާރުކޮށް ޓީމުން ފުރުސަތު ދިން ސަބަބާ ގުޅޭގޮތުން “ފަހުމިނެޓް” އާ ވާހަކަދައްކަމުން ސުޕަރ ޔުނައިޓެޑްގެ ކޯޗު އަހުމަދު ސުޒޭރު (ކޮއްކޮ) ބުނެފައިވެ އެވެ.

ދެ ވަނަ ޑިވިޝަނުގައި ޖޭޖޭ ސްޕޯޓްސް ކޮޅަށް ގޯލު ޖެހުމަށް ފަހު ކިތުނާ އުފާފާޅުކުރަނީ. ލަނޑު ލިސްޓުގެ އެއް ވަނައިގެ އިތުރުން މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި. ފޮޓޯ: އެފްއޭއެމް
ދެ ވަނަ ޑިވިޝަންގެ ރަނަރަޕް ކަން ހޯދި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އިން އެއްބަސްވި ގޮތަށް ފައިނަލް މެޗު ފިޔަވައި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކަށްވެސް ކިތުނާ މާލެ އައީ މެޗް ފެށެން މަދު ވަގުތުކޮޅަކަށް ވެފައި އޮއްވަ އެވެ. ދުވަހުގެ މަސައްކަތުގައި ބުރަކޮށް އުޅުމަށްފަހު އަރާމުކުރުމަކާއި ނުލަ އެވެ. އެކަމަކު މެޗަށް ނުކުމެ ކިތުނާ ދައްކަމުން އައި ކުޅުމުން އެކަން އިހުސާސްވި މީހަކު އުޅުނު ހެނެއް ހީއެއް ނުވެ އެވެ. ގްރޫޕް ސްޓޭޖްގައި ފަސް ގޯލް ޖަހައި ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ސެމީ ފައިނަލަށް ގެންގޮސްދިނެވެ. އަދި ސެމީ ގައި ކްލަބް ޕީކޭ އާ ދެކޮޅަށް ކުޅެ 1-2 އިން ސުޕަރ ޔުނައިޓެޑް މޮޅުވި މެޗްގައި އެއް ގޯލް ޖަހައި އިތުރު ގޯލެއް ޖަހަން ކިތުނާ އެހީތެރިވި އެވެ. ފައިނަލްގައި ދިވެހި ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރެއް ކަމަށްވާ ކްލަބް ވެލެންސިއާ އަތުން 1-3 އިން ޓީމު ބަލިވި ނަމަވެސް އެ މެޗްގައި ވެސް ސުޕަރ ޔުނައިޓެޑަށް ސުންކަނޑުވައިދިނީ ކިތުނާ އެވެ. އެއާ އެކު މުބާރާތުގައި އެންމެ ގިނަ ގޯލް ކާމިޔާބުކުރި ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް އޭނާ ހޯދި އެވެ. މިހިރީ ޓީމާއެކު ފަރިތަ ކުރުމެއް ނެތި ހަމައެކަނި މެޗަށް އެރި ކިތުނާގެ ފެންވަރާ މެދު މީހަކު ސުވާލެއް ވެސް އުފައްދަން ނުޖެހޭ ވަރުގެ ކަންކަމެވެ.
“ކިތުނާ އަކީ ވަރަށް ޔުނީކް ޕްލޭޔަރެއް. ބޮކްސް ތެރޭގަ ކުޅެން ބޭނުންވާ ހުރިހާ ހުނަރެއް ލިބިފަހުރި ފުރިހަމަ ސްޓަރައިކަރެކޭ އަހަރެން ބުނަން އޮތީ.” މިއީ ފުރަތަމަ ފަހަރަށް އެއްވަނަ ޑިވިޝަނުން ސުޕަރ ޔުނައިޓެޑަށް ފުރުސަތު ހޯދައިދިން ކޯޗު ސުޒޭރު، ކިތުނާ ސިފަކުރި ގޮތެވެ.

