ފުރަތަމަ ސަފްޙާ / ޚަބަރު / ދެ ވަނަ ޑިވިޝަން: ކްލަބް ޕީކޭ ބަލިކޮށް ސުޕަރ ޔުނައިޓެޑް ފައިނަލަށް

ދެ ވަނަ ޑިވިޝަން: ކްލަބް ޕީކޭ ބަލިކޮށް ސުޕަރ ޔުނައިޓެޑް ފައިނަލަށް

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 14 ފެބްރުއަރީ 2020

މިއަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ހޯދައިފި އެވެ. އެޓީމުން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 2-1 އިން ކްލަބް ޕާކް ކަންމަތި (ޕީކޭ) ބަލިކޮށްގެންނެވެ. ފައިނަލުގައި ސުޕަރ ޔުނައިޓެޑް ވާދަކުރާނީ ކްލަބް ވެލެންސިއާ އާއި ޖޭޖޭ ސްޕޯޓްސް ކްލަބް މިރޭ ވާދަކުރާ ދެ ވަނަ ސެމީން މޮޅުވާ ޓީމަކާ އެވެ.

ފައިނަލުގެ ޖާގަ ސުޕަރ ޔުނައިޓެޑުން ހޯދިއިރު އެޓީމު މުބާރާތުގައި މިހާތަނަށް ބަލިވެފައެއް ނުވެ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވިއިރު 10 ޕޮއިންޓާއެކު އެޓީމު ވަނީ ގްރޫޕުގެ އެއް ވަނަ ހޯދައިފަ އެވެ. ގްރޫޕް ސްޓޭޖުގައި އެޓީމަށް މޮޅު ނުވެވުނީ މަހިބަދޫ ސްޕޯޓްސް ކްލަބާ ވާދަކޮށް 2-2 އިން އެއްވަރުވި މެޗުގަ އެވެ. ކްލަބް ޕީކޭ މުބާރާތުގެ ސެމީއަށް ދަތުރުކުރީ ހަތަރު ޓީމު ހިމެނުނު ގްރޫޕުގައި ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު އެވެ.
https://www.facebook.com/fahuminet/photos/a.1753563491332424/2871480076207421/?type=3&__xts__%5B0%5D=68.ARAD5wlQw4T16M6z95-EvZe8inBIsG7GiJIlHj9vsOkiIFvFW6xCSFh-mVTlm0zE4hxETHXjtPw7prdHZcqd65r_LhOa_KBeYvd9QdaFH80grJPgTcTsKqaonQsAtstlE0MQuA9OIRW8FgaTo4gpBphFJzXn2aQREw-7qtM-VWwtjqdLlafp1lByiPZMYxOd2mQXBHntJGATP2FPnMGTJPDlco2Vg3rPyxm7nn8oM8J0QAaHO321R_WvbyrvcZ4cK9PBc2_HISMxJkscnt7ZmoRZEzxaBheDyUE-vyorIHtKcyLtr62POWnaDNZ4aslXHLzc24c4Jy9pCRMWPKKwe1I77XY81H0Usj6V4yL5Ifbxnzp9m-l73iL40kM&__tn__=-R
މިއަދުގެ މެޗުގެ ތިން ގޯލު ވެސް ފެނުނީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 10 ވަނަ މިނެޓުގައި ސުޕަރ ޔުނައިޓެޑަށް ލީޑު ނަގައިދިން ގޯލު ކާމިޔާބުކޮށްދިނީ ފުޓްސަލް ތަރި ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ. އަރިމަތިން އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) ނަގައިދިން ހުރަސް ފޯވާޑް އާދަމް ނިޒާމް (ކިތުނާ) މަޑުމަޑުން ހުޒޭ އަށް ޖައްސާލި ބޯޅަ އޭރިޔާ ތެރޭގައި ހުރެފައި ގޯލުގެ ތެރެއަށް ފޮނުވާލީ އެއްފަހަރުން ޖަހަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ސުޕަރ ޔުނައިޓެޑުގެ ދެ ވަނަ ގޯލު ޖަހައިދިނީ ކިތުނާ އެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކިތުނާ މި ގޯލު ޖެހީ އެޓީމުން ނަގައިދިން ހުރަހެއް ކްލަބް ޕީކޭގެ ގޯލްކީޕަރުގެ އަތްމަތިން އައި ބޯޅަ ހަމަޖެހިލާފައި ބޮލުން ފޮނުވާލައިގެންނެވެ. މިއީ މުބާރާތުގައި ކިތުނާ ޖެހި ހަ ވަނަ ގޯލެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްލަބް ޕީކޭ އިން ފަރަގު ކުޑަކުރީ ލިބުނު ޕެނަލްޓީއަކުން ބިދޭސީ ކުޅުންތެރިޔާ ބޯދޫ ޕްރިންސް ޖަހައިދިން ގޯލުންނެވެ.

ދެ ވަނަ ހާފުގައި ކްލަބް ޕީކޭ އިން ވަނީ ކުރިއަށް ޖެހި ނަތީޖާ ހަމަހަމަކުރަން މަސައްކަތްކޮށްފަ އެވެ. އަނެއްކޮޅުން ސުޕަރ ޔުނައިޓެޑުން ދިޔައީ އަލީ ޝިފާއު (ރޮނާ) އާއި ސޮބީ އަދި ކިތުނާގެ ބޭނުން ހިފައި ކައުންޓަ އެޓޭކުގައި ހަމަލާތައް އުފައްދަން މަސައްކަތް ކުރަމުންނެވެ. 73 ވަނަ މިނެޓުގައި ކްލަބް ޕީކޭގެ އަހުމަދު ހަމީދު އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ސުޕަރ ޔުނައިޓެޑުގެ ކީޕަރު އަބްދުﷲ ނާސިހު މަތަކުރިއިރު އިތުރު ވަގުތުގައި އޭރިޔާ ބޭރުން އެޓީމަށް ލިބުނު ހިލޭޖެހުން ޕްރިންސް ފޮނުވާލުމުން ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.
ވެލެންސިއާ އާއި ޖޭޖޭ ސްޕޯޓްސް ވާދަކުރާ ދެ ވަނަ ސެމީ ފަށާނީ މިރޭ ނުވައެއް ޖަހާއިރު އެވެ. މޮޅުވާ ޓީމެއް ފައިނަލުގައި ސުޕަރ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 20 ވާ ބުރާސްފަތި ދުވަހު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!