ފުރަތަމަ ސަފްޙާ / ޚަބަރު / ލައިޕްޒިގުން ޓޮޓެންހަމް އިތުރަށް ހާލުގައި ޖައްސައިފި

ލައިޕްޒިގުން ޓޮޓެންހަމް އިތުރަށް ހާލުގައި ޖައްސައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 20 ފެބްރުއަރީ 2020

ފޯވާޑް ހެރީ ކޭން އާއި ސޮން ހެއުން މިން އަށް އަނިޔާވެ ހާލުގައި ޖެހިފައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އިން ރޭ ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގްގައި އަމިއްލަ ދަނޑުގައި ޖަރުމަނުގެ އާރުބީ ލައިޕްޒިގް އަތުން 1-0 އިން ބަލިވެ ކުއާޓާ ފައިނަލަށް ދިއުމަށް އުނދަގޫތަކެއް ކުރިމަތިވެއްޖެ އެވެ.

ރޭގެ މެޗުގެ ހަމައެކަނި ގޯލު ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ޖަރުމަނު ގައުމީ ޓީމުގެ ފޯވާޑް ޓިމޯ ވާނާ އެވެ. ލައިޕްޒިގަށް ޕެނަލްޓީ ލިބުނީ އެޓީމުގެ ކޮންރަޑް ލައިމާ އަށް ޓޮޓެންހަމްގެ ޑިފެންޑަރު ބެން ޑޭވިސް ފައުލް ކުރުމުންނެވެ. ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ފާރަލަމުން އަންނަ 23 އަހަރުގެ ފޯވާޑް ވާނާ ވަނީ މި ސީޒަނުގައި ލައިޕްޒިގަށް 26 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ޓޮޓެންހަމް ރޭގެ މެޗުގައި ކުޑަ ތަފާތަކުން ބަލިވީ އެޓީމުގެ ގޯލްކީޕަރު ހޫގޯ ލޮރިސްގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުންނެވެ. މެޗުގައި ލޮރިސް ވަނީ އެންޖެލީނޯ ފޮނުވާލި ހަމަލާއެއް ހުއްޓުވައި އަދި އޭގެފަހުން ވާނާ ފޮނުވާލި ދެ ހަމަލާއެއް ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. ފޯވާޑް ލައިން ބަލިކަށިވެފައިވާތީ ޓޮޓެންހަމްގެ އެޓޭކުތައް ދަށްކޮށް ފެނުނު ނަމަވެސް ނުރައްކާތެރި ދެ ހަމަލާއެއް އެޓީމުން ވަނީ ފޮނުވާލައިފަ އެވެ. އެޓީމުގެ އާޖެންޓީނާގެ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯ ފޮނުވާލި ހިލޭ ޖެހުމެއް ލައިޕްޒިގްގެ ގޯލްކީޕަރު ޕީޓަ ގުލާކްސީ ހިފެހެއްޓިއިރު ލޫކަސް މޯރާ ފޮނުވާލި ހަމަލާ ގޯލު ކައިރިން ދިޔައީ ބޭރަށެވެ.

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއެކު މި ސީޒަނުގެ ތަށްޓަށް ވާދަކުރަމުން އަންނަ ލައިޕްޒީގުން ޓޮޓެންހަމާ ދެކޮޅަށް ދެ ވަނަ ލެގް ކުޅޭނީ މީގެ ތިން ހަފްތާ ފަހުން އަމިއްލަ ދަނޑުގަ އެވެ. މި ސީޒަނުގައި އެޓީމުގެ ފަރާތުން ފެންނަ މޮޅު ކުޅުމާއެކު ޓޮޓެންހަމަށް ލައިޕްޒިގްގެ ދަނޑުގައި ކުރި ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ. އެކަމަކު މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓޮޓެންހަމް ދަތުރުކުރީ ސެމީ ފައިނަލުގައި އަޔަކްސްގެ ދަނޑުގައި ފަހަތުން އަރައި ޖެހި ގޯލުތަކުން މޮޅުވެގެންނެވެ.

މެޗަށް ފަހު މޮރީނިއޯ ވަނީ އެޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެޓީމުގެ ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިފައިވާއިރު ލީގުގައި އެންމެ ފަހުން އެސްޓަން ވިލާ އަތުން 3-2 އިން މޮޅުވި މެޗުގައި ސޮންގެ އަތަށް އަނިޔާވެ ސާޖަރީއެއް ހަދަން ވަނީ ޖެހިފަ އެވެ. އެހެންވެ މި ސީޒަނުގެ ބާކީ ބައިގައި ސޮން ފެނިދާނެކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. މިދިޔަ އަހަރުތަކުގައި ޓޮޓެންހަމްގެ ގޯލުތައް ޖެހުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި މި ކުޅުންތެރިންނެވެ.

“1-0 އިން ބަލިވުމުން އަހަރެން ކަންބޮޑެއް ނުވޭ. އަހަރެމެނަށް އެމީހުންގެ ދަނޑުގައި މޮޅުވެސް ވެވިދާނެ. އަހަރެން ކަންބޮޑުވާ ކަމަކީ މި ސީޒަނުގައި ބާކީ މެޗުތަކުގައި ކުޅެން ހަމައެކަނި މިކުޅުންތެރިން ތިބުމުން. ޓީމު އޮތީ ވަރަށް އުނދަގޫ ހާލަތެއްގަ. އަނިޔާގެ މައްސަލަތައް ދިމާވީ ހަމައެކަނި މި މެޗަށް ނަމަ މައްސަލައެއް ނެތް. އެކަމަކު އަހަރެމެން އެބަޖެހޭ އެފްއޭ ކަޕާއި ޕްރިމިއާ ލީގުގައި ވެސް ވާދަކުރަން” މެޗަށް ފަހު މޮރީނިއޯ ބުންޏެވެ.

ޓޮޓެންހަމް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ލީގުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ރަށުން ބޭރުގައި ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!