2016 ވަނަ އަހަރު މިނިވަންޗެމްޕިއަންޝިޕް ކާމިޔާބުކުރި އޭދަފުށީ ޓީމުގެ ބައެއް ކުޅުންތެރިންނާއެކު ކިތުނާ (މެދުގައި). އަތޮޅު ފުޓްބޯޅައިގައި ކިތުނާ އަކީ ވަރުގަދަ ނަމެއް
މިފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ސުޕަރ ޔުނައިޓެޑަށް ކުޅުމުގެ ކުރިންވެސް ގަލޮޅު ދަނޑުގައި ކިތުނާގެ ހުނަރު އެކި ކުލަކުލައިގެ ޖޯޒީގައި އެކި ފަހަރު މަތިން ވަނީ ދައްކާލައިފަ އެވެ. މިގޮތުން، 2018 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގުގައި ބ. ފެހެންދޫ ފުޓްބޯޅަ ޓީމުގައި ހިމެނި ބައެއް މެޗްތަކުގައި އޭނާ ވަނީ ކުޅެފަ އެވެ. އޭގެ އިތުރުން 2013 ވަނަ އަހަރު ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޑަ ދުވަސް ކޮޅަކު އޭނާ ކުޅެފައިވެ އެވެ. ވިކްޓަރީ އަށް ކުޅެން ލިބުނު ފުރުސަތު ކިތުނާ ދޫކޮށްލީ މާލޭގަ އައިސް ހުންނަން އޭރު ދަތިވުމުންނެވެ. ކިތުނާ އަށް 2005 ވަނަ އަހަރު 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެން ލިބުނު ފުރުސަތުވެސް ދޫކޮށްލީ އޭރު ހާލަތު ނިޔާކުރި ގޮތުން މާލޭގައި ދިރިއުޅެވޭނެ ގޮތެއް ނެތީމަ އެވެ.
ރާއްޖޭގައި ބޭއްވި ބޮޑެތި ބައެއް ވޮލީ މުބާރާތްތަކުގައި ވެސް މޮޅު ކުޅުމެއް ދައްކައި ގައުމީ ވޮލީ ސްކޮޑުންވެސް މީގެ ކުރިން ޖާގަ ހޯދައިފައިވާ ކިތުނާ އަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބ. އަތޮޅުގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ސެންޓަރ ފޯވާޑެވެ. މާލެއަށްވުރެ ބޮޑަށް އޭނާގެ ވިދުން މީގެ ކުރިން ފެނިފައި އޮތީވެސް އަތޮޅު ފުޓްބޯޅައިގަ އެވެ. ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ މަޝްހޫރު އެއް ރަށް ކަމަށްވާ އޭދަފުށިން 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް އުފުލާލިއިރު ކިތުނާ އަކީ އެ ޓީމުގެ އެއް އިންޖީނެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނިގެން އެއަހަރު އޮތް ދިވެހި ޕްރިމިއާ ލީގަށް ރަށާއި އެންމެ އަވަށްޓެރި ފެހެންދޫ ކޮލިފައިވިއިރު ކިތުނާ އަކީ އެ ޓީމުގެ ހީރޯ އެވެ.
ފުޓްބޯޅަ އާއި ވޮލީގެ އިތުރުން ފުޓްސަލްގައި ވެސް ކިތުނާ އަކީ ތަރި އެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އޮންނަ ފުޓްސަލް މުބާރާތްތަކުގައި ކުޅެން ކިތުނާއަށް ފުރުސަތު އޮހެ އެވެ. ނިސްބަތުން ގިނަ މުބާރާތްތަކުގައި ކުޅެފައި ވެސް އެބަ ހުއްޓެވެ. އެއިން ކޮންމެ މުބާރާތެއް ކިތުނާ ނިންމައިފައިހުރި އޭނާ ކުޅުނު ޓީމަކަށް ފޮހެލަން އުނދަގޫވާނެ އެތަށް ހަނދާންތަކެއް ދޫކޮށްފަ އެވެ.

ކިތުނާގެ އާއިލާ ދަގަނޑޭއާ އެކު. ލިބޭ ކާމިޔާބީގެ ޝުކުރު ކިތުނާ އަދާކުރަނީ އާއިލާއިން ދޭ އެއްބާރުލުމަށް
ކިތުނާ ބުނާ ގޮތުގައި އޭނާ އަށް މިހާތަނަށް ކުޅިވަރުގައި ލިބިފައިވާ ހުރިހާ ކާމިޔާބެއްގެ އަސްލަކީ އޭނާގެ ލޯބިވާ އަންހެނުންނާއި އާއިލާއިން ވަމުން އަންނަ ގުރުބާނީ އެވެ. ރިސޯޓްގައި ވަޒީފާ އަދާކުރަމުން ލިބޭ އޮފް ދުވަސްތައް ވެސް އާއިލާއަށް ހުސްކުރުމުގެ ބަދަލުގައި ކިތުނާ އަށް ގިނަ ފަހަރަށް ޖެހިފައި އޮތީ ފުޓްބޯޅައިގެ މަސައްކަތުގައި އުޅުނު ކޮންމެވެސް އެހެން ބައެއްގެ އުފަލަކަށް ހަދިޔާ ކުރާށެވެ. އެކަމަކު އެއިން ކޮންމެ ދަނޑިވަޅެއްގައި އަންހެނުންނާއި އާއިލާ އިން ދިނީ ހިތްވަރެވެ. ހިތުން ރުއި ނަމަވެސް ކިތުނާގެ ކުރިއެރުމަށްޓަކައި އެމީހުން ދެއްކީ ހިނިތުންވުމެވެ. ކިތުނާ ބުނާ ގޮތުގައި އެއީ ދުވަހަކުވެސް އަގު އަދާކުރެވޭނެ ވަރުގެ ދަރަންޏެއް ނޫނެވެ.
