އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ވާދަކުރި މެޗު 4-0 އިން ކާމިޔާބުކޮށް އާސެނަލް ލީގުގެ 10 ވަނަ އަރައި ގަދަ ހަތަރެއްގެ އުއްމީދު ބޮޑުކޮށްފި އެވެ.
ރޭގެ މޮޅަކީ މި ސީޒަނުގެ ލީގުގައި އާސެނަލުން ހޯދި ހަތް ވަނަ މޮޅެވެ. އެޓީމަށް މި ސީޒަނުގައި ދިމާވާ މައްސަލައަކީ ގިނަ މެޗުތަކެއް އެއްވަރުވުމެވެ. ރޭގެ މެޗުގެ ކުރިން ލީގުގައި ކުޅުނު ހަތަރު މެޗުން އެއްވަރުވިއިރު މުޅި ސީޒަނުގައި ލީގުގައި 13 މެޗުން އާސެނަލް ވަނީ އެއްވަރުވެފަ އެވެ.
މެޗަށް ފަހު ކޯޗު މިކެލް އާޓެޓާ ބުނީ ބްރޭކަށް ފަހު އެޓީމުން ބޭނުންވީ އެއްވަރުވާ މެޗުތައް މޮޅަށް ބަދަލުކޮށް އިތުބާރު އަލުން ގެންނަން ކަމަށެވެ.
“ބްރޭކަށް ފަހު އަހަރެމެން ބުނަމުން ދިޔައީ މަތީގައި އުޅޭ ޓީމުތަކާ ކައިރިކޮށް އެއްވަރުވާ މެޗުތައް މޮޅަށް ބަދަލުކުރަން. މިއަދު މިއީ އޭގެފަހުން ލިބުނު ފުރަތަމަ ފުރުސަތު. އަހަރެމެން މި މެޗުން މޮޅުވިއިރު ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް” ލީގުގައި އާސެނަލާއެކު ހޯދި ދެ ވަނަ މޮޅަށް ފަހު އާޓެޓާ ބުންޏެވެ.
އާޓެޓާ ވަނީ ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ފުރަތަމަ ފަހަރަށް 20 އަހަރުގެ ފޯވާޑް އެޑީ އެންކެޓިއޭ ހިމަނައިފަ އެވެ. އެންކެޓިއޭ މިދިޔަ މަހު އާސެނަލަށް އެނބުރި އައީ ލޯނު އުސޫލުން ލީޑްސް ޔުނައިޓެޑްގައި ފަސް މަސް ހޭދަކޮށްފަ އެވެ.
ފުރަތަމަ ހާފުގައި ނިއުކާސަލުން ވަނީ ރަނގަޅަށް ކުޅެ އާސެނަލްގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އާސެނަލުން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކައިގެންނެވެ. ފުރަތަމަ ގޯލު 54 ވަނަ މިނެޓުގައި ޕިއޭ އެމެރިކް އޮބާމިޔަން ޖެހިއިރު އޭގެ ތިން މިނެޓު ފަހުން އެޓީމުގެ ދެ ވަނަ ގޯލު ޖަހައިދިނީ މޮޅު ކުޅުމެއް ދެއްކި ނިކޮލަސް ޕެޕޭ އެވެ. އާސެނަލަށް ލީޑު ފުޅާކޮށްދިން ގޯލުތައް ޖަހައިދިނީ މެސުތު އޮޒިލް އާއި ބެންޗުން ކުޅެން އެރި އަލެކްސަންޑަ ލަކަޒެޓް އެވެ.
ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އިން ވާދަވެރި ކުޅުމަކަށް ފަހު އެސްޓޮން ވިލާ އަތުން 3-2 އިން މޮޅުވެފަ އެވެ. މެޗުގައި އެސްޓަން ވިލާ އަށް ލީޑު ލިބުނީ ޓޮޓެންހަމްގެ ޑިފެންޑަރު ޓޮބީ އަލްޑަވެއިރަލްޑް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލްޑެވެއިރަލްޑް ވަނީ ޓޮޓެންހަމަށް ގޯލު ޖަހައިދީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ޓޮޓެންހަމުން މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސޮން ހެއުން މިން ޖަހައިދިން ގޯލުންނެވެ. މިއީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ދިން ޕެނަލްޓީ އެއް ސޮން ޖެހުމުން އެސްޓޮން ވިލާގެ ގޯލްކީޕަރު ޕެޕޭ ރެއިނާ އަތުގައި ޖެހިފައި ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ސޮން ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ ދެ ވަނަ ހާފުގައި އެސްޓަން ވިލާ އިން ނަތީޖާ ހަމަހަމަ ކުރީ ޑިފެންޑަރު އެންގެލްސް ބޮލުން ޖަހައިދިން ގޯލުންނެވެ. އެކަމަކު އެންގަލްސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ އިތުރު ވަގުތުގައި ސޮން ވަނީ ޓޮޓެންހަމް މޮޅުކޮށްދިން ގޯލު ޖަހައިފަ އެވެ.
ރޭގެ މެޗުތަކާއެކު އާސެނަލާއި ޓޮޓެންހަމް ވެސް ވަނީ ގަދަ ހަތަރަކަށް ކުރާ އުއްމީދު ބޮޑުކޮށްފަ އެވެ. އާސެނަލުން 34 ޕޮއިންޓާއެކު 10 ވަނަ އަށް ކުރިއަށް ޖެހިލިއިރު ޓޮޓެންހަމް އޮތީ 40 ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ. 41 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް ޗެލްސީ އާއި އާސެނަލާ ދެމެދު އޮތީ ހަތް ޕޮއިންޓުގެ ފަރަގެކެވެ.
ލީގުގައި މިރޭ ކުޅޭނީ ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑެވެ. ގަދަ ހަތަރަކުން ޖާގަ ހޯދަން މި މެޗަކީ ދެ ޓީމަށް ވެސް މޮޅުވާން މުހިއްމު މެޗެކެވެ.