ފުރަތަމަ ސަފްޙާ / ޚަބަރު / ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން މާޒިޔާ އަށް މިއަދު ހިތްވަރުދީ: އަސަދުﷲ

ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން މާޒިޔާ އަށް މިއަދު ހިތްވަރުދީ: އަސަދުﷲ

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 19 ފެބްރުއަރީ 2020

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގްގައި މިއަދު ހަވީރު ސަރަހައްދުގެ ގަދަބާރު އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ނުކުންނައިރު ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ރާއްޖޭގެ ސަޕޯޓަރުން މާޒިޔާ އަށް ތަރުހީބު ދިނުމަށް ޓީމުގެ ފަރާތުން ކެޕްޓަން އަސަދުﷲ އަބްދުﷲ އެދިއްޖެ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދަން ކުރާ މަސައްކަތުގައި މިއަދުގެ މެޗުން ރަނގަޅު ނަތީޖާއެއް ނެރުން މާޒިޔާ އަށް މުހިއްމެވެ. 2018 ވަނަ އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދި ޓީމުގެ ހައިސިއްޔަތުން މާޒިޔާ މިފަހަރު ވާދަކުރަނީ އޭއެފްސީ ކަޕްގެ ކޮލިފައިންގަ އެވެ. ޕްލޭއޮފް ބުރުން މާޒިޔާ ފުރުސަތު ހޯދީ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގެ މެޗުގައި ބަންގަލަދޭޝްގެ ޑާކާ އަބަހާނީގެ މައްޗަށް އަވޭ ގޯލުގެ އުސޫލުން ކުރި ހޯދައިގެންނެވެ.

މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަސަދުﷲ ބުނީ މިއަދު އެޓީމު ތަމްސީލުކުރާނީ މުޅި ގައުމުކަމަށާއި އެހެންވެ ސަޕޯޓަރުންގެ އެހީއަކީ ނަތީޖާ ނެރުމަށް މުހިއްމު ބާރަކަށް ވާނެ ކަމަށެވެ. އަނެއްކޮޅުން ބެންގަލޫރު އަތުން މާޒިޔާ އަށް ކުރި ހޯދިއްޖެ ނަމަ އޭއެފްސީ ކަޕްގެ ތާރީހުގައި މިހާތަނަށް ރާއްޖެ އަށް ލިބިފައިނުވާ ކުރިއެރުމެއް ލިބޭނެ އެވެ. އެއީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ދެ ކްލަބެއް އޭއެފްސީ ކަޕްގެ އެއް ގްރޫޕެއްގައި ހިމެނުމެވެ. މާޒިޔާ އާއި ބެންގަލޫރު މެޗުންކުރި ހޯދާ ޓީމު ވާދަކުރާ ގްރޫޕުގައި ރާއްޖޭން ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބެވެ. ޓީސީގެ އިތުރުން މި ގްރޫޕުގައި ހިމެނެނީ އިންޑިއާގެ ޗެންނާއި އެފްސީ އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ.

“ހުރިހާ ސަޕޯޓަރުން ވެސް ހަމައެކަނި ކްލަބެއް ގޮތަށް ދެކިގެނެއް ނޫން. ގައުމީ ކަމެއްގެ ގޮތަށް ދެކިގެން މި ރީޖަންގެ ފުޓްބޯޅަ ގްރޫޕުގަ ރާއްޖޭގެ ދެޓީމު އޮތުމަށް ހުރިހާ ސަޕޯޓަރުން ވެސް ތަރުހީބު ދިނުމަށް ދަނޑަށް އައުމަކީ މާޒިޔާ އަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް” މާޒިޔާ އަށް މި ސީޒަނުގައި 13 ގޯލު ކާމިޔާބުކޮށްދީފައިވާ ފޯވާޑް ބުންޏެވެ.

ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ނުކުތް މާޒިޔާ ޓީމް. މިއަދު ބެންގަލޫރާ ދެކޮޅަށް ނުކުންނައިރު ދިވެހި ސަޕޯޓަރުންގެ އެހީއަށް އެޓީމުން އެދޭ. – ފޮޓޯ: މާޒިޔާ

އަސަދުﷲ ބުނީ އެއް ގްރޫޕެއްގައި ރާއްޖޭގެ ދެޓީމު އޮތުމަކީ ސަރަހައްދުގެ އެންމެ ގަދަ ބާރަށް ރާއްޖެ ވުން ފަދަ ކަމެއް ކަމަށެވެ.

