ފުރަތަމަ ސަފްޙާ / ޚަބަރު / ޗެމްޕިއަންސް ލީގުން ސިޓީ ސަސްޕެންޑްކޮށްފި

ޗެމްޕިއަންސް ލީގުން ސިޓީ ސަސްޕެންޑްކޮށްފި

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 14 ފެބްރުއަރީ 2020

ފީފާގެ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) އުސޫލުތަކާ އިނގިރޭސި ކްލަބް މެންޗެސްޓަރ ސިޓީ ހިލާފުވި މައްސަލައިގައި އެ ކްލަބް ޔޫއެފާ ޗެމްޕިއަންސް ލީގުން ސަސްޕެންޑްކޮށްފި އެވެ. ފެއާޕްލޭ ގަވާއިދުގެ ސީރިއަސް މައްސަލަތަކެއް ތުހުމަތު ކުރެވުނު ސިޓީގެ ސަސްޕެންޝަނާ އެކު ކުރިއަށް ދެ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެޓީމަށް ވާދައެއް ނުކުރެވޭނެ އެވެ. އެކަމަކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެޓީމު ކުޅޭނެ އެވެ.

ސަސްޕެންޝަނުގެ އިތުރުން 25 މިލިއަން ޕައުންޑުން ސިޓީ ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ. މި ނިންމުން ކޯޓް އޮފް އާބިޓްރަޓޭޝަން އޮފް ސްޕޯޓްސް (ސީއޭއެސް) ގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ސިޓީ އަށް ލިބޭނެ އެވެ.

ސިޓިގެ މައްސަލަ މިދިޔަ އަހަރުގެ ފަހުކޮޅު ޔޫއެފާއިން ތަހުގީގުކުރަން ފެށީ ޖަރުމަނުގެ ނޫހަކުން އާއްމުކުރި ރިޕޯޓުތަކަކާއި ގުޅިގެންނެވެ. އެ ރިޕޯޓުތަކުން އެނގޭ ގޮތުގައި ސިޓީން އައީ ޔޫއެފާގެ ބައެއް އޮފިޝަލުންތަކަކަށް ރިޝްވަތުދީގެން ގަވާއިދު ހިލާފްވަމުންނެވެ. އަދި، އުސޫލުން ބޭރުން ކްލަބަށް ފައިސާ ހޯދުމާއި، ދަރަނިތައް ފޮރުވައި މުއާމަލާތުތައް އޮޅުންއަރާ ގޮތަށް ކުޅުންތެރިން ގަތުން ވެސް ސިޓީގެ މައްޗަށް ތުހުމަތު ކުރެވުނެވެ.

ސިޓީގެ މައްސަލަ ޔޫއެފާއިން ތަހުގީގުކުރަން ނިންމުމުން އެޓީމުން ވަނީ ސީއޭއެސް އަށް މައްސަލަ ހުށަހަޅައި ސަލާމަތްވާން މަސައްކަތްކޮށްފަ އެވެ. ސިޓީން ކުރީ ބައިގައި ކޯޓަށް މައްސަލަ ހުށަހަޅައި މަސައްކަތް ފެށީ ސަސްޕެންޝަނެއް އަތުވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.

މުސާރަ އާއި ކުޅުންތެރިން ގަންނަ ހަރަދުކުރުމުގައި މަކަރުހެދިކަން ސާބިތުވުމުން 2014 ވަނަ އަހަރު ވެސް ސިޓީ އަށް ޔޫއެފާއިން ވަނީ އަދަބުދީފަ އެވެ. އެފަހަރު އެޓީމަށް ދިން އަދަބަކީ 67.3 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމާއި ޗެމްޕިއަންސް ލީގުގައި ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭ އަދަދު މަދުކުރުމެވެ.

އިސްތިއުނާފް މަރުހަލާއަށް ފަހު ސަސްޕެންޝަން ދަމަހައްޓައިފި ނަމަ އަންނަ ސީޒަނާއި 22-2021 ވަނަ ސީޒަނުގެ ނިޔަލަށް އެޓީމަށް ޗެމްޕިއަންސް ލީގުގައި ވާދައެއް ނުކުރެވޭނެ އެވެ. ސިޓީ ސަސްޕެންޑް ކުރުމުން އެޓީމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ލިބިއްޖެ ނަމަ ލީގުގެ ފަސް ވަނަ އަށް ދާ ޓީމަށް ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެ އެވެ. އިނގިރޭސި ލީގުގެ ފަސް ވަނައިގައި މިވަގުތު އޮތީ މި ސީޒަނުގައި ލީގަށް ޕްރޮމޯޓްވި ޝެފީލްޑް ޔުނައިޓެޑެވެ.

ސަސްޕެންޝަނާ އެކު ދާދި ދެންމެއަކު ސިޓިން އާއްމުކުރި ބަޔާނެއްގައި ބުނީ ޔޫއެފާގެ ނިންމުމާ މެދު އެ ކްލަބުން މާޔޫސްވެއްޖެ ކަމަށާއި އެކަމަކު އެއީ ހައިރާކަން ލިބުނު ކަމެއް ނޫން ކަމަށެވެ. ސިޓިން ބުނީ މައްސަލަ ކުރިއަށް ގެންދަން އިސްނަގައި، ކޯޓަށް ހުށަހަޅައި މުޅި މައްސަލަ ވަކި ގޮތަކަށް ނިންމީ ވެސް ޔޫއެފާއިން ކަމަށެވެ. އެހެންވެ އެ މައްސަލައިގައި ވީ އެންމެ އަވަހަކަށް ކޯޓަށް ގޮސް އިސްތިއުނާފަށް ލާނެ ކަމަށް ސިޓީން ވަނީ ބުނެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!