ފުރަތަމަ ސަފްޙާ / ޚަބަރު / ލިވަޕޫލުން ފަހަތުން އަރައި މޮޅުވެ މެންޗެސްޓާ ސިޓީގެ ރެކޯޑާ އެއްވަރުކޮށްފި

ލިވަޕޫލުން ފަހަތުން އަރައި މޮޅުވެ މެންޗެސްޓާ ސިޓީގެ ރެކޯޑާ އެއްވަރުކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 25 ފެބްރުއަރީ 2020

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހޭމް އާ ވާދަކޮށް ކުޅުނު މެޗްގައި 2-1 އިން ލިވަޕޫލް ފަހަތުގައި އޮއްވައި އެޓީމުން އިތުރު ދެ ގޯލް ޖަހައިގެން މެޗް ކާމިޔާބުކޮށް ޕްރިމިއާ ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވެގެން މެންޗެސްޓާ ސިޓީން 2017 ވަނަ އަހަރުގެ ސީޒަންގައި ހެދި ރެކޯޑާއި ލިވަޕޫލުން އަރާ ހަމަކޮށްފިއެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ވެސްޓްހޭމްގެ މައްޗަށް 2-3 އިން ރޭ ކުރި ހޯދި މެޗާއެކު މި ސީޒަންގައި ލިވަޕޫލް ޖެހިޖެހިގެން މޮޅުވި މެޗްގެ އަދަދު 18 އަށް އެރީއެވެ. މެންޗެސްޓާ ސިޓީންވެސް ވަނީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ޑިސެމްބަރު މަހާއި ހަމައަށް ލީގުގައި ޖެހިޖެހިގެން އެ ޓީމް ކުޅުނު 18 މެޗް ކާމިޔާބުކޮށްފައެވެ. މި ސީޒަންގައި އެންމެ ފަހުން ލިވަޕޫލަށް ޕޮއިންޓް އުނިވި މެޗަކީ މިދިޔަ އޮކްޓޯބަރު މަހު މެންޗެސްޓާ ޔުނައިޓެޑާ ވާދަކޮށް 1-1 އިން އެއްވަރުވި މެޗެވެ. މުޅި ސީޒަންގައިވެސް ލިވަޕޫލަށް ޕޮއިންޓް ގެއްލުނު ހަމައެކަނި މެޗަކީވެސް އެއީ އެވެ.

ރޭ ލިވަޕޫލުން ހޯދި މޮޅާއެކު އެ ޓީމަށް ޓޭބަލްގެ އެއް ވަނައިގައި އަނެއްކާވެސް 22 ޕޮއިންޓްގެ ލީޑެއް ލިބުނީ އެވެ. އާދީއްތަ ދުވަހުގެ ރޭ ލެސްޓާ ސިޓީގެ މައްޗަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ކުރި ހޯދުމާއެކު ލިވަޕޫލުން ކުރިން ނެގި ލީޑް 19 ޕޮއިންޓަށް ހަނިވި ނަމަވެސް ރޭގެ މެޗުގެ ފަހު 25 މިނެޓްގެ ތެރޭގައި، ލިވަޕޫލަށް ކުޅެމުން އަންނަ މުސްލިމް ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ސަލާހް އާއި ސަޑިއޯ މާނޭ ކާމިޔާބުކުރި ގޯލްތަކުން އަލުން އެޓީމުން ލީޑް ދަމަހައްޓައި ލީގު ކާމިޔާބުކުރުމާއި ގާތަށް ވަނީ ޖެހިލައިފައެވެ.

ރޭގެ މެޗްގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީވެސް ލިވަޕޫލުންނެވެ. މެޗްގެ 9 ވަނަ މިނެޓްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖިއޮގީނިއޯ ވިޖިނަލްޑަމް އެވެ. އެކަމަކު އޭގެ ތިން މިނެޓް ފަހުން ވެސްޓްހޭމްގެ އިއްސާ ޑިއުޕް ބޮލުން ޖަހައި ލިވަޕޫލްގެ ގޯލަށް ވައްދާލި ބޯޅައާއެކު މެޗްގެ ނަތީޖާ ހަމަހަމަވިއެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ ނަތީޖާ 1-1 ގައި އޮވެގެންނެވެ.

