ފުރަތަމަ ސަފްޙާ / ޚަބަރު / ލިވަޕޫލް ބަލިވާން އެދި ޔުނައިޓެޑްގެ ސަޕޯޓަރަކު ފޮނުވި ސިޓީއަށް ކްލޮޕް ޖަވާބުދީފި

ލިވަޕޫލް ބަލިވާން އެދި ޔުނައިޓެޑްގެ ސަޕޯޓަރަކު ފޮނުވި ސިޓީއަށް ކްލޮޕް ޖަވާބުދީފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 21 ފެބްރުއަރީ 2020

3

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިފަހަރު ހޯދާނެކަން ގާތްގަނޑަކަށް ކަށަވަރުވެފައިވާ ލިވަޕޫލް ބަލިވާން އެދޭ ކަމަށާއި އެކަން ވާނެ ގޮތެއް ހަދައިދިނުމަށް އެދި އެ ޓީމްގެ ކޯޗް ޔާގެން ކްލޮޕް އަށް އުމުރުން އެންމެ ދިހަ އަހަރުގެ މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރަކު ފޮނުވި ސިޓީއަށް ކްލޮޕް ޖަވާބު ދީފިއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ޔޫއެފާ ޗެމްޕިއަންސް ލީގުގައި 0-1 އިން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް އަތުން ލިވަޕޫލް ބަލިވެފައިވީ ނަމަވެސް އެޓީމް ވަނީ ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު 17 މެޗްވެސް ކާމިޔާބުކޮށްފައެވެ. ޕްރިމިއާ ލީގުގައި ދެން އެންމެ އަވަހަށް ކުޅެންޖެހޭ މެޗުން ލިވަޕޫލް މޮޅުވެއްޖެނަމަ ޕްރިމިއާ ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވެގެން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ހަދައިފައިވާ ރެކޯޑާއި އެއްވަރު ވާނެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިވަގުތު ލިވަޕޫލުން ދަމަހައްޓަމުން އަންނަ އާދަޔާހިލާފް ފޯމާއެކު ފަސޭހައިން އެޓީމް މެޗަކުން ބަލި ނުވާނެ ކަމުގެ ބިރު އޮތީތީވެ އުމުރުން 10 އަހަރުގެ ޑަރަފް ކާލީ ލިވަޕޫލްގެ ކޯޗް ކްލޮޕަށް ފޮނުވި ސިޓީގައި ލިޔެފައިވަނީ ލިވަޕޫލް ހުރިހާ މެޗަކުން މޮޅުވަމުން އަންނާތީ މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން އޭނާ ދެރަވާ ކަމަށެވެ.

“ލިވަޕޫލުން މާ ގިނަ މެޗް ތިޔަ ކާމިޔާބުކުރަނީ. އަދި އިތުރަށް ނުވަ މެޗް ތިޔަ ޓީމުން ކާމިޔާބުކޮށްފިނަމަ ޕްރިމިއާ ލީގުގައި ބަލި ނުވެ އެންމެ ގިނަ މެޗް ހަމަކުރި ޓީމުގެ ރިކޯޑް ތިޔަ ޓީމަށް ލިބޭނެ. ޔުނައިޓެޑްގެ ސަޕޯޓަރެެއްގެ ހައިސިއްޔަތުން އެއީ އަހަރެން ވަރަށް ދެރަވާ ކަމެއް. އެހެންވީމަ ދެން ލިވަޕޫލް ކުޅޭ ފަހަރަކުން ޓީމް ބަލިވާނެ ގޮތެއް ހަދައިދީ. ހަމަ އެކަނި ކުރަންވީ ކަމަކީ އިދިކޮޅު ޓީމަށް ލަނޑު ޖަހަން ފުރުސަތު ދޭންވީ. އަހަރެން ހީކުރަން ދެން އެހެން މެޗެއް ތިޔަ ޓީމަށް ކާމިޔާބު ނުވާނެ ކަމަށް. ” ކްލޮޕަށް ކާލީ ފޮނުވި ސިޓީގައި ލިޔެފައިވެއެވެ.

