ފުރަތަމަ ސަފްޙާ / ޚަބަރު / ޗެމްޕިއަންސް ލީގުގައި އަލަށް ވާދަކުރާ އެޓަލާންޓާ ކުއާޓާ ފައިނަލާ ގާތަށް

ޗެމްޕިއަންސް ލީގުގައި އަލަށް ވާދަކުރާ އެޓަލާންޓާ ކުއާޓާ ފައިނަލާ ގާތަށް

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 20 ފެބްރުއަރީ 2020

ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރަތަމަ ފަހަރަށް ފުރުސަތު ހޯދި އިޓަލީގެ އެޓަލާންޓާ އިން ރޭ 4-1 އިން ސްޕެއިންގެ ވެލެންސިއާ ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމުގެ ބޮޑު ފުރުސަތެއް ފަހިކޮށްފި އެވެ.

އެޓަލާންޓާ ޗެމްޕިއަންސް ލީގަށް ފުރަތަމަ ފަހަރަށް ކޮލިފައިވީ މިދިޔަ ސީޒަނުގައި އިޓަލީ ލީގުގެ ތިން ވަނަ ހޯދައިގެންނެވެ. ގްރޫޕް ސްޓޭޖުގައި އެޓީމުން ކުޅުނު ފުރަތަމަ ތިން މެޗުން ބަލިވި ނަމަވެސް ފަހުން ކުޅުނު ތިން މެޗުން އެޓީމުން ވަނީ ހަތް ޕޮއިންޓް ހޯދައި ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. ދެ ވަނަ އެޓީމު ހޯދީ މެންޗެސްޓަރ ސިޓީ ހިމެނުނު ގްރޫޕުގައި ޝަކްތާ ޑޮނެސްކާއި ޑީނަމޯ ޒާގްރެބް ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

ޔޫއެފާގެ މިންގަނޑަށް އެޓަލާންޓާގެ ދަނޑު ނުފެތޭތީ އެ ކްލަބުން މުބާރާތުގެ ހޯމް މެޗުތައް މި ސީޒަނުގައި ކުޅެނީ 55 ކިލޯމީޓަރު ކައިރީގައި އޮންނަ މިލާނުގެ ސެން ސީރޯގަ އެވެ. އިޓަލީގެ ބާގަމޯގައި އޮންނަ ގެވިސް ސްޓޭޑިއަމުގައި އެޓީމަށް ޗެމްޕިއަންސް ލީގުގެ ހޯމް މެޗުތައް ނުކުޅެވުނަސް ރޭ 40،000 ސަޕޯޓަރުން މިލާނަށް ގޮސް ޓީމަށް ތަރުހީބުދީފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ.

މެޗުގެ ފުރަތަމަ ހަތަރު ގޯލު ވެސް ޖެހީ އެޓަލާންޓާ އިންނެވެ. އެޓީމުގެ ގޯލުތައް ޖަހައިދިނީ ހާންސް ހޭޓްބޮއާ އާއި ޖޯސެފް އިލިޗިޗް އަދި ރެމޯ ފްރޯލާ އެވެ. މެޗުގައި ހޭޓްބޮއާ ވަނީ ދެ ގޯލު ޖަހައިފަ އެވެ. ދެ ވަނަ ހާފުގައި ވެލެންސިއާގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ރަޝިއާގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ޑެނިސް ޗެރިޝޭވް އެވެ.

ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގައި ވާދަކުރާއިރު ޓީމެއްގެ ގޮތުގައި އެޓަލާންޓާ ފެންނަނީ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ތަނެވެ. މުބާރާތުގައި އެޓީމުން މިހާތަނަށް ޖެހި 12 ގޯލުގެ ތެރެއިން 10 ގޯލު ޖަހާފައިވަނީ ވަކިވަކި ކުޅުންތެރިންނެވެ. މިއީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި އެހެން އެއްވެސް ޓީމަކަށް ކުރެވިފައިވާ ކަމެއް ނޫނެވެ.

ވެލެންސިއާގެ ދަނޑުގައި މިދެޓީމު ކުޅޭ ދެ ވަނަ ލެގްގެ މެޗު އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!