ޗައިނާއިން ފެތުރެންފެށި ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ކޭސްތައް އިޓަލީން ފެންނަން ފެށުމާއެކު އެގައުމުގެ އެކި ފަންތީގެ ފުޓްބޯޅަ ލީގުތަކުގެ ގިނަ މެޗުތަކެއް އިއްޔެ ކެންސަލްކޮށްފި އެވެ. ކެންސަލްކުރި މެޗުތަކުގެ ތެރޭގައި އިޓާލިއަން ލީގުގެ ތިން މެޗު ވެސް ހިމެނެ އެވެ.
އިޓަލީގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ ދެ ސަރަހައްދެއްގެ ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ކެންސަލްކުރިކަން ހާމަކުރީ އިޓަލީގެ ބޮޑުވަޒީރު ގިއުސެޕޭ ކޮންޓޭ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ބޮޑުވަޒީރު ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކަލާ ހެދި އިޓަލީގެ ވެނީޓީ އާއި ލޮމްބާޑީ ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ ހުރިހާ އިވެންޓެއް ކެންސަލް ކުރުމަށް މިނިސްޓްރީ އޮފް ސްޕޯޓް އިން ނިންމާފައިވާކަމަށެވެ.
އިޓާލިއަން ލީގުން ފަސްކުރީ އިންޓަ މިލާނާއި ސަމްޕްޑޯރިއާ ވާދަކުރަން އޮތް މެޗާއި ވެރޯނާ އާއި ކަލިއާރީ އަދި އެޓަލާންޓާ އާއި ސަސޮލޫގެ މެޗެވެ. މީގެ އިތުރުން އިޓާލީގެ ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގެ ބައެއް މެޗުތައް ވެސް ރޭ ވަނީ ކެންސަލްކޮށްފަ އެވެ. އަދި، ޔޫތު މުބާރާތްތަކުގެ މެޗުތަކާއި އިޓަލީގެ ހަތަރު ވަނަ ޑިވިޝަނުގެ ގިނަ މެޗުތަކެއް ވެސް ނުކުޅެން ވަނީ ނިންމައިފަ އެވެ.
އިޓަލީގައި ކޮވިޑް-19 ގެ ނުރައްކާތެރިކަން ބޮޑުވީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މިލާން ނިސްބަތްވާ ލޮމްބާޑީ ސަރަހައްދުން ދެ މީހަކު ވައިރަހުގެ ސަބަބުން މަރުވުމުންނެވެ. ކޮވިޑް-19 އިތުރަށް ފެތުރިދާނެކަމަށް ބަލައި އެ ސަރަހައްދުގެ ސްކޫލްތަކާއި އޮފީސްތައް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އަދި، އެމަޖެންސީ ހާލަތެއްގައި ނޫނީ ބޭރަށް ނުކުމެ ނޫޅުމަށް ވެސް އެ ސަރަހައްދުގެ މީހުންނަން ސަރުކާރުން ވަނީ އަންގައިފަ އެވެ.
ޗައިނާގެ ހުބޭއީ ޕްރޮވިންސުން މިދިޔަ ޑިސެމްބަރު މަހު ފެނުނު މި ބަލީގެ ސަބަބުން އެގައުމުން 75،567 ކޭސް ރިޕޯޓްކޮށްފައިވާއިރު 2239 މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ. ޗައިނާ އިން ބޭރުން 1200 މީހުންނަށް ވައިރަހުގެ އަސަރުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރިޕޯޓުކޮށްފައިވާގޮތުގައި ޗާއިނާ އިން ބޭރުން 26 ގައުމަކުން މި ބަލި ފެނި އަށް މީހުން ވަނީ އެގައުމުތަކުން މަރުވެފަ އެވެ.
އިޓަލީގެ ފުޓްބޯޅައަށް ކޮވިޑް-19 ގެ އަސަރު ކުރިނަމަވެސް އެގައުމުގެ ބައެއް ސަރަހައްދުތަކުގައި ރޭ ވަނީ މެޗުތައް ކުޅެފަ އެވެ. އިޓަލީ ލީގުގެ އެއް ވަނައިގައި އޮތީ ރޭ ރަށުން ބޭރުގައި ސްޕަލް 2-1 އިން ބަލިކުރި ޔުވެންޓަސް އެވެ. އެޓީމަށް 60 ޕޮއިންޓް ލިބިފައިވާއިރު އެ މެޗު މަދުން ކުޅެގެން ދެ ވަނައިގައި އޮތީ ލާޒިއޯ އެވެ. އެޓީމަށް 56 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް އިންޓަ އަށް ލިބިފައިވަނީ 54 ޕޮއިންޓެވެ.