ކާލީ ފޮނުވި ސިޓީގެ ޖަވާބުގައި ކްލޮޕް ވަނީ ލިވަޕޫލް ބަލިވާން އޭނާ އަށް ފުރުސަތު ދެވެން ނެތް ސަބަބު ތަފްސީލްކޮށް ކިޔައިދީފައެވެ. އަދި ކާލީ އަށް ޖަވާބު ދިނުމުގެ ގޮތުން ފޮނުވި ސިޓީގައި  ކާލީ ކަހަލަ ސަޕޯޓަރަކު ހުރުމަކީ މެންޗެސްޓާ ޔުނައިޓެޑަށް ލިބޭ ނަސީބެއް ކަމަށްވެސް ކްލޮޕް ލިޔެފައި ވެއެވެ.

“ތިޔަ ފަރާތުން ލިވަޕޫލް ބަލިވާން އެދޭ މިންވަރަށް އަހަރެންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް އެއީ ލިވަޕޫލް މޮޅުކުރަން އަހަރެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން. އަދި އެކަން އަހަރެން އެގޮތަށް ކުރަން އެދޭ އެތައް މިލިއަން ސަޕޯޓަރުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިބި. އެހެންވީމަ އެމީހުން މާޔޫސްވާނެ ގޮތެއް ވިޔަދޭކަށް އަހަރެން ބޭނުމެއް ނޫން. ތިޔަ ފަރާތުގެ ކިބައިގައި ފުޓްބޯޅައަށް އަދި މެންޗެސްޓާ ޔުނައިޓެޑަށް ތިޔަ ހުރި ލޯތްބަކީ ގައިމުވެސް ބަދަލު ނުވާނެ އެއްޗެެއް ކަން އަހަރެންނަށް ވަރަށް ރަގަޅަށް އެގޭ. ތިޔަ ކަހަލަ ސަޕޯޓަރެއް ހުރުމަކީ މެންޗެސްޓާ ޔުނައިޓެޑަށް ލިބޭ ނަސީބެއް. ” ކްލޮޕްގެ ސިޓީގައި ބުނެފައިވެއެވެ.

“އަހަރެމެންނަކީ ދަނޑުމަތީގަ ވާދަވެރިން ކަމުގަ ވިޔަސް އަހަރެމެން އެއް ބަޔަކު އަނެއް ބަޔަކަށް ވަރަށް އިހުތިރާމް ކުރަން. މިއީ އަހަރެންނަށް ފުޓްބޯޅައިގަ އެންމެ ކަމުދާ ކަމަކީ.” ކްލޮޕްގެ ސިޓީގައި އިތުރަށް ބުނެފައިވެއެވެ.

އިނގިރޭސި ވިލާތަށް އުފަން އުމުރުން ދިހަ އަހަރުގެ ކާލީ، ކޮލޮޕަށް ފޮނުވި ސިޓީ އަކީ ސްކޫލްގައި ދިން އެސައިންމަންޓަކާއި ގުޅިގެން ލިޔުނު އެއްޗެކެވެ. އެ ސިޓީ ކްލޮޕް ކިޔައިފާނެ ކަމަކަށްވެސް ކާލީގެ މައިންބަފައިން ކުރިން ހީކޮށްފައެއްވެސް ނެތެވެ.

“އެއްދުވަހަކު އަހަރެންގެ އަންހެނުން ޓްރިސިއާ އަވަށުގައި ހުންނަ ޕޯސްޓް އޮފީހެއްގައި ހުއްޓާ އެތަނުން ބުނީ ޑަރަފް ކާލީ އަށް އެޑްރެސް ކޮށްފަ އޮތް ސިޓީ އެއް އައިސްފައި އޮތް ވާހަކަ. އެވަގުތު އަންހެނުންގެ ހިތަށް އެރީ ކާކު ބާއޭ ޕޯސްޓް އޮފީސް މެދުވެރިކޮށް ކާލީއަށް ސިޓީއެއް އެ ފޮނުވީ. . ދެން ދަރިފުޅު ބުނީ އެ ވާނީ ޔާގެން ކްލޮޕް އަށޭ.” ކާލީގެ ބައްޕަ ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ދެން އެންމެ އަވަހަށް ކުޅޭ މެޗްގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ވެސްޓްހޭމް އާ ދެކޮޅަށެވެ. 22 ޕޮއިންޓްގެ ލީޑަކާއެކު ޓޭބަލްގެ އެއްވަނައިގައި ލިވަޕޫލް އޮތް އިރު މެންޗެސްޓާ ޔުނައިޓެޑް އޮތީ ޓޭބަލްގެ ހަތް ވަނައިގައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!