ފުރަތަމަ ސަފްޙާ / ޚަބަރު / އެވަޓަން ބަލިކޮށް އާސެނަލް ވެސް ގަދަ ހަތަރަކަށް ހިފަނީ

އެވަޓަން ބަލިކޮށް އާސެނަލް ވެސް ގަދަ ހަތަރަކަށް ހިފަނީ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 23 ފެބްރުއަރީ 2020

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 2-3 އިން އެވަޓަން ބަލިކޮށް އާސެނަލުން ވެސް ގަދަ ހަތަރަށް އެރުމުގެ ފުރުސަތު ފަހިކުރަން ފަށައިފި އެވެ.

މުހިއްމު މޮޅާއެކު އާސެނަލް މިހާރު އޮތީ 37 ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނައިގަ އެވެ. އެޓީމާ ހަތަރު ވަނައިގައި 44 ޕޮއިންޓާއެކު މިވަގުތު އޮތް ޗެލްސީއާ ދެމެދު އޮތީ ހަތް ޕޮއިންޓެވެ. ފަސް ވަނައިގައި 41 ޕޮއިންޓާއެކު މެންޗެސްޓަރ ޔުނައިޓެޑް އޮތްއިރު ހަ ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އާއި ހަތް ވަނައިގައި ޝެފީލްޑް ޔުނައިޓެޑަށް ވަނީ 40 ޕޮއިންޓް ލިބިފަ އެވެ. އަށް ވަނައިގައި 39 ޕޮއިންޓާއެކު އޮތީ މިރޭ އަމިއްލަ ދަނޑުގައި 3-0 އިން ނޯވިޗް ސިޓީ ބަލިކުރި ވުލްވްސް އެވެ. އާސެނަލް ނުވަ ވަނައިގައި އޮތްއިރު އެޓީމާ އެއްވަރަށް ޕޮއިންޓް ހޯދައިގެން 10 ވަނައިގައި އޮތީ ބާންލީ އެވެ. އެހެންވެ މި ސީޒަނުގެ ގަދަ ހަތަރެއްގެ ވާދަވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

މިރޭގެ މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ޑޮމިނިކް ކެލްވާޓް ލެވިންގެ ގޯލުން އެވަޓަން ވަނީ ލީޑު ނަގައިފަ އެވެ. އަވަސް ފުޓްބޯޅައެއް ފެނިގެންދިޔަ މި މެޗުގެ 10 ވަނަ މިނެޓުގައި އާސެނަލްގެ ލެފްޓް ބެކަށް ކުޅެމުންދިޔަ ސައީދް ކޮލާސިނަޗަށް އަނިޔާވުމުގެ ސަބަބުން ބަދަލުގައި ވަނީ 18 އަހަރުގެ ބުކަޔޯ ސަކާ ކުޅެން އަރުވައިފަ އެވެ. އާސެނަލުން މެޗުގެ ނަތީޖާ ހަމަހަމަކުރީ ސަކާ ނަގައިދިން މޮޅު ހުރަހަކުން އެޑީ އެންކެޓިއޭ އެވެ. މިއީ އާސެނަލްގެ ލޯނު އުސޫލުން ލީޑްސް ޔުނައިޓެޑަށް ކުޅުމަށް ފަހު ޖެނުއަރީ މަހު އެނބުރި އައިސް ޒުވާން ފޯވާޑް ލީގުގައި ކްލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ. އެއްވަރު ކުރުމަށް ފަހު އިރުކޮޅެއް ފަހުން އާސެނަލަށް މެޗުގައި ލީޑު ނަގައިދިން ގޯލު ޖަހައިދިނީ ޕިއޭ އެމެރިކް-އޮބާމިޔަން އެވެ. އެކަމަކު ފުރަތަމަ ހާފް ނިމުމުގެ ކުރިން ރިޗާލިސަންގެ ގޯލުން އެވަޓަން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން މިނެޓެއް ނުވަނީސް އާސެނަލަށް އަނެއްކާ ވެސް ލީޑު ނަގައިދިން ގޯލު ޖަހައިދިނީ އޮބާމިޔަން އެވެ. މިއީ ނިކޮލަސް ޕެޕޭ ނަގައިދިން ހުރަހަކުން ބޮލުން އޮބާމިޔަން ވައްދާލި ގޯލެކެވެ. ގޯލަށް ފަހު ދެޓީމުން ވަނީ އިދިކޮޅު ގޯލަށް ނުރައްކާކޮށް ގޯލު ޖަހާނު ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. މެޗުގެ ފަހު ކޮޅު އާސެނަލްގެ އެންކެޓިއޭ ޖެހި ބޯޅައެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު އެވަޓަންގެ ރިޗާލިސަން އާއި ކެލްވާޓް ލެވިންނަށް އަށް ގޯލު ޖަހާނެ ފުރުސަތުތައް ލިބި ބޭނުމެއް ނުހިފުނެވެ. އަނިޔާގެ ސަބަބުން ގާތްގަނޑަކަށް ތިން މަހާއި ބައިގެ މުއްދަތަކަށް ކުޅުމާއި ދުރުގައި ހުރި އެވަޓަންގެ އަންދްރޭ ގޯމޭސް ވަނީ މިރޭގެ މެޗުގެ ދެ ވަނަ ހާފުގައި ކުޅެން ނުކުމެފަ އެވެ. ގޯމޭސްގެ ފައިގެ ކުޑަހުޅު ނައްޓައިގެން ދިޔަ ސީރިއަސް އަނިޔާއެއްވީ މިދިޔަ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހު ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

އެވަޓަން އަތުން ހޯދި މޮޅަކީ ލީގުގެ ރަނގަޅު ހިސާބެއްގައި ނިންމާލުމަށް އާސެނަލަށް ލިބުނު އިތުރު ހިތްވަރެކެވެ. އުނާއި އެމެރީ ކޯޗުކަމުން ވަކިކުރުމަށް ފަހު ދާއިމީކޮށް ހަމަޖެއްސި ކޯޗު މިކެލް އާޓެޓާގެ އިރުޝާދުގެ ދަށުން އާސެނަލް މިހާރު އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އާޓެޓާގެ ކޯޗުކަމުގައި ފުރަތަމަ މެޗުތައް އެއްވަރުވަމުން ދިޔަނަމަވެސް އެޓީމުން މިހާރު ވަނީ ނަތީޖާ ނެރެން ފަށައިފަ އެވެ. މިއަހަރު އާސެނަލުން ކުޅުނު 10 މެޗުން ވެސް ބަލިވެފައިނުވާއިރު މިއީ ޔޫރަޕްގެ އެހެން އެއްވެސް ކްލަބެއްގެ އަތުގައި އޮތް ރެކޯޑެއް ނޫނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!