ފުރަތަމަ ސަފްޙާ / ޚަބަރު / މާޒިޔާ އިން ފުރަތަމަ ލެގްގައި ގަދަފަދަ ބެންގަލޫރު ބަލިކޮށްފި

މާޒިޔާ އިން ފުރަތަމަ ލެގްގައި ގަދަފަދަ ބެންގަލޫރު ބަލިކޮށްފި

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 19 ފެބްރުއަރީ 2020

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގްގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ރާއްޖޭގެ މާޒިޔާ އިން ސަރަހައްދުގެ ގަދަބާރު އިންޑިއާގެ ބެންގަލޫރު އެފްސީ 2-1 އިން ބަލިކޮށްފި އެވެ.

މެޗުން މޮޅުވުމުން މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމުގެ އަމިއްލަ ބާރު މިހާރު ލިބިފައިވަނީ މާޒިޔާ އަށެވެ. މި ދެޓީމު ވާދަކުރާ ދެ ވަނަ ލެގްގެ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ބެންގަލޫރުގެ ދަނޑުގަ އެވެ. މިއީ ބެންގަލޫރު އަތުން މާޒިޔާ އަށް މިހާތަނަށް ލިބުނު ފުރަތަމަ މޮޅެވެ. އޭއެފްސީ ކަޕްގައި މީގެ ކުރިން ކުޅުނު ހަތަރު މެޗުން ވެސް ބެންގަލޫރު ވަނީ މާޒިޔާގެ މައްޗަށް ކުރި ހޯދާފަ އެވެ. 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ކުޅުނު ދެ މެޗުން ވެސް ބެންގަލޫރުން މާޒިޔާ ބަލިކުރީ 1-0 އިންނެވެ. އެފަހަރު މާޒިޔާ އަށް މުބާރާތުގެ އަނެއް ބުރުން ފުރުސަތު ގެއްލުނީ ބެންގަލޫރާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ ހެޑް ޓު ހެޑް އުސޫލުން ކުރި ނުލިބުމުންނެވެ.

މާޒިޔާއިން މިއަދުގެ މެޗަށް އެކުލަވާލި ޓީމުގައި ވެސް އަނިޔާގެ ސަބަބުން ނާއިޒް ހަސަން (ދާދު) ހިމަނާފައެއްނުވެ އެވެ. މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން މޮޅަށް ކުޅުނުއިރު ބެންގަލޫރަށް މާޒިޔާގެ ވަރުގަދަ ޑިފެންޑަރުންގެ ކުރިމަތީ މާބޮޑު ކަމެއް ނުކުރެވުނެވެ. ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފަ އެވެ. އަސައްކޮ އަށް އަނިޔާވީ ކޮނޭލިއަސް ސްޓެވާޓް ނަގައިދިން ބޯޅައެއް ޖަހަން އުޅުމުގެ ތެރޭގަ އެވެ. އަސައްކޮގެ ބަދަލުގައި ކުޅެން އެރީ މޫސާ ޔާމީން އެވެ.

