ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ފަސް ފަހަރު ހޯދައިފައިވާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މިރެއަކީ ވަރަށް ހާއްސަ ރެއެކެވެ. މިރޭ އިޓާލިއަން ލީގުގައި ސްޕަލްއާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗަކީ ރޮނާލްޑޯގެ އާދަޔާހިލާފް ފުޓްބޯޅަ ކެރިއަރުގައި ސީނިއަރ ކުޅުންތެރިއެއްގެ ގޮތުގައި ކުޅޭ 1،000 ވަނަ މެޗެވެ. އުމުރުން މިހާރު 35 އަހަރު ވެފައިވާ ރޮނާލްޑޯ މިހާތަނަށް ކްލަބް ފެންވަރުގައި 835 މެޗް އަދި ގައުމީ ޖޯޒީގައި 164 މެޗް ކުޅެފައިވާއިރު އޭނާ ވަނީ 724 ގޯލް ޖަހައިފަ އެވެ.
އެތައް ކާމިޔާބީއަކުން ޖަރީވެފައިވާ ރޮނާލްޑޯގެ ޕްރޮފެޝަނަލް ކެރިއާ އެންމެ ފުރަތަމަ ފަށައިފައިވަނީ އުފަން ގައުމުގެ ކުލަބެއް ކަމަށްވާ ސްޕޯޓިން ލިސްބަން އިންނެވެ. 2002 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާ ހަމައަށް ސްޕޯޓިން ލިސްބަންގައި ރޮނާލްޑޯ ހޭދަކުރި ކުރު މުއްދަތުގައި އެ ކްލަބަށް 31 މެޗް ކުޅެފައިވެ އެވެ. އުމުރުން އެންމެ 18 އަހަރަސް އޭރުވެސް ޔޫރަޕްގެ ބޮޑެތި ކުލަބްތަކުން ދިޔައީ ރޮނާލްޑޯގެ ހަރަކާތްތަކަށް ފާރަވެރިވަމުންނެވެ. އެކަމަކު ރޮނާލްޑޯ ހޯދުމުގެ ރޭހުގައި އެންމެ ފުރަތަމަ ކުރި ހޯދި ކްލަބަކަށްވީ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އެންމެ ކާމިޔާބު ކޯޗް ސަރ އެލެކްސް ފާގަސަންގެ އިރުޝާދުގެ ދަށުން ހަ އަހަރު ދުވަހުގެ ތެރޭ 292 މެޗް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެދިނުމަށްފަހު ސްޕެއިންގެ އެންމެ ބޮޑު އެއް ކްލަބް ކަމަށްވާ ރެއާލް މެޑްރިޑަށް ރޮނާލްޑޯ ބަދަލުވީ 2009 ވަނަ އަހަރު އެވެ. 2018 ވަނަ އަހަރާއި ހަމައަށް ރެއާލް މެޑްރިޑްގައި މަޑުކުރުމަށްފަހު ރޮނާލްޑޯ ދެން ބަދަލުވީ އިޓަލީގެ ޔުވެންޓަސް އަށެވެ.

ރޮނާލްޑޯ ހޯދި ފަސް ބެލޮންޑިއާއާ އެކު. މި ސީޒަނުގައި ވެސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުން
ރޮނާލްޑޯގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އޭނާގެ ކިބައިގައިވާ ގޯލް ޖެހުމުގެ ހުނަރެވެ. ކެރިއަރު ފަށައިގެން ފުރަތަމަ ހަތަރު ސީޒަންގައި ޖެހި ގޯލްގެ އަދަދު ތަންކޮޅެއް ދަށްކޮށް އުޅުނު ނަމަވެސް 2006 ވަނަ އަހަރުގެ ސީޒަނުން ފަށައިގެން ކޮންމެ ސީޒަނެއްގައިވެސް ރޮނާލްޑޯ ވަނީ 20 ގޯލަށްވުރެ ގިނައިން ޖަހައިފަ އެވެ. މީގެ އިތުރުން އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ އުމުރު މަތިވަމުން އައި ވަރަކަށް ގައުމީ ޓީމަށް ރޮނާލްޑޯ ގޯލް ޖަހައިދެމުން އައި ރޭޓްވެސް މަތިވަމުން އައި ކަމެވެ. ރޮނާލްޑޯ ގައުމީ ޓީމުގައި ހޭދަކުރި ފުރަތަމަ ދިހަ އަހަރު ޖެހި ގޯލްގެ އަދަދު ސީޒަނަކަށް ދިހައަކަށްވުރެ ދަށުގައި އުޅުނު ނަމަވެސް މިދިޔަ ހަތަރު ސީޒަނުގެ ތެރެއިން ތިން ސީޒަނުގައި އޭނާ ޖެހި ގޯލްގެ އަދަދު އުޅެނީ ދިހައެއް ނުވަތަ އެއަށްވުރެ މަތީގަ އެވެ.
