އިނގިރޭސި ކްލަބް އާސެނަލާ އެކު 2002 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި ލެޓްވިއާގެ ކުރީގެ ޑިފެންޑަރު އީގޯސް ސްޓެފަނޯސް ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ. ސްޓެފަނޯވް ޒުވާން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހަމަޖެއްސިކަން ރަސްމީކޮށް އިއުލާންކުރީ މިއަދު މެންދުރު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
މިއަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރި 19 އަހަރުން ދަށުގެ ޓީމަށް އިރުޝާދުދިނީ އަހުމަދު ނާޝިދު (ނާދު) އެވެ. އޭގެކުރިން މިދިޔަ އަހަރު ނޭޕާލުގައި އޮތް 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުން ރާއްޖޭގެ ޓީމު ލޯ މެޑަލް ހޯދިއިރު ކޯޗުކަން ކުރީ މުހައްމަދު ޝާޒްލީ (ޝާޒް) އެވެ. ޝާޒް ފަހުން ވަނީ ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗުކަމާ ހަވާލުވެފަ އެވެ. ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމުތަކަށް މީގެ ކުރިން ކޯޗުކޮށްދިނީ ލޯކަލް ކޯޗުންނެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ލޯކަލް ކޯޗުން ބޭނުންވާތީ ޒުވާން ގައުމީ ޓީމުތަކުގައި އެ ކޯޗުން ބައިތިއްބަން އުނދަގޫ ކަމަށެވެ. ބައްސާމް ވިދާޅުވީ ސްޓެފަނޯސްގެ ކޯޗުކަމުގައި މުޅި ރާއްޖެ ޝާމިލްވާނެހެން ޓީމު އެކުލަވާލާނެ ކަމަށެވެ. ޒުވާން ގައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް އެފްއޭއެމުން ވަނީ 10 ދުވަހުގެ ޓްރަޔަލެއް ކުރިއަށްގެންދަން ނިންމައިފަ އެވެ. އަދި، އަތޮޅުތަކުގައި ވެސް މި ޓްރަޔަލް ކުރިއަށް ގެންދަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.

ޒުވާން ޓީމުގެ ކޯޗުކަމާ ސްޓެފަނޯސް (ކ) ހަވާލުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. – ފޮޓޯ: އެފްއޭއެމް
ޒުވާން ޓީމާ ހަވާލުވި ސްޓެފަނޯސް އަކީ 2000 އިން 2004 އަށް އާސެނަލްގެ ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. އެކަމަކު އެޓީމުން 2004 ވަނަ އަހަރު އެއްވެސް މެޗަކުން ބަލިނުވެ ގޯލްޑް ތަށި ހޯދިއިރު ސްޓެފަނޯސް ހުރީ ލޯނު އުސޫލުން ބެލްޖިއަމްގެ ކްލަބަކަށް ދޫކޮށްލާފަ އެވެ. އެ ސީޒަނަށް ފަހު ސްޓެފަނޯސް އާސެނަލް ދޫކޮށް ދެން ފެނުނީ ރަޝިއާ އާއި ޑެންމާކް އަދި ސްވިޒަލެންޑުގެ ކްލަބްތަކުންނެވެ. ފުޓްބޯޅަ ކެރިއަރު 2011 ވަނަ އަހަރު ހުއްޓާލުމުގެ ކުރިން ސްޓެފަނޯސް ކުޅުނީ އަމިއްލަ ގައުމުގެ ދެ ކްލަބަކަށެވެ.
ލީގުގެ އިތުރުން ސްޓެފަނޯސް ވަނީ އާސެނަލާ އެކު 2002 އަދި 2003 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. އާސެނަލްގައި ހޭދަކުރި ދުވަސްތަކުގައި ވިދުންގަދަ ނުވިނަމަވެސް ސްޓެފަނޯސް ވަނީ ލިބުނު ފުރުސަތުގެ ބޭނުންހިފައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
ސްޓެފަނޯސްގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ 2004 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ލެޓްވިއާއާ އެކު ކުޅުމާއި 2005 ވަނަ އަހަރު އެގައުމުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދުމެވެ. ޕޯޗުގަލްގައި ކުޅުނު ޔޫރޯ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް ސްޓެފަނޯސް ވަނީ ލެޓްވިއާގެ ޓީމުގައި ކުޅެފަ އެވެ. 1995 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރު ރިޓަޔާ ކުރުމާއި ހަމައަށް ސްޓެފަނޯސް ވަނީ ލެޓްވިއާގެ ގައުމީ ޓީމަށް 100 މެޗު ކުޅެދީ ހަތަރު ގޯލު ޖަހައިފަ އެވެ.
ސްޓެފަނޯސް ވަނީ ކެރިއަރުގެ ފަހުކޮޅު ޕްލެޔާސް ކޯޗެއްގެ ގޮތުގައި އެ ގައުމުގެ ކްލަބެއްގައި މަސައްކަތްކޮށްފަ އެވެ. އޭގެފަހުން 2012 ވަނަ އަހަރު ސްޓެފަނޯސް ހަވާލުވީ ލެޓްވިއާގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެފަނޯސް ބުނީ ރާއްޖޭގެ ޒުވާން ޓީމާ ހަވާލުވީ ޝައުގުވެރިކަން ހުރުމުން ކަމަށާއި، ދިގު މުއްދަތުގެ ޕްލޭންގައި އޭނާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.