ޔޫއެފާ ޔޫރޮޕާ ލީގުގެ 32 ޓީމުގެ ބުރުގައި ރޭ އިނގިރޭސި ކްލަބް މެންޗެސްޓަރ ޔުނައިޓެޑް އެއްވަރުވިއިރު އާސެނަލާއި އިންޓަ މިލާނުން ކުޅުނު މެޗުތައް ކާމިޔާބުކޮށްފި އެވެ.
ރޭ ޔުނައިޓެޑް އެއްވަރުވީ ބެލްޖިއަމްގެ ކްލަބް ބުރޫޖްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެ 1-1 އިންނެވެ. އާސެނަލުން ވަނީ މިސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ވާދަކުރި ގްރީސްގެ އޮލިމްޕިއާކޯސް ރަށުން ބޭރުގައި 1-0 އިން ބަލިކޮށްފަ އެވެ. އިޓަލީ ލީގުގެ ތިން ވަނައިގައި މިވަގުތު އޮތް އިންޓަ އިން ރޭ މޮޅުވީ ބަލްގޭރިއާގެ ލުޑޮގޮރެޓްސް ރާޒްގްރޭޑާ ވާދަކޮށް 2-0 އިންނެވެ. އިންޓަ ޔޫރޮޕާ ލީގު ކުޅެން ޖެހުނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބާސެލޯނާ އާއި ބޮރޫޝިއާ ޑޯޓްމަންޑުގެ ފަހަތުން ތިން ވަނަ ލިބުމުންނެވެ. ރޭ ރަށުން ބޭރުގައި ހޯދި މޮޅާއެކު މުބާރާތުގެ ގަދަ 16 އަށް ކޮލިފައިވުމުގެ ފުރުސަތު އިންޓަ އިން ވަނީ ބޮޑުކޮށްފަ އެވެ.
ރޭ ޔުނައިޓެޑާއި ބްރޫޖް ވާދަކުރި މެޗުގެ ފުރަތަމަ ގޯލު ޖެހީ ބްރޫޖުގެ އެމެނުއަލް ޑެނިސް އެވެ. މިއީ ކުރިން ލިވަޕޫލަށް ކުޅުނު އަދި މިހާރު ބްރޫޖުގެ ގޯލްކީޕަރު ސިމޯން މިނިއޮލޭ ގޯލުގައި ހުރެފައި ދިން ދިގު ބޯޅަ ހޯދުމަށް ފަހު ޔުނައިޓެޑްގެ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯގެ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނީ އެންތަނީ މާޝިއަލް އެވެ. ޔުނައިޓެޑްގެ ފަރާތުން މާމޮޅު ކުޅުމެއް ނުފެނުނު މި މެޗުގެ ފަހު ދިހަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ކުޅެން އަރައި ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ދެޓީމު ޔުނައިޓެޑްގެ ދަނޑުގައި ވާދަކުރާ މެޗު އޮންނާނީ އަންނަ ހަފްތާ ބުރާސްފަތި ދުވަހުގެ ރެ އެވެ.
އޮލިމްޕިއާކޯސްގެ އެތައް ހާސް ސަޕޯޓަރުންނެއްގެ ކުރިމަތީ އާސެނަލުން ރޭގެ މެޗު ކާމިޔާބުކުރީ ބަކަޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ދެ ވަނަ ހާފުގެ ފަހުކޮޅުން އަލެކްސެންޑަ ލަކަޒެޓް ޖަހައިދިން ގޯލުންނެވެ. މެޗުގެ ކުރީކޮޅު އޮލިމްޕިއާކޯސް އިން މޮޅަށް ކުޅެ ގޯލު ޖަހާނެ ފުރުސަތުތައް ވަނީ ތަނަވަސްކޮށްފަ އެވެ. އާސެނަލަކީ ޔޫރަޕްގެ ފަސް ލީގުގެ ތެރެއިން 2020 ވަނަ އަހަރު މެޗަކުން ބަލިނުވާ ހަމައެކަނި ޓީމެވެ. ރޭގެ މުހިއްމު މޮޅާއެކު މިދިޔަ އަހަރުގެ ރަނަރަޕް އާސެނަލުން ވަނީ ގަދަ 16 އަށް ދިއުމުގެ އުއްމީދު ބޮޑުކޮށްފަ އެވެ.

