އެފްއޭއެމް އިން ފަހިކޮށްދިން ފުރުސަތެއްގައި މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާ ރާއްޖޭގެ ޓީސީ ސްޕޯޓްސް ގަތަރު ޓްރެއިނިން ކޭމްޕަކަށް މިއަދު ފުރައިފި އެވެ.
އޭއެފްސީ ކަޕްގައި ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ގްރޫޕުގައި ޓީސީއާ އެކު ހިމެނުނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ. މި ގްރޫޕުގައި ދެން ވާދަކުރާނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ ކުޅޭ ޕްލޭއޮފް މެޗުން މޮޅުވާ ޓީމެކެވެ. ބެންގަލޫރުގެ މައްޗަށް މާޒިޔާ ކުރި ހޯދައިފި ނަމަ ގްރޫޕް ސްޓޭޖުގައި މާޒިޔާ އާއި ޓީސީ ވާދަކުރާނެ އެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޓީސީ އަށް ފުރުސަތު ލިބުނީ 2018 ވަނަ އަހަރުގެ ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ. އެޓީމަށް މިދިޔަ އަހަރު އޮތް އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނީ ކްލަބް ލައިސަންސިން ކަންތައް ރާއްޖޭގެ ކްލަބްތަކަށް ފުރިހަމަ ނުކުރެވުމުންނެވެ. އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގައި ޓިސީން އަންނަ މަހުގެ 12 ވަނަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ބަޝުންދުރާ ކިންގްސްއާ އެވެ.
ޓީސީން ވަނީ 2018 ވަނަ އަހަރު އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރާއި ޕްލޭއޮފް ބުރުގައި ކުޅެފަ އެވެ. ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން އަތުން ޕްރިލިމިނަރީ ބުރުގައި މޮޅުވި ނަމަވެސް ޕްލޭއޮފްގައި ބެންގަލޫރާ ވާދަކޮށް އެގްރިގޭޓުން ބަލިވުމުން އެ އަހަރުގެ ގްރޫޕް ސްޓޭޖުން ޓީސީ އަށް ފުރުސަތެއް ނުލިބުނެވެ.
ގަތަރުގެ ޓްރެއިނިން ކޭމްޕް ނިންމާފައި ޓީސީ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު އެވެ. އޭއެފްސީ ކަޕް މެޗުގެ ކުރިން އެޓީމުން އަންނަ މަހުގެ ފަސް ވަނަ ދުވަހު ފަށާ އެފްއޭ ކަޕްގެ ފުރަތަމަ މެޗުގައި ކްލަބް އޭދަފުއްޓާ ދެކޮޅަށް ނުކުންނާނެވެ. އޭދަފުށި އަތުން މޮޅުވެއްޖެ ނަމަ ސެމީ ފައިނަލުގައި ޓީސީ ވާދަކުރަން ޖެހޭނީ ކްލަބް އީގަލްސް އާއި ވިލިމާލެ ޔުނައިޓެޑް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. އެފްއޭ ކަޕްގެ އިތުރުން ޕްރެސިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި ޓީސީ ނުކުންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.
މިއަހަރުގެ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށް އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން މާޒިޔާ ވަނީ ފުރުސަތު ހޯދައިފަ އެވެ. ޓިސީ އަށް އަންނަ ސީޒަނުގެ އޭއެފްސީ ކަޕްގެ ކޮލިފައިން އިން ފުރުސަތު ލިބޭނީ އެފްއޭ ކަޕް ކާމިޔާބުކޮށްގެންނެވެ.
ޓީސީ ހިމެނޭ ގްރޫޕްގެ ފަހު ޓީމު ކަށަވަރުކުރަން ކުޅޭ ޕްލޭއޮފްގެ ފުރަތަމަ ލެގްގެ މެޗުގައި މާޒިޔާއިން މާދަމާ ގަލޮޅު ދަނޑުގައި ބެންގަލޫރާ ދެކޮޅަށް ނުކުންނާނެ އެވެ.