ފުރަތަމަ ސަފްޙާ / ޚަބަރު / 1000 ވަނަ މެޗުގައި ވެސް ރޮނާލްޑޯ ގޯލު ޖަހައިފި

1000 ވަނަ މެޗުގައި ވެސް ރޮނާލްޑޯ ގޯލު ޖަހައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 22 ފެބްރުއަރީ 2020

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް މިހާތަނަށް ފަސް ފަހަރު ހޯދައިފައިވާ ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ސީނިއާ ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު 1000 ވަނަ މެޗްގައިވެސް ގޯލް ޖަހައިފި އެވެ. މިރޭ އިޓާލިއަން ލީގުގައި ސްޕަލްއާ ދެކޮޅަށް ޔުވެންޓަސް އިން ކުޅުނު މެޗްގައި ރޮނާލްޑޯ ގޯލް ޖަހައިފައިވަނީ މެޗްގެ 39 ވަނަ މިނެޓްގަ އެވެ. ޔުވެންޓަސް އަށް މިރޭގެ މެޗްގެ ގޯލް ހުޅުވައިދިން ލަނޑާއެކު އެޓީމުން މެޗް ކާމިޔާބުކޮށްފައިވަނީ 1-2 އިންނެވެ.

މެޗްގައި ރޮނާލްޑޯ ޖެހި ލަނޑަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ޖެހި 725 ވަނަ ގޯލެވެ. މިރޭގެ މެޗާއެކު މިހާތަނަށް ރޮނާލްޑޯ ވަނީ ކްލަބް ފެންވަރުގައި 836 މެޗް އަދި ގައުމީ ޖޯޒީގައި 164 މެޗް ކުޅެފަ އެވެ.

ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރު ފުރަތަމަ ފެށީ އޭނާގެ އުފަން ގައުމުގެ ކްލަބެއް ކަމަށްވާ ސްޕޯޓިންގް ލިސްބަން އިންނެވެ. 2002 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާއި ހަމައަށް އެ ކްލަބަށް 31 މެޗް ކުޅުމަށްފަހު އުމުރުން އެންމެ 18 އަހަރުގައި ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބް ކަމަށްވާ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ރޮނާލްޑޯ ބަދަލުވިއެވެ. އޭގެ ފަހުން 2008 ވަނަ އަހަރުގެ ސީޒަނާއި ހަމައަށް 292 މެޗް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެދިނުމަށްފަހު 2009 ވަނަ އަހަރު ރޮނާލްޑޯ ބަދަލުވީ ސްޕެއިންގެ ރެއާލް މެޑްރިޑަށެވެ. ރެއާލް މެޑްރިޑްގައި ޖުމްލަ ނުވަ ސީޒަން ރޮނާލްޑޯ ހޭދަކުރިއިރު އެޓީމަށް އޭނާ ވަނީ 438 މެޗް ކުޅެދީފައެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވުމަށްފަހު މިރޭ އެޓީމަށް ކުޅުނު މެޗަކީ ޔުވެންޓަސްގެ ޖޯޒީގައި ރޮނާލްޑޯ ކުޅުނު 72 ވަނަ މެޗެވެ.

ރަށުން ބޭރުގައި މިރޭ ޔުވެންޓަސް އިން ސްޕަލް އާ ދެކޮޅަށް ކުޅުނު މެޗްގައި ފުރަތަމަ ދެ ގޯލްވެސް ޖެހީ ޔުވެންޓަސް އިންނެވެ. މެޗްގައި ޔުވެންޓަސް އިން ޖެހި ދެވަނަ ގޯލަކީ މެޗްގެ 60 ވަނަ މިނެޓްގައި ޕައޮލޯ ޑިބާލާ ދިން ބޯޅައަކުން އާސެނަލްގެ ކުރީގެ ތަރި އާރޮން ރަމްސޭ ކާމިޔާބުކޮށްދިން ގޯލެކެވެ. މެޗްގައި ސްޕަލް އިން ޖެހި ހަމައެކަނި ލަނޑު މެޗްގެ  69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ އަންޑްރޭ ޕެޓާނާ އެވެ.

މިރޭ ޔުވެންޓަސް އިން ހޯދި މޮޅާއެކު އެޓީމަށް ވަނީ ޓޭބަލްގެ އެއް ވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފަ އެވެ. އެކަމަކު މާދަމާ ޓޭބަލްގެ ދެ ވަނައިގައި އޮތް ލާޒިއޯ އިން ރަށުން ބޭރުގައި ޖެނޯއާ އާ ދެކޮޅަށް ކުޅޭ މެޗް ކާމިޔާބުކޮށްފިނަމަ އެ ފަރަގު އެއް ޕޮއިންޓަށް ކުޑަ ވާނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!