އިންޓަ އަށް ލިބުނު ޕެނަލްޓީ ލުކާކޫ ޖަހަނީ.
އިންޓަ މޮޅުވި މެޗުގައި ދެ ގޯލު ކާމިޔާބުކޮށްދިނީ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި 16.9 މިލިއަން ޕައުންޑަށް ޓޮޓެންހަމް ހޮޓްސްޕާސް އިން އިންޓަ އަށް ބަދަލުވި ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސެން އާއި ރޮމެލޫ ލުކާކޫ އެވެ. އެރިކްސަން މެޗުގެ 71 ވަނަ މިނެޓުގައި އިންޓަ އަށް ލީޑު ނަގައިދިންއިރު ލުކާކޫ މެޗުގެ އިތުރު ވަގުތުގައި ލީޑު ފުޅާކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އިންޓަ އަށް ބަދަލުވި ފަހުން އެރިކްސެން އެ ކްލަބަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
ޔޫރޮޕާ ލީގުގެ އެހެން މެޗުތަކަށް ބަލާއިރު ސްޓީވެން ޖެރާޑުގެ ކޯޗުކަމުގައި ކުޅޭ ރޭންޖާސް އިން ވަނީ އަމިއްލަ ދަނޑުގައި ފަހަތުން އަރައި ސްޕޯޓިން ބްރާހާ ކޮޅަށް ތިން ގޯލު ޖަހައި 3-2 އިން މެޗު ކާމިޔާބުކޮށްފަ އެވެ. އިނގިރޭސި ކްލަބް ވުލްވްސް އިން ރޭ ވަނީ ސްޕެނިޝް ލީގުގެ ފުލުގައި އެސްޕަންޔޯލް 4-0 އިން ބަލިކޮށް ގަދަ 16 ގެ ފުރުސަތު ގާތްގަނޑަކަށް ކަށަވަރުކޮށްފަ އެވެ. ރޭގެ މެޗުގައި ވުލްވްސް ގެ ޑިއޯގޯ ޖޯޓާ ހެޓްރިކް ހެދިއިރު އަނެއް ގޯލު ކާމިޔާބުކޮށްދިނީ ރުބެން ނެވޭސް އެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ވާދަކޮށް ފުޓްބޯޅަ ސަޕޯޓަރުންގެ ލޯބި ހޯދި ނެދަލެންޑްސްގެ އަޔަކްސް ރޭ ވަނީ ސްޕެނިޝް ލީގުގެ ތިން ވަނައިގައި މިވަގުތު އޮތް ގެޓާފޭ އަތުން 2-0 އިން ބަލިވެފަ އެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން އަޔަކްސް ކެޓީ ވެލެންސިއާ އާއި ޗެލްސީގެ ފަހަތުން ތިން ވަނަ ލިބުމުންނެވެ. އަނެއްކޮޅުން ރޭ ރަށުން ބޭރުގައި ގެޓާފޭ އަތުން ބަލިވުމުން އެޓީމު ޔޫރަޕްގެ ދެ ވަނަ ފަންތީގެ މުބާރާތުން ކެޓުމުގެ ބިރު ވެސް ވަނީ ބޮޑުވެފަ އެވެ. ރޭގެ މެޗުގައި ގެޓާފޭގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ސިލްވާ އާކޮސްޓާ ޖެހިއިރު ފަހު ގޯލު މެޗުގެ އިތުރު ވަގުތުގައި ޖެހީ ކުރިން ޗެލްސީ އާއި ނިއުކާސަލް ޔުނައިޓެޑަށް ކުޅުނު ކެނެޑީ އެވެ.