“އަސްލު ތެދަށް ބުނަންޏާ މިހިސާބަކަށް އަހަރެންނަކަށް ނާދެވުނީސް އާއިލާގެ ފަރާތުން އެވަރުގެ ސަޕޯޓެއް ނުލިބުނު ނަމަ. ހާއްސަކޮށް އަހަރެން ފާހަގަކޮށްލަން ބޭނުން އަހަރެންގެ އަންހެނުން އަހަރެންނަށް ދިން އެއްބާރުލުމާއި ހިތްވަރު. މި ކާމިޔާބީގެ ސިއްރަކީ އެއީ.” ކިތުނާގެ ހިތުގައި އޭނާގެ އަންހެނުންނާއި އާއިލާ އަށް އޮތް ލޯބި ބަންޑުންކޮށްލި އެވެ.
ކޮންމެއަކަސް ކިތުނާ ދަންނަ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާ އަކީ ފުޓްބޯޅައިގެ ވަރުގަދަ އެސެޓެކެވެ. ގައުމީ ޓީމުގައި ނުހިމެނުނަސް އެއީ އެ ފެންވަރު ހުރި ކުޅުންތެރިއެކެވެ. ކިތުނާގެ އުމުރު ފަހަރެއްގައި ބައެއް މީހުންނަށް މައްސަލައަކަށްވެދާނެ އެވެ. އެކަމަކު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ އަލަށް ހަވާލުވި ކޯޗް ނެދަލެންޑްސްގެ މާޓިން ކޫޕްމަން ބުނެފައިވަނީ އޭނާ އަށް އުމުރު މުހިއްމު ނޫން ކަމަށެވެ. މުހިއްމީ ކުޅުންތެރިޔާ ދައްކާ ކުޅުން ކަމަށެވެ.
“އެނގޭތަ އަހަރެމެން ހޮލެންޑުގަ އާއްމުކޮށް ބުނާ ވާހަކައެއް. ކުޅުންތެރިން ހޮވަނީ އަހަރެމެންނެއް ނޫން. ކުޅުންތެރިން އަމިއްލައަށް ޓީމަށް ހޮވެނީ. އަހަރެމެން ތިބެނީ ބަލަން. ކުޅުންތެރިއެއްގެ އުމުރުން 33 ނުވަތަ 34 ވިޔަސް އެ ކުޅުންތެރިންނަކީ އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިން ކަމަށްވަންޏާ އެ ކުޅުންތެރިން ޓީމަށް އަންނާނެ.” ގައުމީ ޓީމާ ހަވާލުވުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ކޫޕްމަން ބުނެފައިވެ އެވެ.
ކިތުނާއަކީ ގައުމީ ޓީމުގެ ޖާގައެއް ހައްގުވާ ފެންވަރުގެ ކުޅުންތެރިއެއް ކަމަށް ބުނަން މަޖުބޫރުވާ އެއް ސަބަބަކީ މިއީ އެވެ. ދެ ވަނަ ޑިވިޝަންގައި އެންމެ ރަގަޅަށް މިފަހަރު ކުޅިުނު ކުޅުންތެރިޔަކީ ކިތުނާ އެވެ. އުމުރު ދޮށްޓަސް އޭނާ ދެއްކި ކުޅުން މާބޮޑަށްވެސް ތަފާތަވެ.ކޯޗު ވެސް އެ މެޗްތައް ބަލަން އިންނާނެ ކަމަށް ގަބޫލުކުރެވެ އެވެ. ވާގޮތެއް ބަލަން ތިބެމާ ހިނގާށެވެ.