ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގްގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލްގެ މައްޗަށް ސްޕެނިޝް ލީގުގައި ފޯމު ގެއްލިފައި އޮތް އެތުލެޓިކޯ މެޑްރިޑުން ކުރި ހޯދައިފި އެވެ. މިދިޔަ އަހަރު ލިވަޕޫލުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މޮޅުވީ 1-0 އިންނެވެ.
މުހިއްމު މޮޅާއެކު އެތުލެޓިކޯ އަށް ދެން ޖެހޭނީ ލިވަޕޫލްގެ ދަނޑުގައި އަންނަ މަހުގެ 11 ވަނަ ދުވަހު ކުޅޭ ދެ ވަނަ ލެގްގެ މެޗުގައި ބަލިނުވެ ފަރުޖައްސާލާށެވެ. އެކަމަކު ޔޫރަޕްގައި އިދިކޮޅު ޓީމަށް ނަތީޖާ ނެރެން އެންމެ އުނދަގޫ އެއް ދަނޑުގައި ލިވަޕޫލް ހިފަހައްޓާލުމަކީ ފަސޭހަކަ ކަމަކަށް ނުވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ލިވަޕޫލްގެ މައްޗަށް އެތުލެޓިކޯ އިން ރޭ ކުރި ހޯދިއިރު އެޓީމުގެ ގޯލާ އަމާޒުކޮށް އެއްވެސް ހަމަލާއެއް ލިވަޕޫލަށް ފޮނުވައެއް ނުލެވުނެވެ. މެޗުގެ ދެ ވަނަ ހާފުގައި އެޓީމުގެ ދެ ތަރިން ކަމަށްވާ މުހައްމަދު ސަލާހް އާއި ސަޑިއޯ މާނޭގެ ބަދަލުގައި ޑިވޮކް އޮރީގީ އާއި އެލެކްސް އޮކްސްލޭޑް ޗަމްބެލިން އަރުވައިގެން ވެސް ކޯޗު ޔާގެން ކްލޮޕަށް އެތުލެޓިކޯގެ ވަރުގަދަ ޑިފެންސާ ކުޅެވޭ ގޮތެއްނުވި އެވެ.
މެޗުގެ ހަމައެކަނި ގޯލު ހަތަރު ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކޯނަރަކުން އުފެއްދި ހަމަލާއެއްގައި ސައުލް ނިގުއޭޒް އެވެ. ނިގުއޭޒް ގޯލު ޖެހި މެޗެއްގައި އެތުލެޓިކޯ އިން މިހާތަނަށް ބަލިވެފައެއްނުވެ އެވެ. އޭނާ ގޯލު ޖެހި 37 މެޗުގެ ތެރެއިން 33 މެޗުން އެތުލެޓިކޯ މޮޅުވިއިރު އެއްވަރުވީ ހަތަރު މެޗުންނެވެ.
މެޗުގައި ގޯލާ އަމާޒުކޮށް ލިވަޕޫލަށް ހަމަލާއެއް ފޮނުވާ ނުލެވުނު ނަމަވެސް މުހައްމަދު ސަލާހް އާއީ ޖޯޑެން ހެންޑަސަނަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ދެ ފުރުސަތު ލިބި ބޭނުންނުހިފިފަ އެވެ. ސަލާހް ބޮލުން ފޮނުވާލި ހަމަލާ ގޯލުގެ ދަނޑި ކައިރިން ބޭރަށް ދިޔައިރު ހެންޑަސަން ފޮނުވާލި ބޯޅަ ވެސް ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. ފުރަތަމަ ހާފުގައި ސަލާހް ފޮނުވާލި ހަމަލާއެއް އެތުލެޓިކޯގެ ޑިފެންޑަރަކު ވަނީ ބޮލުން ބްލޮކްކޮށްލާފަ އެވެ. މެޗުގައި ލީޑު ފުޅާކުރަން އެތުލެޓިކޯގެ އަލްވާރޯ މޮރާޓާ އަށް ލިބުނު ފުރުސަތުތައް ބޭނުމެއް ނުހިފުނެވެ. އެއް ހަމަލާ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ހިފެހެއްޓިއިރު ދެން ލިބުނު ބޯޅަ މޮރާޓާ އަށް ރަނގަޅަށް ލައްވާލާ ގޮތެއްނުވި އެވެ.
މެޗަށް ފަހު ކްލޮޕް ބުނީ ނަތީޖާއާ މެދު އޭނާ އަށް ކަންބޮޑުވުމެއް ނެތްކަމަށާއި މިހާރު އިންތިޒާރުކުރަނީ އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗަށް ކަމަށެވެ.
“ނަތީޖާއާ މެދު އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. މިރޭ އަހަރެންނަށް ފެނުނު އެތުލެޓިކޯގެ އެންމެންގެ ފަރާތުން އުފާވެރިކަން. އެއީ އެމީހުނަށް ލިބުނު ބޮޑު މޮޅުގެ ސަބަބުން ލިބުނު އުފާވެރިކަމެއް. އަހަރެން މިހާރު މި އިންތިޒާރުކުރަނީ ދެ ވަނަ ލެގަށް” މިދިޔަ ދެ ސީޒަނުގައި ވެސް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ގެންގޮސްދިން ކޯޗު ބުންޏެވެ.
ލިވަޕޫލް އަތުން ހޯދި މުހިއްމު މޮޅަށް ފަހު އެތުލެޓިކޯގެ ސަޕޯޓަރުންނާއި ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ ދުނިޔޭގެ އެންމެ މޮޅު ޓީމު ބަލިކުރެވުނަސް އަދި އެއް ލެގު އޮތުމުން މެޗު ނުނިމޭ ކަމަށެވެ.
“ދުނިޔޭގެ އެންމެ މޮޅު ޓީމު މިތަނުގަ އަހަރެމެން އަތުން ބަލިވެއްޖެ. އެކަމަކު އަދި މި ނިމުނީ އެއް މެޗު. އަނެއް މެޗު އޮތީ. ލިވަޕޫލަށް ފުރުސަތުތައް ލިބުނު. އެމީހުން ވަރަށް ނުރައްކާކުރި. ހުރިހާ މަގާމެއްގައި ވެސް އެމީހުންގެ ތިބީ މޮޅެތި ކުޅުންތެރިން” މީގެ ކުރި އެތުލެޓިކޯއާ އެކު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ދެ ފަހަރު ކުޅެ ބަލިވެފައިވާ ސިމިއޯނީ ބުންޏެވެ.
އެތުލެޓިކޯ އަތުން ލިވަޕޫލް ބަލިވިއިރު އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކަށް ލިވަޕޫލް ބަލިނުކުރެވޭތާ މިހާރު ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސްވެފަ އެވެ. އެތުލެޓިކޯގެ އިތުރުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އިޓަލީގެ ނަޕޯލީން ވެސް ވަނީ އަމިއްލަ ދަނޑުގައި ލިވަޕޫލް 1-0 އިން ބަލިކޮށްފަ އެވެ. މި ދެމެޗުގެ އިތުރުން ލިވަޕޫލް މި ސީޒަނުގައި ބަލިވީ ޒުވާން ކުޅުންތެރިންނާ އެކު އެސްޓަން ވިލާއާ ދެކޮޅަށް ރަށުން ބޭރުގައި ނުކުތް އިނގިރޭސި ލީގު ކަޕްގެ މެޗުންނެވެ.