ޔޫއެފާއިން އިނގިރޭސި ކްލަބް މެންޗެސްޓަރ ސިޓީ ޔޫރަޕްގެ މުބާރާތްތަކުގައި ވާދަނުކުރެވޭ ގޮތަށް ކުރިއަށް އޮތް ދެ ސީޒަނަށް ސަސްޕެންޑްކުރި ނަމަވެސް “ކޮންމެ ހާލެއްގައި ވެސް” ކްލަބުގެ ކޯޗުކަމުގައި ދެމިހުންނަން ބޭނުންވާކަމަށް ޕެޕް ގާޑިއޯލާ ބުނެފި އެވެ. ގާޑިއޯލާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.
ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގެ އުސޫލުތަކާ ސިޓީން ހިލާފުވުމާއި އަދި ޔޫއެފާ ކްލަބް ލައިސަންސިންގައި މަކަރު ހަދާފައި ވާކަމަށް ސާބިތުވުމުގެ ސަބަބުން ޗެމްޕިއަންސް ލީގުގައި ކުރިއަށް އޮތް ދެ ސީޒަނުގައި އެޓީމަށް ކުޅެވޭނީ އިސްތިއުނާފް މަރުހަލާއިން ކުރި ލިބިއްޖެ ނަމަ އެވެ. ސަސްޕެންޝަނުގެ އިތުރުން ޔޫއެފާއިން ވަނީ 30 މިލިއަން ޔޫރޯ އިން ސިޓީ ޖޫރިމަނާ ވެސް ކޮށްފަ އެވެ. އަދަބުން ސަލާމަތްވާން ސިޓީން ނިންމާފައިވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ގައި މައްސަލަ އެޕީލް ކުރުމަށެވެ. ރިޕޯޓުތައް ބުނާގޮތުން ސިޓީން އަންނަނީ މައްސަލަ އަލުން ތަހުގީގުކޮށް ޔޫއެފާއާ ދެކޮޅަށް ނުކުންނަން ވަރުގަދަ އަށް ތައްޔާރުވަމުންނެވެ.
“ހައްގު ހޯދަން ވަކާލާތު ކުރުމަކީ ކުރެވޭނެ ކަމަކަށްވާތީ ސިޓީން މިކަމުގައި އެޕީލް ކުރާނެ. މެޗުތައް އަހަރެމެން ކުޅޭނީ ވީ އެންމެ ރަނގަޅަކަށް. ސީޒަނުގެ ބާކީ ބައިގައި މުހިއްމު ބައިވަރު މެޗުތައް އެބަހުރި” މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.
ސިޓީގެ ސަޕްނެޝަނާއެކު ގާޑިއޯލާ ކްލަބުގައި މަޑުކުރާނެތޯ އެއީ މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލެވެ. މެޗަށް ފަހު ގާޑިއޯލާ ވަނީ ސިޓީއަށް ކޮންމެ ހާލަތެއް ކުރިމަތިވިޔަސް ކްލަބުގައި ހުންނާނެ ކަމުގެ ޔަގީންކަންދީފަ އެވެ.
“އެމީހުން އަހަރެން ވަކި ނުކޮށްފި ނަމަ އަހަރެން ހުންނާނީ މި ކްލަބުގަ. އަހަރެން މި ކްލަބް ދެކެ ލޯބިވޭ. މިތަނުގައި ހުންނަން ބޭނުން. ކޮންމެ ގޮތަކަށް ކަންތައް ދިމާވިޔަސް އަހަރެން ހުންނާނީ މި ކްލަބުގައި” ސިޓީއާ އެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް އަމާޒުހިފާފައިވާ ކޯޗު ބުންޏެވެ.
ގާޑިއޯލާ ބުނީ އެ ކްލަބާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުގައި ހަގީގަތް އަދި ހާމަވާނެ ކަމަށެވެ.