މިއަދުގެ މުޅި މެޗަށް ބަލާއިރު މޮޅަށް ކުޅުނީ މާޒިޔާ އިންނެވެ. ފުރަތަމަ ހާފުގެ އަށް ވަނަ މިނެޓުގައި ބެންގަލޫރުގެ ކުޅުންތެރިއަކު އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ މާޒިޔާގެ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ. އޭގެ އިރުކޮޅެއް ފަހުން މާޒިޔާއިން އުފެއްދި ހަމަލާއެއްގައި އަސައްކޮ ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފަ އެވެ. 22 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖެހުމަކުން ނަގައިދިން ބޯޅަ އިބްރާހީމް އައިސަމް ބޮލުން ޖެހުމުން ގޯލާ އަމާޒެއްނުވި އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު މާޒިޔާގެ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަށް ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭނުންނުހިފިފަ އެވެ. ހަމްޕު ހުސްކޮށްލާފައި ފޭދޫ އިއްބެ އަށް ދިން ބޯޅަ އޭރިޔާ ތެރެއިން ހޯދުމަށް ފަހު ފޮނުވާލުމުން ދިޔައީ ގޯލުގެ މަތިން ބޭރަށެވެ. ހާފް ނިމުމުގެ ކުރިން ބެންގަލޫރުގެ ކުޅުންތެރިއަކު އޭރިޔާ ބޭރުން ތިރިތިރިން ފޮނުވާލި ބޯޅަ މާޒިޔާގެ އަފްގާނިސްތާން ގޯލްކީޕަރު އުވޭސް އަޒީޒީ ވަނީ ހިފަހައްޓައިފަ އެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެ ވަނަ ހާފުގައި ބެންގަލޫރުން ވަނީ ކޮންމެވެސް ވަރަކަށް ކުރިއަށް ޖެހި ގޯލެއް ޖަހަން މަސައްކަތްކޮށްފަ އެވެ. މި ހާފު ފެށިގެން ތިން ވަނަ މިނެޓުގައި މާޒިޔާގެ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓޭވާޓް ފޮނުވާލި ބޯޅައެއް ބެންގަލޫރުގެ ކުޅުންތެރިއަކު އަތުގައި ޖެހުނުކަމަށް ބުނެ މާޒިޔާއިން ވަނީ ޕެނަލްޓީއަކަށް އެޕީލްކޮށްފަ އެވެ. މާޒިޔާއިން ލީޑު ނެގި ގޯލު އައިސަމް ދިން ޕާހަކުން ޖެހީ ފޭދޫ އިއްބެ އެވެ. އޭރިޔާ ތެރޭގައި ހުރެފައި ފޭދޫ އިއްބެ ތިރިތިރިން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނަށެވެ. އިއްބެގެ ގޯލު ހާއްސަކުރީ ދާދިފަހުން އޭނާ އަށް ލިބުނު އަލަތު ދަރިފުޅަށެވެ.

މާޒިޔާ އިން ލީޑު ނެގިތާ ފަސް ވަރަކަށް މިނެޓު ފަހުން ބެންގަލޫރުން ވަނީ ލިބުނު ޕެނަލްޓިއަކުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. ރެފްރީ މި ޕެނަލްޓީ ދިނީ އޭރިޔާ ތެރެއިން ބެންގަލޫރު ކުޅުންތެރިއަކު ބޯޅަ ހޯދަން އެރިވަގުތު މާޒިޔާގެ ކުޅުންތެރިއަކު ކުރި ފައުލަކަށެވެ. އެކަމަކު މާޒިޔާ އިން ވަނީ އެއީ ފައުލެއް ނޫންކަމަށް ބުނެ ޝަކުވާކޮށްފަ އެވެ. ބެންގަލޫރަށް ގޯލު ކާމިޔާބުކޮށްދިނީ ފްރަންސިސްކޯ ހޯސޭ ބޯގެސް (ނިލީ) އެވެ. ގޯލަށް ފަހު ބެންގަލޫރުން ވަނީ ކުރިއަށް ޖެހި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފަ އެވެ. އެކަމަކު މެޗު ނިމުމުގެ ކުރިން އަލުން ލީޑު ނަގައި މާޒިޔާ އިން ވަނީ މެޗު ކާމިޔާބުކޮށްފަ އެވެ. މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ހަމްޕު ތިރިތިރިން ހުސްކޮށްލާފައި ދިން ބޯޅަ ހޯދުމަށް ފަހު ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން މާޒިޔާ އަށް މޮޅު ޔަގީންކޮށްދިނީ ސްޓެވާޓް އެވެ.

މި ނަތީޖާއާ އެކު ބެންގަލޫރަށް ގްރޫޕް ސްޓޭޖަށް ކޮލިފައިވެވޭނީ އަމިއްލަ ދަނޑުގައި މާޒިޔާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއަދުގެ މެޗުގައި އަވޭ ގޯލެއް ޖެހުމުން އަމިއްލަ ދަނޑުގައި 1-0 އިން މާޒިޔާ ބަލިކޮށްގެން ވެސް ބެންގަލޫރަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ. ކޮންމެ ނަތީޖާއަކުން އެއްވަރުވިޔަސް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނީ މާޒިޔާ އަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!