އިނގިރޭސި ވިލާތުގެ ޗެމްޕިއަންޝިޕްގެ ކްލަބެއް ކަމަށްވާ މިޑްލްސްބަރާ އަށް ކުރިން ކުޅުނު މާޓިން ބްރާތުވެއިޓު މިދިޔަ ހަފްތާގައި ބާސެލޯނާ އަށް ބަދަލުވިފަހުން އެޓީމަށް ކުޅުނު ފުރަތަމަ މެޗްގައި ކެޕްޓަން ލިއޮނަލް މެސީ އަށް ގޯލެއް ޖަހަން އެހީތެރިވެވުމުން އެކަމާ ވަރަށް ބޮޑަށް އުފާކުރާކަމަށް ބްރާތުވެއިޓު ބުނެފި އެވެ. ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެއިބާއާ ދެކޮޅަށް ބާސެލޯނާއިން ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު މެސީ ކާމިޔާބުކޮށްދިންއިރު އޭގެ ތެރެއިން ހަތަރު ވަނަ ލަނޑަކީ ރޭގެ މެޗްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އުމުރުން 28 އަހަރުގެ ބްރާތުވެއިޓު ދިން ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.
“ގޯލެއް ޖަހަން އެންމެ ފުރަތަމަ އަހަރެންނަށް އެހީވެވުނީ މެސީއަށް ކަމަށް ވީތީ އަހަރެން މިހުރީ ވަރަށް އުފާވެފަ.” މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޑެންމާކަށް އުފަން ބްރާތުވެއިޓު ބުނެފައިވެ އެވެ.
“މެސީ އަހަރެންނަށް މަރުހަބާ ކި. އޭނަ އަކީ ވަރަށް މޮޅު މީހެއް. ދަނޑުމަތީގަ އަހަރެން ހަމަޖައްސައި އިތުބާރު ބޮޑުކުރުމަށްޓަކައި މެސީ ވަރަށް ގިނައިން އަހަރެންނަށް ބޯޅަ ޕާސްކޮށް ހެދި.” ރޭގެ މެޗްގައި ބާސެލޯނާ އިން ޖެހި ފަހު ގޯލް ކާމިޔާބުކޮށްދިނުމަށް ވެސް މަގުފަހިކޮށްދިން ބްރާތުވެއިޓު ބުންޏެވެ.
ބާސެލޯނާގެ ހަތަރު ވަނަ ގޯލް ޖެހުމަށްފަހު އުފާ ފާޅުކުރުމުގެ ތެރޭގައި މެސީ ބްރާތުވެއިޓުގެ ގައިގައި ބައްދާލުމުން އެކަމަށް އިޝާރާތްކޮށް މެޗަށްފަހު ސަމާސާ ރާގެއްގައި ބްރާތުވެއިޓު ބުނެފައިވަނީ އޭނާ ރޭ ލައިގެން ހުރި ޖޯޒީ ދެން ދުވަހަކު ވެސް ނުދޮންނާނެ ކަމަށެވެ.
ބްރާތުވެއިޓަކީ ބާސެލޯނާ އަށް ދިން ހާއްސަ ހުއްދައެއްގެ ދަށުން އެޓީމަށް ގެނައި ކުޅުންތެރިއެކެވެ. ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބާސެލޯނާގެ ކޯޗް ކީކޭ ސެޓިއެން ބުނެފައިވަނީ ބްރާތުވެއިޓްގެ ސަބަބުން ޓީމަށް ލިބުނު ފައިދާ އާ މެދު ހައިރާންވި ކަމަށެވެ.
“އަހަރެން އުއްމީދުކޮށްގެން ހުރި ވަރަށްވުރެވެސް ބޮޑަށް ބްރާތުވެއިޓު މަސައްކަތްކޮށްފި. މާބޮޑަށްވެސް ރަގަޅު. ތެދަށް ބުނަންޏާ އަހަރެމެންނަށް މި ހޯދުނީ ތަފާތު ކުޅުންތެރިއެއް. އަހަރެމެން މިކުރަން އުޅޭ ކަންތަކަށް އޭނާ ފުރިހަމައަށް ހޭނޭނެކަން ޔަގީން. އޭނަ ވަނީ ދެ ގޯލް ޖެހުމުގައި ރޭ ބައިވެރިވެފަ. އަދި މެޗް ގައި ހިނގާ ކަންކަން އޭނަ ވަރަށް ރަގަޅަށް ދެނެގަނޭ.” ސެޓިއެން ބުންޏެވެ.
ރޭ ސްޕެނިޝް ލީގުގައި ހޯދި މޮޅާއެކު ބާސެލޯނާ އިން ޓޭބަލްގެ އެއް ވަނައިގައި އޮތް އިރު ދެން އެޓީމް އެންމެ އަވަހަށް ނުކުންނާނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ނަޕޯލީ އާ ދެކޮޅަށް ކުޅެންޖެހޭ މެޗަށެވެ.