ސްޕެނިޝް ލީގުގައި ރޭ ލެވަންޓޭއާ ވާދަކުރި މެޗުން މޮޅުވެގެން ޓޭބަލްގެ އެއް ވަނަ އަށް އަލުން އަރަން ރެއާލް މެޑްރިޑަށް ލިބުނު ފުރުސަތު އެޓީމުން ނަގާލައިފި އެވެ. ރެއާލް މެޑްރިޑަށް ޓޭބަލްގެ އެއް ވަނައި ގައި އެއް ޕޮއިންޓްގެ ލީޑެއް ހޯދަން ލިބުނު ފުރުސަތު ގެއްލުނީ ލީގުގައި ރޭ އެޓީމުން ރަށުން ބޭރުގައި ޓޭބަލްގެ 13 ވަނައިގައި އޮތް ލެވަންޓޭ އާ ދެކޮޅަށް ކުޅުނު މެޗުން 0-1 އިން ބަލިވުމުންނެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ފަހުން ލީގުގައި ފުރަތަމަ ފަހަރަށް ރޭ ރެއާލް މެޑްރިޑް ބަލިވިއިރު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެޓީމަށް މުހިއްމު މެޗްތަކެއް ކުރިއަށް އެބައޮތެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަންނަ ބުދަ ދުވަހުގެ ރޭ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާ ރެއާލް މެޑްރިޑް ވާދަކުރަން ހަމަޖެހިފައިވާއިރު ސްޕެނިޝް ލީގުގައި ދެން އެންމެ އަވަހަށް ރެއާލް މެޑްރިޑް ކުޅެން އޮތް މެޗަކީ އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ލީގު ޗެމްޕިއަން ބާސެލޯނާ އާ ވާދަކުރާ މެޗެވެ. ބާސެލޯނާ އިން ވަނީ ރޭ އަމިއްލަ ދަނޑުގައި އެއިބާ އާ ވާދަކޮށް ކުޅުނު މެޗް 0-5 އިން ކާމިޔާބުކޮށް ޓޭބަލްގެ އެއް ވަނަ އަށް އަރައިފަ އެވެ.
ރޭގެ މެޗުގައި ލެވަންޓޭގެ ހަމައެކަނި ލަނޑު ޖަހައިފައިވަނީ މެޗް ނިމެން 11 މިނެޓަށް ވެފައި ވަނިކޮށް އެޓީމުގެ ކެޕްޓަން އުމުރުން 32 އަހަރުގެ ހޯސޭ ލުއިސް މޮރަލެސް އެވެ. މިއީ ސްޕެއިން އަށް އުފަން މޮރަލެސް މި ސީޒަނުގައި ލެވަންޓޭ އަށް ކާމިޔާބުކޮށްދިން ދެ ވަނަ ލަނޑެވެ. ލެވަންޓޭ އިން މެޗްގެ ލީޑް ނެގުމުގެ ކުރިން، ރެއާލް މެޑްރިޑަށް ލަނޑު ޖަހާނެ ރަގަޅު ގިނަ ފުރުސަތު ތަކެއް ލިބި ބޭނުންކުރެވޭ ގޮތް ވަނީ ނުވެފަ އެވެ. މި މެޗްގައި ރެއާލް މެޑްރިޑަށް ލަނޑެއް ކާމިޔާބުކޮށްދޭން ލިބުނު އެންމެ ރަގަޅު އެއް ފުރުސަތު ނަގާލައިފައިވަނީ ޗެލްސީން މިދިޔަ އަހަރު އެޓީމަށް ބަދަލުވި ބެލްޖިއަމްގެ މިޑްފީލްޑަރު އެޑެން ހަޒާޑެވެ. މި މެޗްގައި ހަޒާޑަށް އަނިޔާވުމުގެ ސަބަބުން 67 ވަނަ މިނެޓްގައި ވަނީ ބަދަލުވެސް ކޮށްފަ އެވެ.
މެޗްގައި ރެއާލް މެޑްރިޑްގެ ދެ ފޯވާޑުން ކަމަށްވާ ގެރެތު ބޭލް އާއި ލޫކާ ޔޮވިކް ހުންއައިސްފައި ތިބުމުގެ ސަބަބުން ކުޅެފައެއް ނުވެ އެވެ. އެ ދެ ކުޅުންތެރިންގެ ބަދަލުގައި ރޭ ރެއާލް މެޑްރިޑްގެ ކޯޗް ޒިނެދިން ޒިދާން ޓީމުގައި ހިމަނައިފައިވަނީ އިސްކޯ އާއި ލޫކާ މޮޑްރިޗެވެ. މެޗުގައި އިސްކޯގެ އިތުރުން ރެއާލް މެޑްރިޑްގެ ތަޖްރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ ލެވަންޓޭގެ ގޯލާ އަމާޒުކޮށް ފޮނުވާލި ދެ ހަމަލާއެއް އެޓީމުގެ ގޯލްކީޕަރު އެއިޓޯ ފެނާންޑެސް ވަނީ ހުށިޔާރު ކަމާއެކު މަތަކޮށްފަ އެވެ. އޭގެ ފަހުން ފެނާންޑެސް އަތުން ޖަހައި ދިފާއުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލި ބޯޅައެއް ރެއާލް މެޑްރިޑްގެ ކަސެމީރޯ އަށް ލިބުމާއެކު އޭނާ ބޮލުން ގޯލަށް ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ އަރިމަތިން ބޭރަށެވެ. ރެއާލް މެޑްރިޑަށް މެޗުގެ ނަތީޖާ ހަމަހަމަކުރަން މެޗް ނިމިނިމި އޮއްވާ ވެސް ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ރެއާލްގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ލެވަންޓޭގެ ގޯލާ އަމާޒުކޮށް ބޮލުން ފޮނުވާލި ބޯޅަވެސް ލެވަންޓޭގެ ކީޕަރު ފެނާންޑެސް ވަނީ މަތަކޮށްފަ އެވެ.
ރޭގެ މެޗްގައި ލެވަންޓޭ އިން ލީޑް ނެގުމުގެ ކުރިންވެސް އެޓީމަށް ލަނޑު ޖަހާނެ ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ލެވަންޓޭގެ އެނިސް ބަރުދީ ރެއާލް މެޑްރިޑްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ވަނީ ރެއާލްގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ މަތަކޮށްފަ އެވެ.