ފުރަތަމަ ހާފްގައި ކަންވީ ގޮތާއި ހިލާފަށް ދެވަނަ ހާފްގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ވެސްޓްހޭމް އިންނެވެ. ލިވަޕޫލްގެ އަސްލު ފެންވަރާއި ބަލާއިރު ދަށް ކުޅުމެއް ރޭ އެ ޓީމުގެ ފަރާތުން ފެނިފައިވަނިކޮށް މެޗްގެ 54 ވަނަ މިނެޓްގައި ވެސްޓްހޭމްގެ ބަދަލު ކުޅުންތެރިޔާ ޕަބްލޯ  ފޯމަލްސް ލިވަޕޫލްގެ ގޯލަށް ވައްދާލި ލަނޑާއިއެކު މެޗަކުން ބަލި ނުވެ މި ސީޒަނުގައި ލިވަޕޫލުން ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އައިސްދާނެ ކަމުގެ ހީތަށް ބައެއް ފަރާތްތަކަށް ކުރެވުނެވެ. އެކަމަކު މި ސީޒަންގައި މިހެން ހީވި ކޮންމެ މެޗެއްގައި ލިވަޕޫލަށް ނަސީބު އެހީވި ފަދައިން މި މެޗްގައިވެސް ކަންވީ އެހެންނެވެ. މި މެޗްގައި ލިވަޕޫލްގެ ނަސީބަކަށްވީ ވެސްޓްހޭމްގެ ގޯލްކީޕަރު ފަބިއަންސްކީ އަށް ހެދުނު ގޯސްތައް ކަމުގައި ގިނަ ބަޔަކު ދެކެއެވެ. މެޗްގެ 68 ވަނަ މިނެޓްގައި މުހައްމަދު ސަލާހް ލިވަޕޫލަށް ދެ ވަނަ ގޯލް ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ ހަމަހަމަކުރިއިރު ވެސްޓްހޭމްގެ ގޯލްކީޕަރު ފަބިއަންސްކީއަށް އެ ބޯޅައަށް އެއަށްވުރެ ރަގަޅަށް މަސައްކަތްކުރެވުނު ނަމަ އެބޯޅަ ގޯލަށް ވަނުމުގެ ފުރުސަތު ކުޑަވީހެވެ.

ލިވަޕޫލުން މެޗްގެ ނަތީޖާ ހަމަހަމަކުރުމާއެކު އެ ޓީމުގެ ކުޅުން އިތުރަށް ރަގަޅުވެ މޮޅުވާން ވަރަށް ބޮޑަށް މަސައްކަތްކުރިތަން ފެނުނެވެ. ނަތީޖާއަކަށްވީ މެޗް ނިމެން ނުވަ މިނެޓަށް ވެފައި ހުއްޓައި ލިވަޕޫލްގެ އިތުބާރު މިޑްފީލްޑަރު ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ދިން ބޯޅައެއް އެޓީމުގެ ނުރައްކާތެރި ފޯވާޑް ސަޑިއޯ މާނޭ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ލިވަޕޫލުން މެޗްގެ ނަތީޖާ 2-3 އަށް ބަދަލުކުރިއެވެ. ލިވަޕޫލުން މެޗްގެ ލީޑު ދެވަނަ ފަހަރަށް ނެގި ފަހުންވެސް ވެސްޓްހޭމް އަށް ނަތީޖާ ހަމަހަމަކުރަން ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ބަދަލު ކުޅުންތެރިއެއްްގެ ގޮތުގައި ކުޅެން ނުކުތް ވެސްޓްހަމްގެ ޖެރޮޑް ބޮވެން ލިވަޕޫލްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ލިވަޕޫލްގެ އަގުބޮޑު ގޯލްކީޕަރު އެލިސަން ހުށިޔާރު ކަމާއެކު މަތަކުރިއެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!