އިންޑިއާ އާއި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ވާދަކުރާ މެޗުތަކެކޭ އެއްގޮތަށް ދެގައުމުގެ ކްލަބްތައް ކުޅޭ މެޗުތަކުން ވެސް ފެންނަނީ ގައުމީ ވާދަވެރިކަމެވެ. އެހެންވެ ކްލަބް ލެވެލްގެ ޓީމުތައް ކުޅުނަސް ކުޅުންތެރިންގެ ފަރާތުން ފެނިގެންދަނީ ގައުމީ ޖޯޝެވެ. އަސަދުﷲ ބުނީ ރީޖަންގެ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ނުކުންނައިރު އެޓީމުން މިއަދު އިތުރު ހިތްވަރެއް ލާނެކަމަށެވެ.

“ކޮންމެ މެޗަކަށް ނުކުންނައިރު ވެސް ހާއްސަ ރޫހެއްގަ ނުކުންނާނީ. ދެން ހަމަ ބޮޑު ޓީމަކާ ދެކޮޅަށް ނުކުންނައިރު އިތުރު ރޫހެއްގަ ނުކުމެގެން ވާނީ. އެގޮތަށް ބަލާއިރު މި ރީޖަންގެ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް މި ނުކުންނަނީ. ހުރިހާ ކުޅުންތެރިން ވެސް ނުކުންނާނީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން” އަސަދުﷲ ބުންޏެވެ.

މިއަހަރުގެ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށް މާޒިޔާ އިން ވަނީ އަންނަ އަހަރުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފަ އެވެ. ދިވެހި ފުޓްބޯޅައިގެ ފޯރި ކެނޑިފައި އޮތަސް މާޒިޔާ އިން އަންނަނީ އެ ކްލަބް ރަނގަޅު ފެންވަރަކަށް ހިންގައި ރާއްޖެ އަށް ކާމިޔާބީ ހޯދައިދޭން މަސައްކަތް ކުރަމުންނެވެ. އޭގެ އެއް ހެއްކަކީ މިދިޔަ އަހަރު ބައިނަލްއަގްވާމީ ކްލަބް މުބާރާތެއްގައި މާޒިޔާގެ ޔޫތު ޓީމުން އިންޑިއާގައި ޗެމްޕިއަންކަން ހޯދުމެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާން އަމާޒުހިފައި މާޒިޔާއިން ވަނީ އެންމެ ފަހުގެ ޓްރާންސްފާ ބާޒާރުގައި ޓީމު އިތުރަށް ވަރުގަދަކޮށްފަ އެވެ. ބިދޭސީ ދެ ޑިފެންޑަރުންގެ އިތުރުން އެޓީމު ވަނީ ގައުމީ ޓީމުގެ އުއްމީދީ މިޑްފީލްޑަރު އިބްރާހީމް އައިސަމް ގެނެސްފަ އެވެ. ޓީމު އިތުރަށް ވަރުގަދަކޮށް މާޒިޔާ އިން ކޮލިފައިން އަށް ތައްޔާރުވީ ބެންގަލޫރު ކަހަލަ ވަރުގަދަ ޓީމުތަކާ ވާދަކުރަން ޖެހޭނެކަން އެނގިތިބެ އެވެ. މިއަދު ބެންގަލޫރާ ދެކޮޅަށް ނުކުންނަ މާޒިޔާ ޓީމުގައި އެންމެ ފަހުން އެކުލަވާލީ ގައުމީ ސްކޮޑުގެ 10 ކުޅުންތެރިން ހިމެނެ އެވެ. އެހެންވެ އެޓީމުގެ އަމާޒަކީ މީގެ ކުރިން ބެންގަލޫރާ ދެކޮޅަށް ނަތީޖާ ނުނެރެވުނު ނަމަވެސް މިފަހަރު އެކަން ބަދަލުކުރުމެވެ. އޭއެފްސީ ކަޕްގައި މިހާތަނަށް މާޒިޔާއިން ބެންގަލޫރާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. 2017 ވަނަ އަހަރުގެ ދެ މެޗުން ވެސް 1-0 އިން ބަލިވިއިރު އަނެއް ބުރުން ފުރުސަތު ނުލިބުނީ ޕޮއިންޓުގެ ގޮތުން އެއްވަރުވެ ފައިދާ ގޯލުން ބެންގަލޫރުގެ މައްޗަށް ކުރި ނުލިބުމުންނެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދެޓީމުގެ ކޯޗުންނާއި ކެޕްޓަނުން. – ފޯޓޯ: މާޒިޔާ

މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު މަރްޔާން ސެކޮލޮވްސްކީ ބުނީ ކުރީގެ ތަޖުރިބާއާ އެކު ބެންގަލޫރު ބަލިކުރަން މިފަހަރު މާޒިޔާ އިން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ.

