ފުރަތަމަ ސަފްޙާ / ޚަބަރު / ބަލަން ތިބޭ، އެތުލެޓިކޯ އަށް އެންފިލްޑްގެ ބާރު ދައްކާލާނަން: ކްލޮޕް

ބަލަން ތިބޭ، އެތުލެޓިކޯ އަށް އެންފިލްޑްގެ ބާރު ދައްކާލާނަން: ކްލޮޕް

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 19 ފެބްރުއަރީ 2020

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގްގައި ރޭ އެތުލެޓިކޯ މެޑްރިޑްގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި 1-0 އިން ބަލިވި ނަމަވެސް އަންނަ މަހުގެ 11 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި އެންފިލްޑް ސްޓޭޑިއަމްގެ ބާރުދައްކާލާނެ ކަމަށް ބުނެ ލިވަޕޫލް ކޯޗު ޔާގެން ކްލޮޕް ވަރުގަދަ އިންޒާރެއްދީފި އެވެ.

އެތުލެޓިކޯގެ ދަނޑަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ލިވަޕޫލުން ހޯދި ދަނޑެވެ. އެ ސްޓޭޑިއަމުގައި ރޭ އެ ކްލަބުގެ ސަޕޯޓަރުން ވަނީ ޓީމަށް ވަރަށް ބޮޑަށް ތަރުހީބިދީ ކުޅުންތެރިންނަށް ހިތްވަރު ގެނެސްދީފަ އެވެ. އެތުލެޓިކޯ އިން ލިވަޕޫލްގެ މައްޗަށް ކުރި ހޯދި ގޯލު ހަތަރު ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސައުލް ނިގުއޭޒް އެވެ.

“މެޗަށް ޓިކެޓް ނަގާ އެތުލެޓިކޯގެ ސަޕޯޓަރުން… އެންފިލްޑަށް މަރުހަބާ” އެންފިލްޑްގެ ބާރު ދައްކާލާނެ ކަމުގެ އިޝާރާތާ އެކު ރޭގެ މެޗަށް ފަހު ކްލޮޕް ބުންޏެވެ.

ކްލޮޕް މިހެން ބުނިއިރު ލިވަޕޫލްގެ ސްޓޭޑިއަމަކީ އިދިކޮޅު ޓީމުތަކަށް ނަތީޖާ ނެރެން އުނދަގޫ ދަނޑެކެވެ. ހާއްސަކޮށް އެޓީމުގެ ސަޕޯޓަރުންގެ އާދަޔާހިލާފު ފޯރިއާއެކު އިދިކޮޅު ޓީމަށް އެ ދަނޑުގައި ކުޅެން އަބަދުވެސް އުނދަގޫވެ އެވެ. ކްލޮޕް ލިވަޕޫލާ ހަވާލުވިފަހުން ޔޫރަޕްގެ ދެ މެޗެއްގައި އެޓީމުން ވަނީ އާދަޔާ ހިލާފަށް ނަތީޖާ އަނބުރާލައިފަ އެވެ. 2016 ވަނަ އަހަރު ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ބަލިވާން ދަނިކޮށް ލިވަޕޫލުން ވަނީ ބޮރޫޝިއާ ޑޯޓްމަންޑް 3-1 އިން ކުރީގައި އޮއްވައި ފަހަތުން އަރައި 4-3 އަށް ނަތީޖާ އަނބުރާލައި ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އަދި، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީގެ ފުރަތަމަ މެޗުގައި ވަރުގަދަ ބާސެލޯނާ 3-0 އިން ކުރީގައި އޮއްވައި ލިވަޕޫލުން ވަނީ އަމިއްލަ ދަނޑުގައި 4-0 އިން ބާސެލޯނާ ބަލިކޮށް ފައިނަލަށް ދަތުރުކޮށްފަ އެވެ.

“އަބަދަވެސް އަހަރެމެން ދައްކަން އެންފިލްޑްގެ ބާރުގެ ވާހަކަ. އެ ސްޓޭޑިއަމްގެ ބާރުން އަހަރެމެނަށް ނަތީޖާ ނެރެވޭނެ. މިރޭވެސް އެތުލެޓިކޯގެ ސަޕޯޓަރުންގެ ކިބައިން އެކަން ފެނުނު. ފުރަތަމަ ހާފު އަހަރެމެން މިއޮތީ 1-0 އިން ބަލިވެފަ. ދެ ވަނަ ހާފް ކުޅޭނީ އަހަރެމެންގެ ދަނޑުގައި. އެ ސްޓޭޑިއަމުން އެތުލެޓިކޯ އަށް ތަފާތު އިހުސާސެއް ކުރެވޭނެ” މެޗަށް ފަހު ކްލޮޕް ބުންޏެވެ.

ރޭގެ މެޗުގައި އެތުލެޓިކޯގެ ގޯލާ އަމާޒުކޮށް ލިވަޕޫލަށް އެއްވެސް ހަމަލާއެއް ފޮނުވައެއްނުލެވުނެވެ. މިއީ 2015 ވަނަ އަހަރު އެ ކްލަބާ ހަވާލުވިފަހުން އިދިކޮޅު ޓީމުގެ ގޯލާ އަމާޒުކޮށް ލިވަޕޫލަށް ހަމަލާއެއް ފޮނުވާނުލެވުނު ދެ ވަނަ މެޗެވެ. އެކަމަކު މެޗަށް ފަހު ކްލޮޕް ބުނީ ނަތީޖާއާ މެދު އޭނާ ކަންބޮޑުވުމެއް ނެތް ކަމަށާއި އިންތިޒާރުކުރަނީ ދެ ވަނަ ލެގްގައި އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް ކަމަށެވެ.

ލިވަޕޫލް އަތުން ހޯދި މުހިއްމު މޮޅުގައި އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ ސަޕޯޓަރުންގެ ދައުރު ފާހަގަކޮށްފަ އެވެ. ރޭގެ މެޗަށް ނުކުތްއިރު ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން އެތުލެޓިކޯ އަށް ލިބުނީ އެންމެ މޮޅެކެވެ. ސްޕެނިޝް ކޮޕަ ޑެލް ރޭ އިން އެޓީމު ކެޓީ ވެސް ތިން ވަނަ ޑިވިޝަނުގެ ޓީމެއް އަތުން ބަލިވުމުންނެވެ.

ސިމިއޯނީ ބުނީ ރޭގެ މެޗަކީ 2011 ވަނަ އަހަރު އެ ކްލަބާ ހަވާލުވިފަހުން ސަޕޯޓަރުންގެ ފަރާތުން ޓީމަށް އެންމެ ބޮޑު ތަރުހީބެއް ލިބުނު މެޗު ކަމަށެވެ.

“މި ކްލަބުގައި އަހަރެން ހޭދަކުރި އަށް އަހަރުގައި މިވަރުގެ ސަޕޯޓެއް އަހަރެން މީގެ ކުރިން ނުދެކެން. ހުރިހާ ސަޕޯޓަރުން ތިބީ އެކަތިގަނޑަކަށް. މިއީ ވަރަށް އުފާވެރި އިހުސާސެއް” މެޗަށް ފަހު ސިމިއޯނީ ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!