މިހާރު ކުރިއަށްދާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިއަދު ކުޅޭނެ އެވެ. ފުރަތަމަ ސެމީގައި މިއަދު ހަވީރު ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އާއި ކްލަބް ޕާކް ކަންމަތި (ޕީކޭ) ވާދަކުރާއިރު ދެ ވަނަ ސެމީގައި މިރޭ ކުޅޭނީ ކްލަބް ވެލެންސިއާ އާއި ޖޭޖޭ ސްޕޯޓްސް ކްލަބެވެ.
މިއަހަރުގެ ދެ ވަނަ ޑިވިޝަނުގައި ނުވަ ޓީމަކުން ބައިވެރިވިއިރު މުބާރާތުގެ މެޗުތައް ފެންނަނީ ވަރަށް ވާދަވެރިކޮށެވެ. ޗެމްޕިއަން ޓީމަށް އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބޭއިރު ސެމީގައި މިހާރު ވާދަކުރާ ޓީމުތަކުގެ ތެރެއިން ވެލެންސިއާ އަކީ 2018 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުން ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވި ޓީމެކެވެ. އަނެއްކޮޅެއް ވެލެންސިއާއާ ދެކޮޅަށް ނުކުންނަ ޖޭޖޭ ސްޕޯޓްސް އަކީ ފުރަތަމަ ޑިވިޝަނަށް އެރުމަށް މީގެ އަހަރުތަކެއް ކުރިން ފެށިގެން ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ޓީމެކެވެ. ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އިން އަންނަނީ ޗެމްޕިއަންކަން ހޯދޭނެ ފެންވަރުގެ ކުޅުމެއް މުބާރާތުގައި ދައްކަމުންނެވެ. ކްލަބް ޕީކޭ އަކީ ވެސް ވެލެންސިއާ ހިމެނުނު ގްރޫޕުން ސެމީ އަށް ދަތުރުކޮށް މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެވެ.
ގްރޫޕް އެކެއްގައި ފަސް ޓީމު ހިމެނުނުއިރު އެއް ވަނަ ޓީމުގެ ގޮތުގައި ސެމީން ފުރުސަތު ހޯދީ 10 ޕޮއިންޓް ހޯދި ސުޕަރ ޔުނައިޓެޑެވެ. އެޓީމުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފަ އެވެ. މި ގްރޫޕުގެ ދެ ވަނަ ނުވަ ޕޮއިންޓާއެކު ހޯދި ޖޭޖޭ ސްޕޯޓްސް ގްރޫޕް ސްޓޭޖުގައި ހަމައެކަނި ބަލިވީ ސުޕަރ ޔުނައިޓެޑް އަތުންނެވެ. ތިން ވަނަ އަށް ދިޔަ ދިވެހި ސިފައިންގެ ކްލަބަށް ހަ ޕޮއިންޓް ލިބުނުއިރު ހަތަރު ވަނަ ލިބުނު މަހިބަދޫ ސްޕޯޓްސް ކްލަބް ގްރޫޕް ސްޓޭޖް ނިންމާލީ ހަތަރު ޕޮއިންޓުގަ އެވެ. މަހިބަދޫ އަކީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި 2014 އަދި 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ޓީމެކެވެ. މި ގްރޫޕުން ޕޮއިންޓެއް ނުލިބި ފުލަށް ދިޔައީ ފުރަތަމަ ފަހަރަށް ދެ ވަނަ ޑިވިޝަނުގެ ފުޓްބޯޅައިގައި ވާދަކުރި ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމެވެ. ހަތަރު މެޗުން ބަލިވި ނަމަވެސް މިއީ ޒުވާން ގައުމީ ޓީމަށް ލިބުނު ރަނގަޅު ތަޖުރިބާއެކެވެ.
https://www.facebook.com/fahuminet/posts/2859144307440998
ހަތަރު ޓީމު ހިމެނުނު ގްރޫޕް ދޭއްގެ އެއް ވަނަ ހަތް ޕޮއިންޓާއެކު ވެލެންސިއާ ހޯދިއިރު ދެ ވަނަ ލިބުނު ކްލަބް ޕީކޭ ނިންމާލީ ހަ ޕޮއިންޓާއެކު އެވެ. މި ގްރޫޕުން ސެމީގެ ފުރުސަތު ނުލިބި ކެޓީ ދެ ޕޮއިންޓް ލިބުނު ކުޑަ ހެންވޭރު ޔުނައިޓެޑާއި ޕޮއިންޓެއް ލިބުނު ބީޖީ ސްޕޯޓްސް ކްލަބެވެ.
https://www.facebook.com/fahuminet/posts/2848544105167685
ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި މިހާރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޓީމަކީ 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ޓީސީ ސްޕޯޓްސް ކްލަބެވެ. އެ ކްލަބުން ވަނީ ފުރަތަމަ ޑިވިޝަނުގައި ހޭދަކުރި ހަތަރު ވަނަ ސީޒަނުގައި ރާއްޖޭގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭގެފަހުން ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ ކްލަބް ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. ގްރީން ސްޓްރީޓްސް އިން 2016 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދިއިރު ދަ ގްރާންޑޭ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ 2018 ވަނަ އަހަރު އޮތް މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޖޭޖޭ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.
ސުޕަރ ޔުނައިޓެޑާއި ކްލަބް ޕީކޭ ވާދަކުރާ ފުރަތަމަ ސެމީ މިއަދު ހަވީރު 4:10 ގައި ފަށާއިރު ދެ ވަނަ ސެމީގައި ވެލެންސިއާ އާއި ޖޭޖޭ ސްޕޯޓްސް ވާދަކުރާ މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރު އެވެ.