ރަށުން ބޭރުގައި ނޯވިޗް ސިޓީ އަތުން 1-0 އިން ހޯދި އުނދަގޫ މޮޅާއެކު އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ލިވަޕޫލުން 25 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
30 އަހަރުގެ ދިގު އިންތިޒާރަށް ފަހު ލިވަޕޫލުން މި ސީޒަނުގެ ލީގު ޗެމްޕިއަންކަން ހޯދާނެކަން މިހާރު ގާތްގަނޑަކަށް ޔަގީންވެފައިވާއިރު ލީގުގައި ބާކީ އޮތް 12 މެޗުން ޗެމްޕިއަންކަން ކަށަވަރުކުރަން އެޓީމަށް ބޭނުންވަނީ 15 ޕޮއިންޓެވެ. މުޅި ސީޒަނުގައި މިހާތަނަށް ލީގުގައި ކުޅުނު 26 މެޗުގެ ތެރެއިން އެޓީމުން ވަނީ 25 މެޗު ކާމިޔާބުކޮށްފަ އެވެ. އެއްވަރުވީ ރަށުން ބޭރުގައި މެންޗެސްޓަރ ޔުނައިޓެޑާ ވާދަކުރި މެޗުންނެވެ.
ރޭގެ ނަތީޖާއާ އެކު ލިވަޕޫލުން ވަނީ ލީގުގައި ބަލިނުވެ 43 މެޗު ކުޅެފަ އެވެ. އެޓީމު އެންމެ ފަހުން ލީގު މެޗަކުން ބަލިވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު އެވެ. އިނގިރޭސި ފުޓްބޯޅަ ތާރީހުގައި ބަލިނުވެ އެންމެ ގިނަ މެޗު ކުޅެފައިވަނީ 49 މެޗު ހަމަކޮށްފައިވާ އާސެނަލެވެ. ލިވަޕޫލުން ލީގުގައި ދެން ކުޅޭ ހަ މެޗު ކާމިޔާބުކޮށްގެން އާސެނަލްގެ ރެކޯޑާ އެއްވަރު ކުރެވޭނެ އެވެ. އެޓީމުން ލީގުގައި ކުޅޭ 49 ވަނަ މެޗަކީ ރަށުން ބޭރުގައި މެންޗެސްޓަރ ސިޓީއާ ވާދަކުރާ މެޗެވެ.
ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 76 ޕޮއިންޓް ހޯދައިގެންނެވެ. 25 ޕޮއިންޓް ފަހަތުން ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް 51 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް ލިބިފައިވަނީ 50 ޕޮއިންޓެވެ.
ރޭގެ މެޗު ނިމެން 12 މިނެޓަށް ވެފައިވަނިކޮށް ލިވަޕޫލްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަނިޔާއިން އެނބުރި އައި ސަޑިއޯ މާނޭ އެވެ. އަނިޔާގެ ސަބަބުން ލިވަޕޫލުން އެންމެ ފަހުން ލީގުގައި ކުޅުނު ދެ މެޗުގައި މާނޭ ކުޅެފައެއްނުވެ އެވެ. މުޅި މެޗު ލިވަޕޫލުން ޑޮމިނޭޓްކޮށްގެން ކުޅުނު ނަމަވެސް ނޯވިޗުން ވަނީ ކައުންޓަ އެޓޭކުގައި ނުރައްކާތެރި ދެ ހަމަލާއެއް އުފައްދައިފަ އެވެ. ފުރަތަމަ ހާފުގައި ޓީމޫ ޕޫކީ އަށް ލިބުނު ހުސް ފުރުސަތަށް ހުރަސްއެޅި ކީޕަރު އެލިސަން ބެކާ އެވެ. އޭގެފަހުން ދެ ވަނަ ހާފުގައި އެރިޔާ ބޭރުން ނޯވިޗްގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅަ ވަނީ އަރިމަތީ ދަނޑިއަށް އަމާޒުވެފަ އެވެ.
ލީގުގައި މިރޭ ޓޮޓެންހަމުން އެސްޓަން ވިލާއާ ދެކޮޅަށް ނުކުންނައިރު އާސެނަލުން ނިއުކާސަލް ޔުނައިޓެޑާ ވާދަކުރާނެ އެވެ.