ރޮނާލްޑޯ މިހާތަނަށް ކާމިޔާބުކުރި 724 ލަނޑުގެ ތެރެއިން ދެބައިކުޅަ އެއްބައަށްވުރެ ގިނަ ގޯލް ކާމިޔާބުކޮށްދީފައިވަނީ ރެއާލް މެޑްރިޑަށެވެ. ރެއާލް މެޑްރިޑަށް 450 ގޯލް ކާމިޔާބުކޮށްދިން އިރު އޭނާ އެ ކްލަބަށް ކުޅެދިން މެޗްގެ އަދަދަކީ 438 އެވެ. ރޮނާލްޑޯގެ ފުރަތަމަ ކްލަބަށް އޭނާ އަށް ކާމިޔާބުކޮށްދެވުނީ އެންމެ ފަސް ގޯލެވެ. އޭގެ ފަހުން މެންޗެސްޓާ ޔުނައިޓެޑްގައި ހޭދަކުރި ހަ ސީޒަންގައި ޖުމްލަ 118 ގޯލް ޖަހައިފައިވާއިރު މިހާރު ކުޅެމުން އަންނަ ޔުވެންޓަސް އަށްވެސް އޭނާ ވަނީ މިހާތަނަށް 52 ގޯލް ކާމިޔާބުކޮށްދީފަ އެވެ. އެކަމަކު އަދި ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވިފަހުން ދެ ސީޒަންވެސް ފުރިހަމަ ނުވެ އެވެ.
ރޮނާލްޑޯގެ ކެރިއަރުގައި މިހާތަނަށް އެންމެ ގިނަ ގޯލް ޖަހައިފައިވަނީ ސްޕެއިންގެ ސެވިއްޔާ ކޮޅަށެވެ. ސެވިއްޔާ ކޮޅަށް ރޮނާލްޑޯ ވަނީ 27 ގޯލް ކާމިޔާބުކޮށްފަ އެވެ. 25 ގޯލާއެކު މި ލިސްޓްގެ ދެ ވަނައިގައި އެތުލެޓިކޯ މެޑްރިޑް އުޅޭއިރު ތިން ވަނައަށް ރޮނާލްޑޯ އެންމެ ގިނަ ގޯލް ވައްދާލައިފައިވާ ކްލަބަކީ ސްޕެއިންގެ ގެޓާފޭ އެވެ. އެއީ 23 ގޯލެވެ. ރޮނާލްޑޯގެ ގޯލްތައް އެންމެ ގިނައިން ވަދެފައިވާ އިނގިރޭސި ކްލަބަކީ ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ޓޮޓެންހަމް ކޮޅަށް ރޮނާލްޑޯ ވަނީ 10 ގޯލް ޖަހައިފަ އެވެ.
ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރުގައި ފުރަތަމަ ހެދި ހެޓްރިކަކީ 2008 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އިނގިރޭސި ވިލާތުގެ ނިއުކާސަލް ޔުނައިޓެޑް ކޮޅަށް ހެދި ހެޓްރިކެވެ. އޭގެ ފަހުން އިތުރު 55 ހެޓްރިކް ރޮނާލްޑޯ ހެދި ނަމަވެސް ޔުނައިޓެޑްގެ ޖޯޒީގައި ރޮނާލްޑޯ އަށް ހެދުނު ހަމައެކަނި ހެޓްރިކަކީ އެއީ އެވެ. މިއީވެސް ކުޑަ އަޖައިބެއް ނޫނެވެ. އެންމެ ފަހުން ރޮނާލްޑޯ ހެޓްރިކެއް ހަދައިފައިވަނީ މިދިޔަ މަހުގެ ތެރޭގައި އިޓަލީ ލީގުގައި ކަލިއާރީ އާ ދެކޮޅަށް ކުޅެ ޔުވެންޓަސް 0-4 އިން މޮޅުވި މެޗްގައެވެ.
ރޮނާލްޑޯގެ ތާރީހީ ބައެއް މެޗުތައް
ރޮނާލްޑޯ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި ނަމަ އޭނާގެ ކެރިއަރުގެ ފަހަތަށް އެނބުރި ބަލާލައިފި ކޮންމެ ފަހަރަކު ފެންނަން ހުންނާނެ އުފާވެރި ތާރީހީ އެތައް ހަނދާނެއް އެބަހުއްޓެވެ. ތިރީގައި މިވަނީ ރޮނާލްޑޯގެ ކެރިއަރުގައި ކުޅުނު ފާހަގަކޮށްލެވޭ ބައެއް މެޗްތަކެވެ.
ފުރަތަމަ މެޗް: ސްޕޯޓިންގް ލިސްބަން އާއެކު ކެރިއަރު ފެށުން
ސްޕޯޓިންގް ލިސްބަން 0-0 އިންޓަރ މިލާން (14 އޯގަސްޓް 2002)
34 ވަނަ މެޗް: މެންޗެސްޓާ ޔުނައިޓެޑްގެ ޖޯޒީގައި ފުރަތަމަ ފަހަރަށް ކުޅުން
މެންޗެސްޓާ ޔުނައިޓެޑް 4-0 ބޯލްޓަން ވޮންޑަރާސް (16 އޯގަސްޓް 2003)
80 ވަނަ މެޗް: އެންމެ ފުރަތަމަ ޓްރޮފީ ލިބުން
މެންޗެސްޓާ ޔުނައިޓެޑް 3-0 މިލްވޯލް (22 މެއި 2004)

ރޮނާލްޑޯގެ ކެރިއަރުގައި ހޯދި ފުރަތަމަ ތައްޓާއެކު.
83 ވަނަ މެޗް: ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް ގޯލެއް ކާމިޔާބުކޮށްދިނުން
ޕޯޗުގަލް 1- 2 ގްރީސް (12 ޖޫން 2004)
303 ވަނަ މެޗް: ފުރަތަމަ ހެޓްރިކް
މެންޗެސްޓާ ޔުނައިޓެޑް 6-0 ނިއުކާސަލް ޔުނައިޓެޑް (12 ޖެނުއަރީ 2008)
393 ވަނަ މެޗް: ރެއާލް މެޑްރިޑަށް ބަދަލުވެ ފުރަތަމަ ފަހަރަށް ގޯލްޖެހުން
ރެއާލް މެޑްރިޑް 3-2 ޑިޕޯޓިވޯ ލަކަރޫނާ (29 އޯގަސްޓް 2009)
518 ވަނަ މެޗް: ރެއާލް މެޑްރިޑަށް 100 ވަނަ ގޯލް ކާމިޔާބުކޮށްދިނުން
ލިޔޯން 0-2 ރެއާލް މެޑްރިޑް (02 ނޮވެމްބަރު 2011)
577 ވަނަ މެޗް: ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ފަހަރަށް ހެޓްރިކް ހެދުން
