ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-1 އިން ގެޓާފޭ ބަލިކޮށް ޗެމްޕިއަން ބާސެލޯނާ އިން އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާއި ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފި އެވެ.
ބާސެލޯނާ އާއި ރެއާލަށް ވެސް 52 ޕޮއިންޓް ލިބިފައިވާއިރު އެއް ވަނަ ރެއާލަށް ލިބެނީ ފައިދާ ގޯލުންނެވެ. އެކަމަކު ލީގުގައި މިރޭ ސެލްޓަ ވީގޯ ބަލިކޮށްގެން ރެއާލަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ. ލީގު ތާވަލުގެ ތިން ވަނައިގައި އޮތީ ރޭ ބާސެލޯނާ އަތުން ބަލިވި ގެޓާފޭ އެވެ. އެޓީމަށް 42 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި 40 ޕޮއިންޓާއެކު އޮތީ އެތުލެޓިކޯ މެޑްރިޑެވެ.
ބާސެލޯނާގެ ގޯލުތައް ރޭ ޖަހައިދިނީ އޮންޓުއަން ގްރީޒްމަން އާއި ސާޖި ރޮބާޓޯ އެވެ. މެޗުގެ 33 ވަނަ މިނެޓުގައި ގްރީޒްމަން ބާސެލޯނާ އަށް ލީޑު ނަގައިދިނީ ލިއޮނަލް މެސީ ދިން މޮޅު ޕާހަކުންނެވެ. އޭގެ އިރުކޮޅެއް ފަހުން ސާޖި ރޮބާޓޯ ބާސެލޯނާ އަށް ލީޑު ފުޅާކޮށްދިނީ ޖޫނިއާ ފިރްޕޯ އަރިމަތިން ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މެޗުގައި ގެޓާފޭގެ އެލަން ނިޔޯމް ޖެހި ގޯލެއް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ވަނީ ކެންސަލްކޮށްފަ އެވެ. ނިންމުން ބަދަލުކުރީ އެވަގުތު ގެޓާފޭގެ ކުޅުންތެރިޔާ ބާސެލޯނާގެ ޑިފެންޑަރު ސަމުއެލް އުމްޓިޓީ އަށް ފައުލް ކުރުމުންނެވެ.
ގެޓާފޭގެ ހަމައެކަނި ގޯލު 18 ޔާޑު ދުރުން ކާމިޔާބުކޮށްދިނީ ހާއްސަ ހުއްދައެއްގެ ދަށުން ބާސެލޯނާއިން ގެންނަން މަސައްކަތްކުރަމުން އަންނަ އެންހެން ރޮޑްރިގޭޒް އެވެ. 32 އަހަރުގެ ރޮޑްރިގޭޒްގެ ޖެހި ގޯލަށް ފަހު މެޗުގެ ބާކީ ބައިގައި ބާސެލޯނާއިން ވަނީ ލީޑުގައި ހިފަހައްޓައި ތިން ޕޮއިންޓް ހޯދާފަ އެވެ. އަދި، ރޮޑްރިގޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ބާސެލޯނާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގަން ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ.
ބާސެލޯނާއިން ހާއްސަ ހުއްދައެއްގެ ދަށުން ފޯވާޑެއް ގެންނަން މަސައްކަތް ކުރަނީ އެޓީމުގެ އުސްމާން ޑެމްބެލޭ އާއި ލުއިސް ސުއަރޭޒަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމުންނެވެ. 22 އަހަރުގެ ޑެމްބެލޭގެ ފަލަމަސްގަނޑަށް އަނިޔާގެ ޖޫން މަހު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ ފުރުސަތު ވެސް ގެއްލިފައިވާއިރު ސުއަރޭޒް ވެސް އަނިޔާއިން ރަނގަޅުވެ އަނބުރާ ކުޅުމުގެ ތެރެއަށް އަންނާނެ އިރެއް އަދި ޔަގީނެއް ނުވެ އެވެ.
ސްޕެނިޝް ލަލީގާގެ ގަވައިދު ބުނާގޮތުން އަނިޔާގެ ސަބަބުން ފަސް މަހަށް ވުރެ ދިގު މުއްދަތަކަށް ކުޅުންތެރިއަކު ކުޅުމާ ދުރަށް ގޮސްފިނަމަ ލީގުގައި ވާދަކުރާ އެހެން ކްލަބަކުން ކުޅުންތެރިއަކު ހޯދޭނެ އެވެ. ގެޓާފޭގެ ރޮޑްރިގޭޒް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު އޭނާ ގެންނަން ބޭނުންނަމަ ބާސެލޯނާއިން މަދުވެގެން 7.5 މިލިއަން ޕައުންޑް ދައްކަން ޖެހޭނެ އެވެ. ކުޅުންތެރިއަކު ގެނައުމުގެ ހުއްދައަށް ބާސެލޯނާއިން މިހާރު އެދިފައިވާއިރު ކޯޗު ކީކޭ ސެޓިއެން އެންމެ ޝައުގުވެރިވަނީ ރެއާލް ސޮސިއެޑާޑަށް ކުޅެމުން އަންނަ ބްރެޒިލްގެ 28 އަހަރުގެ ފޯވާޑް ވިލިއަން ހޯސޭއަށެވެ.
ޑެމްބެލޭ އާއި ސުއަރޭޒް ނެތްއިރު ފަހަކަށް އައިސް ގްރީޒްމަންގެ ގޯލު ޖެހުމުގެ ފޯމު ވެސް ހުރީ ދަށްވެފަ އެވެ. ރޭގެ ގޯލަކީ ޑިސެމްބަރު 21 ގެ ފަހުން ލީގުގައި ގްރީޒްމަން ޖެހި ފުރަތަމަ ގޯލެވެ. އަނެއްކޮޅުން ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި މެސީ އަށް ގޯލު ޖެހިފައެއްނުވެ އެވެ. މީގެ ކުރިން މެސީގެ ގޯލު ޖެހުމުގެ ފޯމު މިވަރަށް ދަށްވީ 2013 އޮކްޓޯބަރު އިން ޖެނުއަރީ 2014 ޖެނުއަރީއާ ހަމައަށެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި މެސީ އަށް ގޯލު ނުޖެހުނު ނަމަވެސް ލީގުގައި މިދިޔަ މެޗުތަކުގައި އެޓީމުން ޖެހި ހަތް ގޯލުގެ ތެރެއިން ހަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މެސީ އެވެ.