“ހުރިހާ ކަމެއް ރަނގަޅު ކޮށްގެން ބެންގަލޫރާ ދެކޮޅަށް ނަތީޖާ ނެރެވޭނީ. މާޒިޔާގެ ސަމާލުކަން ބަހައްޓަން ވީ އެންމެ މޮޅަށް ކުޅެ ނަތީޖާ ނެރެން. އެއީ ވަރުބަލިވިޔަސް ނުވަތަ އެހެން ކަމެއް ދިމާވިޔަސް” މާޒިޔާއާ އެކު ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ކޯޗު ބުންޏެވެ.

ބެންގަލޫރުން ވަނީ 2018 ވަނަ އަހަރު ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް ދެ މެޗު ކުޅެފަ އެވެ. ޕްލޭއޮފް ބުރުގައި އެޓީމުން ޓީސީގެ މައްޗަށް ކުރި ހޯދި ނަމަވެސް ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަން އަތުން އެޓީމު ވަނީ 2-0 އިން ބަލިވެފަ އެވެ. އެކަމަކު އެޓީމުން ވަނީ މިހާތަނަށް ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެފަ އެވެ. ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް ރެކޯޑް ރަނގަޅަސް ބެންގަލޫރުގެ ސްޕެއިން ކޯޗު ކާލެސް ކުއަޑްރާޓް ބުނީ މީގެ ކުރިން އެޓީމަށް މޮޅު ލިބިފައިވަނީ ކުޑަ ތަފާތަކުން ކަމަށާއި އެހެންވެ މި މެޗުގައި ފޭވަރިޓުންނަކީ އެމީހުން ކަމަށް ގަބޫލުކުރަން އުނދަގޫ ކަމަށެވެ.

“ފޭވަރިޓުންނޭ ބުނަން އުނދަގޫ. ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ރަނގަޅު ތާރީހެއް އޮތަސް ގިނަ މެޗުތަކުން މޮޅުވީ ކުޑަ ތަފާތަކުން. އެހެންވެ މި މެޗުން ނަތީޖާ ނެރެވޭނީ އަހަރެމެން ވެސް ވަރަށް މަސައްކަތް ކޮށްގެން” ބެންގަލޫރުގެ ކޯޗު ކުއަޑްރާޓް ބުންޏެވެ.

ޕްލޭއޮފް ބުރުން ބެންގަލޫރު ފުރުސަތު ހޯދީ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ޕަރޯ އެފްސީގެ މައްޗަށް 10-1 ގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. ބޫޓާނުގައި ކުޅުނު މެޗުން 1-0 އިން ބެންގަލޫރު މޮޅުވިއިރު އަމިއްލަ ދަނޑުގައި އެޓީމުން ވަނީ 9-1 އިން މެޗު ކާމިޔާބުކޮށްފަ އެވެ.

ސަރަހައްދީ ފުޓްބޯޅައިގައި އިންޑިއާ ދެކޮޅަށް އަބަދުވެސް އެންމެ ރަނގަޅު ކުޅުމެއް ދައްކަނީ ރާއްޖޭންނެވެ. އެހެންވެ ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް ކުޅޭއިރު އިންޑިއާގެ ކްލަބްތަކަށް އަބަދުވެސް ޕްރެޝަރު އޮވެ އެވެ. ބެންގަލޫރުގެ މައްޗަށް ކުރި ހޯދައި މާޒިޔާ އަށް ޓީސީއާ އެއް ގްރޫޕުން ފުރުސަތު ލިބިއްޖެ ނަމަ އެއީ ދިވެހި ފުޓްބޯޅަ އަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. އެހެންވެ މުޅި ޓީމުގެ ފަރާތުން އަސަދުﷲ އެދުނު ގޮތަށް މިއަދު މިއީ ގައުމީ ކަމެއްގެ ގޮތުގައި ދެކި ހުރިހާ ސަޕޯޓަރުން ވެސް މާޒިޔާ އަށް ސަޕޯޓްކުރަން ދާންވީ ދުވަހެވެ.

މާޒިޔާ އާއި ބެންގަލޫރު ވާދަކުރާ މެޗު ގަލޮޅު ދަނޑުގައި ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!