ފުރަތަމަ ސަފްޙާ / ޚަބަރު / އިއްބެގެ މުހިއްމު ގޯލު ހަދިޔާކުރީ ހަތަރު ދުވަސްވީ ދަރިފުޅަށް!

އިއްބެގެ މުހިއްމު ގޯލު ހަދިޔާކުރީ ހަތަރު ދުވަސްވީ ދަރިފުޅަށް!

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 20 ފެބްރުއަރީ 2020

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގްގައި އިއްޔެ ސަރަހައްދުގެ ގަދަބާރު އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން ރާއްޖޭގެ މާޒިޔާ 2-1 އިން ކުރިހޯދުމަކީ ގަލޮޅު ދަނޑުގައި ދިވެހިންނަށް ފަހަކަށް އައިސް ފެނުނު އެންމެ އުފާވެރި މަންޒަރެވެ.

މޮޅާއެކު މާޒިޔާ ވަނީ މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމުގެ އިތުބާރު ބޮޑުކޮށްފަ އެވެ. ވާދަވެރި ގައުމެއްގެ ކްލަބެއް އަތުން މި ހާއްސަ މޮޅު ހޯދައިދިނުމުގައި އިއްޔެ މާޒިޔާގެ ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެކެވެ. އެހެންވެ މި މޮޅު ވެގެންދިޔައީ ކުޅުންތެރިންނަށް އިތުބާރު ބޮޑުވެ އުފާވެރިކަން އިތުރުވި ސަބަބަކަށެވެ.

އިއްޔެގެ މޮޅުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު އެއް ކުޅުންތެރިއަކީ ފުރަތަމަ ގޯލު ޖަހައިދިން އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. މެޗަށް އިއްބެ ނުކުތީ މާޒިޔާ މޮޅުކޮށްދިނުމުގެ އިތުރުން މިމަހުގެ 14 ވަނަ ދުވަހު ލިބުނު އަލަތު ދަރިފުޅަށް ގޯލެއް ޖަހައިދީ މެޗު ހާއްސަ ކުރުމުގެ ނިޔަތުގަ އެވެ. އަލަތު ދަރިފުޅާ އެކު އިއްބެގެ ހަޔާތަށް އައި މި އުފާވެރިކަން އޭނާ ފާހަގަކުރީ މާޒިޔާ އަށް މެޗުގައި ޖަހައިދިން ފުރަތަމަ ގޯލާއެކު އެވެ. ދެ ވަނަ ހާފުގައި ޖެހި މި ގޯލަށް ފަހު އިއްބެގެ މޫނުމަތިން ފެނުނު އުފާވެރިކަމާއި އޭނާގެ ހަރަކާތްތައް ހާއްސަކުރީ މީގެ ހަތަރު ދުވަސް ކުރިން ލިބުނު ލޯބިލޯބި އަންހެން ދަރިފުޅަށެވެ.

https://www.facebook.com/fahuminet/posts/2882007581821337

ފުރަތަމަ ޑިވިޝަނުގައި 2017 ވަނަ އަހަރު ކުޅެންފެށި ސ. ފޭދޫ އަށް އުފަން ހުނަރުވެރި މި ކުޅުންތެރިޔާ ވަނީ މިދިޔަ އަހަރުތަކުގައި ކްލަބާއި ގައުމީ ޓީމަށް މުހިއްމު ގޯލުތަކެއް ޖަހައިދީފަ އެވެ. އެކަމަކު ހާއްސަ ދުވަހެއްގައި އިއްޔެ އިއްބެއަށް ލިބުނު ނަސީބަކީ ބެންގަލޫރު ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެ ގޯލު ޖެހުމެވެ. އިއްޔެގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ އޭނާ އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ތަނަވަސްކޮށްދިން ހުސް ފުރުސަތެއްގައި އޭރިޔާ ތެރޭގައި ހުރެފައި އިއްބެ ފޮނުވާލި ބޯޅަ ދިޔައީ ބެންގަލޫރުގެ ގޯލާ އަމާޒުނުވެ މަތިންނެވެ. އެ ބޯޅަ ބޭރަށް ދިއުމުން އިއްބެ އާއި މާޒިޔާ ކުޅުންތެރިންގެ ފަރާތުން ފެނުނީ މާޔޫސްކަމެވެ. އެކަމަކު ހިތްވަރު އެލުވާނުލައި ދެ ވަނަ ހާފުގައި ހަމަ އެގޮތަށް ލިބުނު ފުރުސަތުގެ ބޭނުން އިއްބެ ހިފީ ވިސްނުންތެރިކަމާއެކު އެވެ. އިބްރާހީމް އައިސަމް ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އިންޑިއާގެ ގައުމީ ޓީމުގެ ގޯލު ބަލަހައްޓާ ކީޕަރު ގުރްޕްރީތު ސިންގަށް އެއްވެސް ފުރުސަތެއް ނުދީ އިއްބެ ފޮނުވާލީ ގޯލުގެ ތިރީ ކަނަށެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އިއްބެ އަކީ މާޒިޔާގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ. މިދިޔަ ދެ އަހަރު ވެސް ރާއްޖޭގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި އިއްބެ ހިމެނުނީ ކްލަބާއި ގައުމަށް ޖަހައިދިން މުހިއްމު ގޯލުތަކުގައި އޭނާގެ ހިއްސާ އޮތުމުންނެވެ. މިގޮތުން 2018 ވަނަ އަހަރު ރާއްޖޭން އިންޑިއާ 2-1 އިން ބަލިކޮށް ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި މެޗުގެ ފުރަތަމަ ގޯލު ޖެހީ އިއްބެ އެވެ. އަދި، 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕާއި 2023 ވަނަ އަހަރު ޗައިނާގައި ބާއްވަން ހަމަޖެހިފައިވާ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ކުޅުނު ފުރަތަމަ މެޗުގައި ގުއާމް އަތުން ދިވެހިން މޮޅުވީ އިއްބެ ޖަހައިދިން ހަމައެކަނި ގޯލުންނެވެ. އަދި އިއްބެ ވަނީ މިދިޔަ ޑިސެމްބަރު މަހު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ޒުވާން ގައުމީ ޓީމުގައި ހިމެނިގެން ކުޅެ ބަންގްލަދޭޝް ކޮޅަށް ވެސް ގޯލު ޖަހައިފަ އެވެ.

ކޮންމެއަކަސް އިއްޔެ ހޯދި ބޮޑު މޮޅާއެކު ދިވެހިންގެ އުއްމީދަކީ އަންނަ ހަފްތާ ރަށުން ބޭރުގައި ބެންގަލޫރާ ދެކޮޅަށް ކުޅެ މާޒިޔާއިން ނަތީޖާ ނެރެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދުމެވެ. އެއީ ކޮންމެ ކުޅުންތެރިއަކު ގޯލު ޖަހައިގެން ކަމަށް ވިޔަސް ދިވެހިން ފަހުރުވެރިވާނެ އެވެ. އެކަމަކު އިއްބެގެ ގޯލެއް ފެނިއްޖެ ނަމަ އެއީ އޭނާގެ ކުޑަކުޑަ އާއިލާ އާއި ދިވެހި ގައުމަށް އަނެއްކާވެސް ހާއްސަ އުފަލެއް ލިބޭނެ ދުވަހަކަށް ވާނެކަން ޔަގީނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!