އަޔަކްސް 1-4 ރެއާލް މެޑްރިޑް (03 އޮކްޓޯބަރު 2012)

ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ފުރަތަމަ ފަހަރަށް ހެޓްރިކް ހެދީ އަޔަކްސް ކޮޅަށް. މުބާރާތުގެ ތާރީހުގައި ލަނޑު ލިސްޓުގެ ކުރީގައި އުޅެނީ ރޮނާލްޑޯ
633 ވަނަ މެޗް: ގައުމީ ޓީމުގެ ޖޯޒީގައި ފުރަތަމަ ފަހަރަށް ހެޓްރިކް ހެދުން
ނޮދާން އަޔަލޭންޑް 2-4 ޕޯޗްގަލް (06 ސެޕްޓެމްބަރު 2013)
731 ވަނަ މެޗް : އެއް މެޗެއްގައި ފަސް ގޯލް ޖެހުން
ރެއާލް މެޑްރިޑް 9-1 ގްރާނާޑާ (05 އޭޕްރީލް 2015)
758 ވަނަ މެޗް: ރެއާލް މެޑްރިޑަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދިން ރައުލް ގޮންޒާލޭސްގެ ރެކޯޑް މުގުރާލުން
ރެއާލް މެޑްރިޑް 3-0 ލެވާންޓޭ (17 އޮކްޓޯބަރު 2015)

ރެއާލްގެ ލެޖެންޑް ރައުލްގެ ގޯލު ޖެހުމުގެ ރެކޯޑް ރޮނާލްޑޯ މުގުރާލި މެޗު.
849 ވަނަ މެޗް: ޗެމްޕިއަންސް ލީގުގައި 100 ގޯލް ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އަށް ވުން
ރެއާލް މެޑްރިޑް 4-2 ބަޔާން މިޔުނިކް (18 އޭޕްރީލް 2017)
901 ވަނަ މެޗް: ކެރިއަރުގެ 50 ވަނަ ހެޓްރިކް
ރެއާލް މެޑްރިޑް 6-3 ޖިރޯނާ (18 މާޗް 2018)
921 ވަނަ މެޗް: ޔުވެންޓަސް އަށް ފުރަތަމަ ގޯލް ޖަހައިދިނުން
ޔުވެންޓަސް 1- 0 ސަސުލޯ (16 ސެޕްޓެމްބަރު 2018)

ޔުވެންޓަސް އަށް ބަދަލުވެ ރޮނާލްޑޯ ޖަހައިދިން ފުރަތަމަ ގޯލު. މި ސީޒަނުގައި ކްލަބާއި ގައުމަށް 35 ގޯލު ވަނީ ޖަހާފައި
1000 ވަނަ މެޗް ކަމާ މެދު މުޅިން ޔަގީނެއް ނޫން
ރޮނާލްޑޯ ކުޅެފައިވާ މެޗްގެ އަދަދާއި މެދު ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުމެއް އުޅެފާނެއެވެ. މިހާތަނަށް ރޮނާލްޑޯ ކުޅެފައިވާ 999 މެޗްގެ ތެރެއިން ދެ މެޗަކީ ސްޕޯޓިން ލިސްބަންގެ ބީ ޓީމް ނުވަތަ ރިޒާވް ޓީމަށް ކުޅެފައިވާ ދެ މެޗެވެ. އޭގެ ތެރެއިން ފުރަތަމަ މެޗަކީ ސްޕޯޓިންގެ ސީނިއާ ޓީމަށް ފުރަތަމަ މެޗް ރޮނާލްޑޯ ކުޅުނު ފަހުން ކުޅެފައިވާ މެޗެކެވެ. އެ ދެމެޗް ނުހިމަނައިފިނަމަ ރޮނާލްޑޯގެ 1000 ވަނަ މެޗަކަށް ވާނީ އަންނަ ހަފްތާ ބަންދުގައި ވާދަވެރި އިންޓަ މިލާނާ ދެކޮޅަށް ޔުވެންޓަސް ކުޅެން ހަމަޖެހިފައިވާ މެޗެވެ. ރޮނާލްޑޯ އަށްވެސް އެންމެ ކަމުދާނީ އެގޮތް ކަމަށްވެސް ވެދާނެ އެވެ.