“މި ކްލަބުން ޔޫއެފާ ނިންމުމާ ދެކޮޅަށް މަސައްކަތްކުރާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އަހަރެންނަށް އެބައޮތް. ކްލަބުން ކަންކަން ކޮށްފައިވާ ގޮތް އަހަރެންނަށް ވަނީ ކިޔައިދީފަ”
ރޭގެ މެޗަކީ ޔޫއެފާގެ ސަސްޕެންޝަނަށް ފަހު ސިޓީން ކުޅުނު ފުރަތަމަ މެޗެވެ. މެޗުގައި ސިޓީގެ ގޯލުތައް ޖަހައިދިނީ ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީ އާއި ކެވިން ޑި ބްރޭނާ އެވެ. ރޭގެ މޮޅާއެކު ސިޓީ އޮތީ 51 ޕޮއިންޓާ އެކު ލީގުގެ ތިން ވަނައިގަ އެވެ. ސިޓީގެ ފަހަތުން ތިން ވަނައިގައި އޮތީ 49 ޕޮއިންޓް ހޯދާފައިވާ ލެސްޓާ ސިޓީ އެވެ.
މެޗުގައި ސިޓީގެ ސަޕޯޓަރުން ވަނީ ޔޫއެފާގެ ނިންމުމާ ދެކޮޅަށް ބެނާތައް ބޭނުންކޮށް އަޑުއުފުލައިފަ އެވެ. އަދި، ސަޕޯޓަރުން ވަނީ ކޯޗު ގާޑިއޯލާ އާއި ކްލަބުގެ އޯނަރު ޝެއިޚް މަންސޫރު އަށް ސަޕޯޓް ދިނުމުގެ ގޮތުން ވެސް ހިތްވަރުދީފަ އެވެ.
ސިޓީގެ ސަސްޕެންޝަނާ ގުޅިގެން ފުޓްބޯޅަ ކްލަބްތަކުގެ ކޯޗުންނާއި ކުޅުންތެރިންގެ ހަމްދަރުދީ ވަނީ އެ ކްލަބަށް ލިބިފަ އެވެ. އެކަމަކު ސަސްޕެންޝަން ދިފާއުކޮށް އެންމެ ފުރަތަމަ ވާހަކަ ދެއްކެވި އެއް ބޭފުޅަކީ ބާސެލޯނާގެ ޖޯސެފް ބާޓޮމޭ އެވެ. ބާސެލޯނާގެ ރައީސްގެ ވާހަކައަށް ރައްދުދެމުން ގާޑިއޯލާ ބުނީ އޭނާ އުޅޭނޫޅޭ ގޮތް ބާސެލޯނާއިން ބެލުން މުހިއްމު ނޫންކަމަށެވެ. ގާޑިއޯލާ ވަނީ ސިޓިގެ ސަސްޕެންޝަނާ މެދު ބާސެލޯނާގެ ރައީސް އުފާވިޔަސް ސިޓީން މައްސަލައަށް އެޕީލް ކުރުމުގެ ފުރުސަތު ދިނުމަށް އެދިފަ އެވެ. ގާޑިއޯލާ ބުނީ ކޮންމެ ޓީމަކަށް ވެސް ގޯސްތަކެއް ހެދިފައި ހުންނާނެ ކަމަށާއި، އެކަމަކު އޭނާ ގަބޫލުކުރާ ގޮތުގައި ސިޓީން ގޯހެއް ނުހަދާ ކަމަށެވެ. ގާޑިއޯލާ އަކީ ބާސެލޯނާގެ ތާރީހުގައި ކުޑަ ދުވަސްކޮޅެއް ތެރޭ އެންމެ ގިނަ ކާމިޔާބީތައް ހޯދައިދިން ކޯޗެވެ.
“ބާސެލޯނާގެ ރައީސް މާ އަޑުގަދަކޮށް ވާހަކަ ނުދެއްކުން އެއީ އަހަރެންގެ ނަސޭހަތަކީ” ކުރީގެ ކްލަބާ މެދު ހިތްހަމަނުޖެހިފައި ހުރެ ގާޑިއޯލާ ބުންޏެވެ.
“އަހަރެމެން މިއުޅެނީ އެޕީލްކުރަން އަދި އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުން” ގާޑިއޯލާ ބުންޏެވެ.